ވަޒީފާގެ މައިދާނުގައި ލީޑަރުންނާ ކުރިމަތިލާން ޖެހެއެވެ. ގޮތް ނިންމާ، ދާންވީ މިސްރާބު ދައްކައިދޭން ތިބޭ އާރުކާޓީންނަކީ އެއީކަމަށް ވާތީއެވެ. ކަންތައްތައް ކުރަންވީ ގޮތްތައް ބުނެދީ، އެކަމުގެ އަމާޒާއި މަންޒިލަށް ވާސިލްކޮށްދޭ މާލިމީންނަކީ އެއީއެވެ. އެފަދަ ލީޑަރުންގެ މިޒާޖާއި، މާހައުލުގައި ގެންގުޅޭ އުކުޅުތަކުގެ އިތުރުން، މުވައްޒަފުންނާއި ދޭތެރޭ ކަންތައް ބައްޓަންކުރާ އުސްލޫބު ނުވަތަ ސްޓައިލްއަކީ މުވައްޒަފުންގެ ކުރިއެރުމަށް އަސަރު ފޯރުވާނެ ކަންކަމެވެ.
މުވައްޒަފުންނަށް ރަނގަޅަށް މަސައްކަތް ކުރެވޭނީ އެކަމެއް ކުރުމަށްޓަކައި ހިތްވަރު ލިބޭނަމައެވެ. 'މޯޓިވޭޓް' ވާނަމައެވެ. އެގޮތުން މުވައްޒަފުންގެ ކުރިއެރުމުގެ ބިންގާ އެޅުމުގައި ހިތްހެޔޮ ލީޑަރުންގެ އިސް ދައުރެއް އޮވެއެވެ. މުވައްޒަފުންގެ ހާލުއަހުވާލު ގާތުން ބަލައި، ކުރިޔަށް ދިއުމަށް ހުރި ގޮންޖެހުންތަކަކީ ކޮބައިތޯ ސުވާލުކޮށް އޮޅުންފިލުވާ ހެދުމުން، އެ މުވައްޒަފުންނަކީވެސް އަގެއް ހުރި ބައެއްކަން އެމީހުންނަށް އިޙްސާސް ކުރެވޭނެއެވެ. އެކި ލީޑަރުން ގެންގުޅޭނީ އެކި ގޮތްތަކެވެ. ނަމަވެސް މުވައްޒަފުންގެ ލާބަޔާއި މަންފާއަށް އެންމެ ބޮޑު އިސްކަމެއް ދީގެން ކުރިޔަށްދާ ލީޑަރުންނާމެދު މުވައްޒަފުން ދެކޭ ގޮތް ވަރަށް ތަފާތެވެ. މުވައްޒަފުންގެ މަސައްކަތް ބަލައިގަނެ، ރަނގަޅަށް ކުރެވޭ މަސައްކަތްތަކަށް އެންމެ އެކަށޭނެ ތަރިޙީބުދީ، ހައްޤު ތަޢުރީފުކުރުމުން އިތުރަށް ހިތްވަރު ލިބެއެވެ. ކަމެއް ރަނގަޅުކުރަން ބޭނުންނަމަ ހަޅޭއްލަވައި އެއްޗެހި ކިޔަމުން، މުވައްޒަފުންނަކީ ވަރަށް ދަށު ފަންތީގެ ބައެއްކަމަށް އިޙްސާސްކޮށްދިނުމުގެ ބަދަލުގައި، އެކަމެއްވެސް އެންމެ ރިވެތި ގޮތުގައި ބުނެދިނުމުން އެކަމެއް ރަނގަޅު ކުރާހިތުން އެކަމެއް ކުރާނެއެވެ.
ހަމައެހެންމެ، އަމިއްލަ ދިރިއުޅުމުގައި ދިމާވާ ކަމެއްގެ ސަބަބުން މަސައްކަތުގެ މާހައުލުގައި ކުރަން ޖެހޭ މަސައްކަތަށް ލުއިދީ، އެކަން ޤަބޫލުކޮށް، 'އަންޑަރސްޓޭންޑް' ވާކަން އިޙްސާސްކޮށްދިނުމުން އެ ލީޑަރެއް ހަވާލުކުރާ ކޮންމެ މަސައްކަތެއް، އެންމެ ފުރިހަމައަށް ނިންމުމަށް ގަދައަޅާ މަސައްކަތްކުރާނެއެވެ. މީގެއިތުރުން، މުވައްޒަފުންގެ ޤާބިލިއްޔަޔާއި މެދު ޔަޤީންކޮށް، މުވައްޒަފުން އަމިއްލަ ނަފުސަށް ނުކުރާ އިތުބާރުވެސް ލީޑަރު ކުރާނަމަ އެ މުވައްޒަފުންގެ އަޒުމު ވަރުގަދަވެއެވެ.
ހިތްހެޔޮ ލީޑަރުންގެ ސަބަބުން މަސައްކަތް ކުރުމަށް ހިތްވަރު ލިބެއެވެ. މަސައްކަތް ކުރާހިތުން މަސައްކަތްތައް ކޮށް، އެންމެ ފުރިހަމަ މަސައްކަތެއް ނިންމަން ބޭނުންވެއެވެ. ހިތްހެޔޮކަމާއެކީ ރަނގަޅު މިސްރާބެއް ދައްކައިދޭ ލީޑަރުންގެ ސަބަބުން މުވައްޒަފުން ކުރިއެރާދިއުމަށް ބިންގާ އެޅެއެވެ. ހުނަރުތައް ކުރިއަރުވާ، ރަނގަޅުކުރަން ޖެހޭ ކަންތައްތައް އެނގި، ތަޖުރިބާތައް ލިބިގެންދެއެވެ. ބޭނުންވަނީ މުވައްޒަފުންގެ އިޙުސާސްތައް ދަންނަ، މުވައްޒަފުންގެ ނަޒަރިއްޔާއިންވެސް ކަންކަން ބަލަން ބޭނުންވާ ހިތްހެޔޮ ލީޑަރުންނެވެ.