މިސްރުގެ ކުޑަ ޝަހަރެއް ކަމުގައިވާ ގެނާއަށް އުފަން ޓިކްޓޮކް ތަރި ނޯހާއަކީ މިހާރު ދިވެއްސެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ނޯހާއަކީ މިއަދު ގިނަ ދިވެހިންގެ މެދުގައި މަޝްހޫރު އިންފްލޫއެންސާއެކެވެ. ނޯހާ ދިވެހިންގެ މެދުގައި މަޝްހޫރުކަން ހޯދާފައިވަނީ ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު ތައްޔާރުކުރި ޓިކްޓޮކް ވީޑިއޯއަކުންނެވެ. އަލަތު ކައިވެންޏަކަށްފަހު ރާއްޖެއަށް ދިރިއުޅުން ބަދަލުކުރި އުމުރުން 29 އަހަރުގެ ނޯހާއަށް މާލޭގެ މަގުތަކުން ފެނުނީ އެކި ކުލަކުލައިގެ ދިދަތަކުން މަގުތައް ފުރާލާފައިވާ ފޯރިގަދަ ކެމްޕެއިންގެ މަންޒަރުތަކެވެ. އެ މަންޒަރުތައް ފެނުނު ނޯހާވެސް އެ ފޯރީގައި ބައިވެރިވާން ޓިކްޓޮކެއް ހެދިއެވެ. ނޯހާ ބުނީ ކެމްޕެއިން ލަވަތަކުގެ މާނަ ނޭނގުނަސް އޭނާ އެ ލަވަތައް ރޭޓް ކުރާ ޓިކްޓޮކެއް ހެދި ކަމަށެވެ. މައިންބަފައިންނާއި ވަކިން ބީރައްޓެހި ގައުމެއްގައި ދިރިއުޅުން ފެށި ނޯހާ އެ ޓިކްޓޮކް ވީޑިއޯ ހެދީ މުނިފޫހިފިލުވުމުގެ ބޭނުމުގަ އެވެ. ނޯހާ ބުނީ އޭގެ ކުރިން އޭނާ މިސްރުގައި ދިރިއުޅުނުއިރު އެހާވަރަށް ޓިކްޓޮކްގައި އެކްޓިވް ނޫން ކަމަށެވެ. ނަމަވެސް ދިވެހިންގެ ފަރާތުން ލިބުނު ލޯތްބަށްފަހު އޭނާ މިހާރު ފަހަތް ނުބަލާ އިންފްލުއެންސާއެއްގެ ކެރިއާ ފެށި އެވެ.
ހުރަސްތަކުން ފެށި ކިޔެވުމުގެ ދަތުރުން މިސްރުގައި މަޝްހޫރުކަން
ގިނަ ބަޔަކު ނޯހާ ދަންނަނީ ޓިކްޓޮކް ތަރިއެއްގެ ގޮތުގަ އެވެ. ނަމަވެސް ނޯހާއަކީ މިސްރުގެ ގެނާގެ ރައްޔިތުންގެ ތެރެއިން އެމެރިކާގައި ސްކޮލާޝިޕަށް ކިޔަވަން ލިބުނު ފުރުސަތެއްގައި ޑިގްރީއަށްވުރެ މަތީ ފެންވަރަށް ތައުލީމު ހާސިލުކުރި އެންމެ ފުރަތަމަ އަންހެނެއްގެ ލަގަބު ހޯދާފައިވާ މީހެކެވެ. ނޯހާ ބުނީ މިސްރުގައި އޭނާ ތައުލީމު ހާސިލުކުރި ދުވަސްވަރު އޭނާ ދިރިއުޅުނު ސަރަހައްދަކީ އެހާ ޒަމާނީ ވިސްނުން ގެންގުޅުނު ތަނެއް ނޫން ކަމަށެވެ. އެ ޝަހަރުގައި އެންމެންވެސް ތައުލީމަށްވުރެ ބޮޑަށް އަވަހަށް މީހުންނާއި ކައިވެނި ކުރުމަށް އިސްކަން ދޭ ކަން ނޯޙާ ފާހަގަކުރިއެވެ. ނަމަވެސް އާއިލާގެ ލޯތްބާއެކު ނޯހާގެ ސެޓްފިކެޓް ފައިލްގައި އެކިއެކި ވަނަވަރުތައް ގިނަވި އެވެ. އަދި އަލަމާރީގެ ޖާގަ ފުރޭވަރަށް ޓްރޯފީތަކުން ޖަރީ ކުރެވުނެވެ. އޭނާ ދެން މަސައްކަތް ފެށީ ވެޓްއެއްގެ ވަޒީފާ އަދާކުރާށެވެ. ނަމަވެސް ތައުލީމަށް އޭނާގެ ހިތުގައި އޮންނަ ލޯތްބެއްގެ ބޮޑުކަމުން ނޯހާ އެންމެންނާއި ދެކޮޅަށް އެމެރިކާގެ ގަދަރުވެރި ޔުނިވާސިޓީއެއްގައި ކިޔަވަން ލިބުނު ސްކޮލާޝިޕްގެ ބޭނުން ހިފަން ނިންމިއެވެ. ނޯހާ ބުނީ އެކަނި އަންހެންކުއްޖަކު ގައުމުން ބޭރަށް ކިޔަވަން ފޮނުވަން އާއިލާއިން އެއްގޮތަކަށްވެސް އެއްބަސްނުވި ކަމަށެވެ. އާއިލާގެ ވިސްނުން ބަދަލުކުރަން 2 އަހަރު ދުވަސް ހޭދަވި ކަމަށް ނޯހާ ކިޔާދިނެވެ. ނަތީޖާއެއްގެ ގޮތުން އޭނާ އެމަޖެންސީ މެޑިސިން ޓެކްނީޝަންގެ ދާއިރާއިން ތައުލީމު ހާސިލުކުރަން އެމެރިކާގައި ދުވަސްކޮޅެއް ހޭދަކުރިއެވެ. އެއަށްފަހު އޭނާ އެނބުރި ގައުމަށް އައުމުން މިސްރުގެ މީޑިއާއިން އޭނާއަށް ހޫނު މަރުހަބާއެއް ކިއެވެ.
