ކޮވިޑް19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ރޭގަނޑު 12 އިން ފަތިހު 4 އަށް މާލޭގައި ކާފިއު ހިންގުމަށް ސަރުކާރުން ނިންމައިފިއެވެ.
މި ހިނގާ މެއިމަހުގެ 5 ވަނަ ދުވަހުން ފެށިގެން ރޭގަނޑު 12 އިން ފަތިހު 4 އާއި ހަމައަށް މާލޭގައި ކާފިއު ހިންގަމަށް ނިންމާފައިވަނީ ކޮވިޑް19ގެ ކޭސްތައް އިތުރުވަމުން ދާތީ ބަލި ފެތުރޭ މިންވަރު ކޮންޓްރޯލް ކުރުމަށް އަޅާނެ ފިޔަވަޅުތަކާއި މެދު މަޝްވަރާ ކުރުމަށް މިއަދު ބޭއްވި ބައްދަލުވުމަކަށް ފަހުގައެވެ.
މީގެ ކުރިން ވެސް ބަލިޖެހޭ މީހުންގެ އިތުރުވުމާއި ގުޅިގެން ސަރުކާރުން ވަނީ މާލެ ސަރަހައްދުގައި ކާފިއު ހިންގާފައެވެ. އޭރު އެޅި ފިޔަވަޅުތަކުގެ ސަބަބުން ބަލި ޖެހޭ މިންވަރު މަދުވިކަން ފާހަގަވެއެވެ.
ރާއްޖޭގައި މި ބަލީގެ ހާލަތު ދުވަހުން ދުވަހަށް ގޯސްވަމުން އަންނާތީ ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން މާލެ ސަރަހައްދުގެ ރަށްތައް ފިޔަވައި ރާއްޖޭގެ އެހެން ރަށްތަކަށް ޒަރޫރީ ބޭނުމުގައި ނޫނީ ދަތުރު ނުކުރެވޭ ގޮތަށްވެސް ވަނީ ހަމަޖައްސާފައެވެ. މި އުސޫލަށްވެސް މާދަމައިން ފެށިގެން އަމަލުކުރަން ފަށާނެއެވެ.
މި ބައްޔަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން އަންނާތީ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކޮށް ފިޔަވަޅުތައް ހަރުކަށި ކުރުމަށް ސަރުކާރަށް ގޮވާލަމުންނެވެ.
