އިއާދަކުރަނިވި ހަކަތައިގެ ދާއިރާގައި މުޅިން އައު ނިޒާމެއް ކަމަށްވާ، "ސަން-ޓްރެކިންގ ސިސްޓަމް" ސްޓެލްކޯ އިން ތަޢާރަފްކޮށް، ތަޖުރިބާކުރަން ފަށައިފިއެވެ.

 

ކ. ހިންމަފުށީގައި ބޭނުންކުރަން ފެށި މި ނިޒާމަކީ، އާއްމު ސެޓަޕްތަކަށްވުރެ 75 އިންސައްތަ އިތުރަށް އިރުގެ އަވިން ހަކަތަ އުފައްދައިދޭނެ ނިޒާމެއް ކަމަށް ސްޓެލްކޯ އިން ބުނެއެވެ.

އެގޮތުން، މި އައު ނިޒާމުގެ އެހީގައި، އިރު ދަތުރުކުރާ މަގާ އެއްގޮތަށް މި ސޯލާ ޕެނަލްތައް ހަރަކާތްކޮށް، އެންމެ ފުރިހަމަ އަށް އިރުގެ އަވި ލިބޭ ގޮތަށް މަސައްކަތްކޮށް، އެންމެ މަތީ މިންވަރަށް ކަރަންޓު އުފައްދައިދޭނެ އެވެ.

ފުރަތަމަ ފަހަރަށް ރާއްޖޭގައި ބޭނުންކުރަން ފެށި މި ނިޒާމާ ގުޅޭގޮތުން، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު، ހުސައިން ފަހުމީ ވިދާޅުވީ، އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން މިފަދަ ފައިދާހުރި ކަންކަން ތަޖުރިބާކުރަން އެ ކުންފުނިން މަސައްކަތްކުރަނީ ރާއްޖޭގައި އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ މިންވަރު އިތުރުކޮށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާސިލްކުރައްވަން ބޭނުންފުޅުވާ ލަނޑުދަނޑިތަކުގެ އަމާޒަށް ވާސިލްވެ، އޭގައި ޙަޤީޤީ ކުލަ ޖެއްސުމަށް ކަމަށެވެ.