އިންޑިޔާގެ ހޮސްޕިޓަލު ތަކުގައި އެނދުމަތިކޮއްފައި ތިބި ބައެއް މީހުން ހޮސްޕިޓަލުން ދޫކޮއްލުމަށް އެދެން ފަށައިފިއެވެ. އިންޑިޔާގެ ރިޕޯޓުތައް ބުނާގޮތުން އިންޑިޔާގެ ބައެއް ހޮސްޕިޓަލުތަގެ ހާލަތު ވަރަށްވެސް ގޯހެވެ. މުޖުތަމައުގައި ކޮވިޑް19 ފެތުރޭ މިންވަރަށްވުރެ ބައެއް ހޮސްޕިޓަލު ތަކުގައި ކޮވިޑް19 ފެތުރޭލެއް އަވަހެވެ.

ހޮސްޕިޓަލުތަކުގައި ބަލިޖެހިފައިތިބި ގިނަ ބަޔަކު ހޮސްޕިޓަލުން ދޫކޮއްލުމަށް އެދެމުން ދާއިރު ހޮސްޕިޓަލުގައި އެނދުމަތި ނުވެވިގެންވެސް އިންޑިޔާގައި އެތައްބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އިންޑިޔާގެ ހާލަތު މިހާ ގޯސްވެފައިވާއިރު ހޮސްޕިޓަލުތަކުގެ އެނދުތަކުގައި ދެމީހުން އެއް އެނދެއްގައި އެނދުމަތިކޮއްގެންވެސް އަންނަނީ ފަރުވާ ދެމުންނެވެ. އިންޑިޔާގެ ބައެއް ރިޕޯޓުތައް ބުނާގޮތުން ބައެއް ހޮސްޕިޓަލުތަކުގައި އެނދުމަތިވެފައި ތިބި މީހުންނަށް ހޮސްޕިޓަލު ތަކުން އަޅައެއް ނުލައެވެ. ބަލި މީހުންގެ އާދޭސް އަޑުއަހާނެ ނަރުހުންނާއި ޑަކްޓަރުން މަދުކަމުން ފަރުވާ ކުރުމުގައި ލަސްތަކެއް ވާކަމަށްވެސް ބައެއް ރިޕޯޓުތަކުގައި ވެއެވެ. 

ބައެއް ހޮސްޕިޓަލުތަކުގައި އެނދުމަތި ކުރެވޭ މީހުން ހޮސްޕިޓަލުތަކުގައި ތިބެނީ އެހީތެރިއަކާއި ނުލައެވެ. އެހެންކަމުން އެމީހުންހެ ޝަކުވާގެ އަޑުއަހާނެ ބަޔަކު ހޮސްޕިޓަލުތަކުގައި ނުތިބޭ ކަމަށާއި ނަރުހުންނާއި ޑަކްޓަރުންވެސް ގިނަ ފަހަރަށް ނުތިބޭ ކަމަށް ބައެއް ރިޕޯޓުތަކުގައި ބުނެފައިވެއެވެ.

އިންޑިޔާގައި ކޮވިޑް19 ފެތުރެމުން ދަނީ އާދަޔާހިލާފު ބާރުމިނެއްގައެވެ. ފަރުވާ ނުދެވި އެތަކެއް ބަޔަކު މިހާރުވެސް އެ ގައުމުގައި ވަނީ މަރުވެފައެވެ. އެ ގައުމުގެ ސިއްހީ ހިދުމަތްތެރިން ވަރުބަލިވެފައިވާ މި ދަނޑިވަޅުގައި ބައެއް ގައުމުތަކުން އަންނަނީ އިންޑިޔާއަށް އެހީތެރިކަން ފޯރުކޮއްދެމުންނެވެ.