އެމެރިކާގައި އެޕަލް އިންކޯޕަރޭޓެޑްގެ މައްޗަށް  ހުށަހެޅުނު މައްސަލައެއްގައި، އެ ކުންފުނީގެ ވޮޗް ބޭންޑްތަކުގައި ގިނަ އަދަދަކަށް ނުރައްކާތެރި ކެމިކަލްތަކެއް އެކުލެވޭ ކަމަށާއި، އެކަމުގެ ސަބަބުން ބޭނުންކުރާ ފަރާތްތަކަށް ކެންސަރުގެ ނުރައްކާ ކުރިމަތިވާ ކަމަށް ތުހުމަތު ކޮށްފައިވެއެވެ.

ޑެއިލީ މެއިލްގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، މި މައްސަލައިގައި ތުހުމަތު ކުރެވެނީ އެޕަލްގެ "އޯޝަން"، "ނައިކީ ސްޕޯޓް" އަދި އާންމު "ސްޕޯޓް" ވޮޗް ބޭންޑްތަކުގައި ޕަރފްލޯރޯއަލްކިލް އަދި ޕޮލިފްލޯރޯއަލްކިލް ސަބްސްޓަންސަސް (ޕީއެފްއޭއެސް) ގެ މިންވަރު މަތި ކަމަށެވެ. މި ކެމިކަލްތަކަކީ "ފޮރެވަރ ކެމިކަލްސް" ގެ ގޮތުގައިވެސް މަޝްހޫރު، އިންސާނުންގެ ހަށިގަނޑުގައާއި ތިމާވެށީގައި ދިގު މުއްދަތަކަށް ދެމިހުންނަ ކެމިކަލްތަކެކެވެ. އަދި މިއީ ގިނަ ސިއްހީ މައްސަލަތަކާ ގުޅުން ހުރި ކެމިކަލްތަކެއް ކަމަށްވެސް ބެލެވެއެވެ.

މި މައްސަލަ ހުށަހެޅިފައިވަނީ އެމެރިކާގެ އެކި ކުންފުނިތަކުގެ 22 ވޮޗް ބޭންޑަކާ ގުޅޭ ގޮތުން ފަހުން ކުރެވުނު ދިރާސާއަކާ ގުޅިގެންނެވެ. މި ދިރާސާއިން ދައްކާ ގޮތުގައި، 22 ބޭންޑުގެ ތެރެއިން 15 ބޭންޑެއްގައި ނުރައްކާތެރި ޕީއެފްއޭއެސް ކެމިކަލްތައް އެކުލެވެއެވެ. މީގެ ތެރޭގައި އެޕަލްގެ ބައެއް ބޭންޑްތައްވެސް ހިމެނެއެވެ.

މި މައްސަލަ ކެލިފޯނިއާގައި އަންގާރަ ދުވަހު ހުށަހެޅުނު އިރު، އެޕަލްގެ ސްޕޯޓް ބޭންޑް، އޯޝަން ބޭންޑް އަދި ނައިކީ ބްރޭންޑެޑް އެޕަލް ވޮޗްތަކާއެކު ފޯރުކޮށްދޭ ނައިކީ ސްޕޯޓް ބޭންޑްގައި މަތީ މިންވަރެއްގައި ޕީއެފްއޭއެސް އެކުލެވޭ ކަމަށް ވަކިން ޚާއްސަކޮށް ތުހުމަތު ކޮށްފައިވެއެވެ. އަދި އެޕަލް ވޮޗަކީ ސިއްހަތަށް ފައިދާހުރި އާލާތެއްގެ ގޮތުގައި މާކެޓް ކުރާއިރު، ނުރައްކާތެރި ޕީއެފްއޭއެސް އެކުލެވޭ އުފެއްދުންތަކަކީ ކޮބައިކަން ކަސްޓަމަރުންނަށް އަންގައިދިނުމަށް އެޕަލްއިން ގަސްދުގައި  އިހުމާލުވެފައިވާ ކަމަށްވެސް މި މައްސަލައިގައި ތުހުމަތު ކުރެވެއެވެ.

މި މައްސަލައިގައި ކްލާސް ސެޓިފިކޭޝަނަކަށް އެދިފައިވާ އިރު، ތުހުމަތު ކުރެވޭ ޕީއެފްއޭއެސް އެކުލެވޭ ވޮޗް ބޭންޑްތައް ވިއްކުން ހުއްޓުވުމަށް އަމުރަކަށާއި ފައިސާގެ ޖޫރިމަނާއަކަށްވެސް އެދިފައިވެއެވެ.