ޓިނަކީ ގެތަކާއި އިމާރާތްތައް ރައްކާތެރިކުރުމަށް ކޮންމެހެން ބޭނުންވާ އެއްޗެކެވެ. ނަމަވެސް މޫސުންގޯސްވެ ވައިގަދަވާ ބައެއް ދުވަސްވަރު ރަނގަޅަށް ހަރުނުކުރެވި ހުންނަ ޓިނުގެ ސަބަބުން ވަރަށް ބޮޑު ނުރައްކަލަކަށް ކުރިމަތިވެދާނެއެވެ. ވަޔާ ނުވަތަ ވިއްސައިގެން ދާ ޓިނުން މުދަލަށް ގެއްލުން ލިބުމާއި، މީހުންނަށް އަނިޔާވުމާއި، އަދި އެއަށްވުރެން ހިތާމަވެރި ހާދިސާވެސް  މެދުވެރިވެދާނެއެވެ.

މުދަލަށް ލިބޭ ގެއްލުން: ވަޔާދާ ޓިނު ކުޑަދޮރުތަކާއި، އުޅަނދުފަހަރާއި، ކައިރީގައި ހުންނަ އިމާރާތްތަކުގައި ޖެހި، ބޮޑެތި ގެއްލުންތަކާއި ކުރިމަތިވާ ފަހަރު އާދެއެވެ.

އަނިޔާވުމުގެ ނުރައްކާ: ވަޔާ ވިއްސައިގެން ދާ ޓިނަކީ ނުރައްކާތެރި ހަތިޔާރަކަށްވެ، މީހުންނަށާއި ޖަނަވާރަށް ގެއްލުންވުން އެކަށީގެންވެއެވެ.

އިމާރާތަށް ލިބޭ ގެއްލުން: ޓިނު ވަޔާދިއުމުގެ ސަބަބުން އިމާރާތުގެ ވަރުގަދަކަން ގެއްލި، ވާރެއާއި ވައިން އިތުރު ގެއްލުންތަކެއް ލިބުމުގެ ފުރުސަތު އޮވެއެވެ.

ޓިނު ވިއްސައިގެން ދިއުން މަދުކުރުމަށް އަޅާނެފިޔަވަޅު


ގަވާއިދުން ބަލާ ޗެކްކުރުން: ޚާއްޞަކޮށް ވިއްސާރަ މޫސުމުގެ ކުރިން، ޓިނުގެ އިސްކޫރު ދޫވެފައިވޭތޯބަލާ، ދަބަރުޖަހާފައިވޭތޯ ނުވަތަ ގެއްލުމެއް ލިބިފައިވޭތޯ ގަވާއިދުން ބަލާ ޗެކްކުރަމުން ގެންދަންވާނެއެވެ.

ރަނގަޅަށް ހަރުކުރުން: ފެންވަރު ރަނގަޅު ތަކެއްޗާއި ޕްރޮފެޝަނަލް އިންސްޓޯލޭޝަން ޓެކްނިކްތައް ބޭނުންކޮށްގެން ޓިނު ރަނގަޅަށް ހަރުކުރެވިފައިވާކަން ޔަގީންކުރަންވާނެއެވެ.

ބާވެ ބަލިކަށި ވެފައިވާ ސަރަޙައްދުތައް ވަރުގަދަކުރުން: ކަންމަތިތަކާއި އިމާރާތްމަދު ސަރަޙައްދުގައި ހުންނަ ތަންތަނަކީ ވައިގެ އަސަރު އެންމެ ފަސޭހައިން ކުރާނެ ތަންތަން ކަމަށްވާތީ، އެތަންތަނަށް ޚާއްޞަ ސަމާލުކަމެއް ދޭންވާނެއެވެ.

މަރާމާތުތައް: ނެއްޓިފައިވާ ޓިނެއް ފެނިއްޖެނަމަ، އުދުއްސައިގެން ދިއުން ހުއްޓުވުމަށްޓަކައި ވަގުތުން އެކަން ހައްލުކުރަންވާނެއެވެ.

ރާއްޖޭގައިވެސް އަންނަ ކޮޅިގަނޑުތަކުގެ ސަބަބުން ބައެއްފަހަރު ޓިނު ފަދަ ތަކެތި ވިއްސައިގެން ގޮސް މަގުމަތީ އަދި ދުއްވާ އުޅަނދުތަކުގައި ޖެހުމުގެ ފުރުސަތު އޮވެއެވެ. މިފަދަ ކަންކަމުން ހިތާމަވެރި ޙާދިސާ ހިނގުމުގެ ފުރުސަތުވެސް އޮވެއެވެ، ވީމާ މިކަންކަމުން ރައްކާތެރި ވުމަށް އަބަދުވެސް ސަލާމަތީ ފިޔަވަޅުތައް އެޅުމަކީ މުހިންމު ކަމެކެވެ.