ދިއްލީގައި ހިނގައިދިޔަ ހައިރާންކުރުވަނިވި ހާދިސާއެއްގައި، ކައިވެނީގެ ރަސްމިއްޔާތުގައި މަޝްހޫރު ބޮލީވުޑް ލަވައެއް ކަމަށްވާ "ޗޯލީ ކޭ ޕީޗޭ ކިޔާ ހައި" އަށް ޑާންސް ކުރުމުން ކައިވެނި ކެންސަލް ކޮށްފިއެވެ.

ލިބިފައިވާ މަޢުލޫމާތުން އެނގޭ ގޮތުގައި، ކައިވެނި ހަފްލާގައި ބައިވެރިވި މީހުންނަށް މަރުހަބާ ކިޔަން ފިރިހެން މީހާ ކައިވެނީގެ ރަސްމިއްޔާތު ބޭއްވުނު ތަނަށް އައީ އޭނާގެ ރައްޓެހިންނާ އެކުގައެވެ. އެތަނުގައި ތިބި ބައެއް މީހުން ބުނާ ގޮތުގައި، އޭނާގެ ރައްޓެހިން އޭނާއަށް ޑާންސް ކުރުމަށް ބާރުއަޅާފައިވެއެވެ. އަދި މަޝްހޫރު ބޮލީވުޑް ލަވައެއް ކަމުގައިވާ " ޗޯލީކޭ ޕީ ޗޭ " ޖެހުމުން، އޭނާއަށް އެ ލަވައަށް ޑާންސް ނުކޮށް ނުހުރެވުނެވެ. ބައެއް މެހެމާނުން އެ މަންޒަރު ބަލައި އުފާކުރި ނަމަވެސް، އަނބިމީހާގެ ބައްޕަ އެކަމާ ވަރަށް ބޮޑަށް ރުޅިއައެވެ.

ނަވްބަރަތް ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އަނބިމީހާގެ ބައްޕަ ބުނީ އެއީ އެކަށީގެންނުވާ ޢަމަލެއް ކަމަށާއި، އެކަމުން އެ ޢާއިލާގެ އަގުވައްޓާލައިފި ކަމަށެވެ. އެހެންކަމުން އޭނާ ވަގުތުން ކައިވެނީގެ ރަސްމިއްޔާތު ހުއްޓުވައި، ކައިވެނި ބާޠިލްކުރިއެވެ.

މި ހާދިސާއިން އަނބިމީހާ ވަރަށް ބޮޑަށް ހިތާމަކުރިއެވެ. އަދި ފިރިހެންމީހާ ވަނީ އޭނާގެ އަނބިމީހާގެ ބައްޕައަށް ކަންހިނގި ގޮތް ކިޔައިދީ، އެއީ މަޖަލަށް ކުރި ކަމެއް ކަމަށް ބުނެ އެކަން އޮޅުންފިލުވައިދޭން މަސައްކަތްކޮށްފައެވެ. ނަމަވެސް އެ މަސައްކަތް ކާމިޔާބެއް ނުވިއެވެ.

އަންހެންމީހާގެ ޢާއިލާއާ ގާތް ފަރާތްތަކުން ބުނާ ގޮތުގައި، އަންހެންމީހާގެ ބައްޕަ ކައިވެނި ބާޠިލްކުރުމަށްފަހުވެސް ވަރަށް ބޮޑަށް ރުޅިއައިސްފައި ހުރިކަމަށާއި، އަދި އޭނާގެ ދަރިފުޅާއި ކައިވެނި ކުރަން އައި ފިރިހެންމީހާގެ ޢާއިލާއާ އެއްވެސް ގުޅުމެއް ބާއްވަން މަނާކޮށްފައިވާ ކަމަށް ބުނެފައިވެއެވެ.