ފ. މަގޫދޫ އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު ކުރިއަށްދާގޮތް އެމްޓީސީސީ އިން ހާމަކޮށްފިއެވެ.
އެމްޓީސީސީ އިން ބުނީ މި މަޝްރޫޢުގެ ރަންވޭގައި އޭބީސީ އެޅުމުގެ 56 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި ޓަރމިނަލް ބިލްޑިންގ އިމާރާތް ކުރުމުގެ 53 އިންސައްތަ މަސައްކަތް ވަނީ މިހާރު ފުރިހަމަކުރެވިފައި ކަމަށެވެ.
މީގެ އިތުރުން، ފަޔަރ ބިލްޑިންގ އިމާރާތްކުރުމުގެ 24 އިންސައްތަ މަސައްކަތް ވެސް ވަނީ ނިމިފައި ކަަމަށް ބުނެއެވެ.
މި މަޝްރޫއުގެ ދަށުން 1,800 އަކަ މީޓަރުގެ ރަންވޭއެއް ހެދުމާއި 81,443 އަކަ މީޓަރުގެ އޭޕްރަންއެއް ހެދުމާއި 2,919 އަކަ މީޓަރުގެ ޓެކްސީވޭ ހެދުމަށް ވަނީ ހަމަޖެހިފައެވެ. އަދި 895 އަކަ މީޓަރުގެ ފަޔާ ޕެޑްއެއް ހެދުމާއި 3,059 އަކަ މީޓަރުގެ އެއަޕޯޓް ރޯޑް ހެދުމާއި 1,185 އަކަ މީޓަރުގެ ސާވިސް ރޯޑް ހެދުމާއި ޓާމިނަލް ބިލްޑިންއެއް ގާއިމުކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މަގޫދޫ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ފަޔާ ބިލްޑިން، ފަޔާ ޕޮންޑް އަދި އަލިފާން ނިއްވާ ވަސީލަތްތައް ގާއިމުކުރުމާއި ސެކިއުރިޓީ ޕޯސްޓަކާއި ސެކިއުރިޓީ ވަސީލަތް ގާއިމުކުރުމާއި ފެންސިންގް ޖެހުމާއި ޕެރިމީޓާ ލައިޓިން ޖެހުމަށް ވަނީ ހަމަޖެހިފައެވެ.
މީގެއިތުރުން އެއާފީލްޑް ލައިޓިން ސިސްޓަމެއް ގާއިމުކުރުމާއި ނެރު ބައްތި ހަރުކުރުމާއި މެޓް ވަސީލަތްތައް ގާއިމުކުރުމާއި ގްރައުންޑް ހޭންޑްލިން ވަސީލަތްތައް ގާއިމުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނެެއެވެ.
މި މަޝްރޫއު ހައުސިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކުރީ 19 އޮކްޓޯބަރު 2022ގައެވެ. 264.9 މިލިއަން ރުފިޔާއަށް މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ އެއް އަހަރާއި ބައިގެ ތެރޭ މަގޫދޫ އެއާޕޯޓް ހަދައި ނިންމުމަށެވެ.