ރާއްޖެއަށް އައުން
އަމިއްލަ ވަތަން ދޫކޮށް މުޅިން އެހެން ބައްރަކަށް ދިރިއުޅުން ބަދަލުކުރުމަކީ ވަކި އެއްވެސް މީހަކަށްވެސް ފަސޭހަވާނެ ކަމެއް ނޫނެވެ. އޮންލައިންކޮށް ދިމާވި ފިރިމީހާ އޭނާގެ އާއިލާއަށް ކައިވެނި ހުށަހެޅުމަށް މިސްރަށް ދިއުމުން ނޯހާގެ އާއިލާއިން ދިނީ އެންމެ ޖަވާބެކެވެ. "ދަރިފުޅަށް ކައިވެނި ހުށަހެޅީ މުސްލިމް ފިރިހެނެއް. ދިވެހިރާއްޖެއަކީވެސް ރަނގަޅު އަދި އަމާން ގައުމެއް"، މިފަދައިންނެވެ. ނޯހާ ބުނީ އާއިލާއިން އުންމީދުކުރިވަރަށްވުރެ އޭނާއަށް ރާއްޖޭގައި ދިރިއުޅުން ވަރަށް ފައްކާވި ކަމަށެވެ. ނޯހާ ބުނާގޮތުންނަމަ އޭނާ އައު ގައުމަކަށް ދިރިއުޅުން ބަދަލުކުރުމުން އެންމެ ފުރަތަމަ އުދާސްކަން އިހުސާސްވި އެވެ.
"ރަހުމަތްތެރިން ނުލިބިދާނެތީ އެކަމާއި ކަންބޮޑުވި. މާތްﷲގެ ރަހްމަތްފުޅުން މިހާރު ދިވެހިންނާއި މިސްރު މީހުން ހިމެނޭހެން ރަނގަޅު ރަހުމަތްތެރިން އަޅުގަނޑުގެ އެބަތިބި"
ކާމިޔާބު ތަރިއަކަށްވީ ދިވެހި ސަގާފަތުގެ ސަބަބުން
ނޯހާގެ ތަފާތު ޓިކްޓޮކް ވައްޓަފާޅީގެ ސަބަބުން އޭނާގެ ވީޑިއޯތަކަށް އެތައްހާސް ވިއުސް ލިބެ އެވެ. އޭނާގެ ވީޑިއޯތަކުގައި ޗާލުކަމާއި ސާދާކަން އަދި މަޖާ އޮނިގަނޑުތައް ގެނެސްދީފައި ވެއެވެ. މިހާރު ތަފާތު ބްރޭންޑްތަކާއި ވިޔަފާރިތަކުން އޭނާގެ ޓިކްޓޮކް ޕްލެޓްފޯމްގައި އިޝްތިހާރުކުރަން ފުރުސަތު ދެއެވެ. ނޯހާ މިހާރު ވަނީ ނަން މަޝްހޫރު ބްރޭންޑެއްގެ އެމްބެސެޑަރގެ މަގާމުވެސް ހޯދާފައެވެ. އޭގެ ތެރޭގައި ރާއްޖޭގެ ވިޔަފާރިތަކާއި ރާއްޖެއިން ބޭރުގެ ބްރޭންޑްތައްވެސް ހިމެނެއެވެ. އޭނާއަށް މިފަދަ ކާމިޔާބީއެއް ލިބުނީ 2 އަހަރު ތެރޭގައިކަން ފާހަގަކޮށްލަންޖެހެއެވެ. އެއާއެކު، މިހާރު ނޯހާގެ ޓިކްޓޮކް ޕޭޖްގައި 3.3 މިލިއަން ލައިކްސް ހުންނަކަންވެސް ފާހަގަކޮށްލަންޖެހެ އެވެ.
ނޯހާގެ ޓިކްޓޮކް ޕޭޖްގައި ފެޝަން، ލައިފްސްޓައިލް އަދި ދަތުރުތަކުގެ ރީލްސް ދައްކާފައި ހުރެއެވެ. ގުދުރަތީ މާހައުލުގެ ރީތިކަން ދައްކުވައިދޭން ޝައުގުވެރިވާ ނޯހާ އޭނާގެ ޕޭޖްގައި ރާއްޖޭގެ ރަށްރަށުގެ ރީތިކަންވެސް ދައްކާލާފައި ވެއެވެ. ނޯހާ ބުނީ އޭނާއަށް ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ ފުދޭވަރަކަށް ގިނަ ރަށްރަށަށް ދަތުރުކުރެވިފައިވާ ކަމަށެވެ. އޭގެ ތެރެއިން އޭނާގެ ސަމާލުކަން އެންމެ ބޮޑަށް ދަމައިގަތީ އއ. ތޮއްޑޫއިންކަން ނޯހާ ފާހަގަކުރިއެވެ. އަދި ދެން އެންމެ އޭނާ ދެކެން ބޭނުންވާ މަންޒިލަކީ ބ. އަތޮޅު ކަމަށް ނޯހާ ބުންޏެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން