ބ. ތުޅާދޫގައި ތަރައްޤީކުރާ 30 އެނދުގެ ހޮސްޕިޓަލުގެ މަސައްކަތްތައް މިހާރު ބާރަށް ކުރިއަށްދާކަމަށް މި މަޝްރޫޢުގެ ކޮންޓްރެކްޓަރ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީން ވިދާޅުވެއްޖެއެވެ.

އެމްޓީސީސީ އިން ވިދާޅުވީ މިވަގުތު ކުރަމުންދަނީ އިމާރާތުގެ ދެވަނަ ފަންގިފިލާގައި ޝީޓް އެޅުމުގެ މަސައްކަތްތައްކަމަށެވެ. 


ތުޅާދޫގައި 30 އެނދުގެ ހޮސްޕިޓަލެއް އެޅުމުގެ ޢަމަލީ މަސައްކަތް ފަށާފަވަނީ 2023 ވަނަ އަހަރުގެ ޖުލައިމަހުއެވެ. މި ހޮސްޕިޓަލު ތަރައްޤީކުރަނީ ދެ ފަންގިފިލާގެ އިމާރާތެއްގައެވެ. 

ޢިމާރާތްކުރުމުގެ މަސައްކަތުގައި ކުރިން ލަސްތަކެއް އުޅުނުނަމަވެސް، މިހާރު އެ މަސައްކަތް ބާރަށް ކުރިއަށްދާކަމަށް އެމްޓީސީސީއިން މަޢުލޫމާތުދެއެވެ. މި ޕްރޮޖެކްޓްގައި މުޅި ހޮސްޕިޓަލުގެ ފައުންޑޭޝަނާއި ފުރަތަމަ ފަންގިފިލާގެ ތަނބުތަކާއި ޝީޓް އެޅުމުގެ މަސައްކަތް މިހާރު ނިމިފައިވާކަމަށް ވިދާޅުވެއެވެ.

އެ ކުންފުނިން ވިދާޅުވީ، ހޮސްޕިޓަލް އިމާރާތްކުރުމުގެ މަސައްކަތްތައް މިހާރު ބާރަށް ކުރިއަށްދާކަމަށެވެ. އަދި އަމާޒަކީ މަސައްކަތްތައް ވީހާވެސް އަވަހަށް ނިންމުންކަމަށެވެ.

އައު ހޮސްޕިޓަލް އިމާރާތުގެ އެންމެ ބޮޑު ބޭނުމަކީ، ހޮސްޕިޓްލުގައި ސްޕެޝަލިޓީ ފަރުވާގެ އިތުރު ޚިދުމަތްތައް ޤާއިމުކުރުމެވެ. އަދި ރަށުގައި ތިބެގެން އެކިއެކި ބަލިތަކަށް ތަހުލީލުކުރާ އިތުރު ޓެސްޓްތައް ހެދޭނެ އިންތިޒާމުވެސް އެރަށުގައި ޤާއިމުކުރާނެއެވެ.

ބ. އަތޮޅުގައި ދެވަނައަށް އެންމެ އާބާދީ ބޮޑު ތުޅާދޫގައި 3000 އަށްވުރެ ގިނަ މީހުން އަންނަނީ ދިރިއުޅެމުންނެވެ. އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 40 އަށްވުރެ ގިނަ މީހުން ތުޅާދޫ ސިއްޙީ މަރުކަޒުގެ އޯޕީޑީއަށް ދައްކާކަމަށް އެމަރުކަޒު ހިންގާ ބަލަހައްޓަމުން އަންނަ އަތޮޅު ހޮސްޕިޓަލުން ވިދާޅުވެއެވެ.

މި ހޮސްޕިޓަލާއެކު ތުޅާދޫ ކައިރީގައި ދެން އޮންނަ، ހިތާދޫ، ގޮއިދޫ، ފުޅަދޫ އަދި ފެހެންދޫގެ ރައްޔިތުންނަށްވެސް ސިއްޙީ ޚިދުމަތް ހޯދުމުގައި ބޮޑު ލުއިފަސޭހައެއް ލިބޭނެއެވެ.

ތުޅާދޫގައި 30 އެނދުގެ ހޮސްޕިޓަލެއް ތަރައްޤީކުރުމުގެ މަޝްރޫޢުއަކީ 114.50 މިލިޔަން ރުފިޔާގެ މަޝްރޫޢުއެކެވެ.