ގްރެފިކް އާޓިސްޓް ޕެރްސިވަލް ލޫގްއަކީ އޭނާގެ އުމުރުން، ކުޑަ އިރުން ފެށިގެން ފާސްޓްފުޑް ރެސްޓޯރެންޓުތަކުން ދޭ ކުޅޭ އެއްޗެހި އެއްކުރަން ފޯރި ހުންނަ މީހެކެވެ. ފިލިޕީންސްއަށް އުފަން ލޫގް އޭނާގެ އެ މަސައްކަތް ފެށީ އުމުުރުން އެންމެ ފަސް އަހަރުގައެވެ.
މިހާރު އުމުރުން 50 އަހަރުގެ ލޫގް އަދިވެސް ދަނީ ރެސްޓޯރެންޓްތަކުން ދޭ ކުޅޭ އެއްޗެހި އެއް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އޭނާ އެންމެ ގިނައިން އެއްކުރަނީ މެކް ޑޮނާލްޑް އާއި ބާގާ ކިންގް ފަދަ ރެސްޓޯރެންޓްތަކުން ލިބޭ ކުޅޭ އެއްޗެއްސެވެ.
އޭނާގެ އަތުގައި މި ގޮތަށް އެއްކޮށްފައި ހުރި 20،000 އަށް ވުރެ ގިނަ ކުޅޭ އެއްޗެހި އެބަހުއްޓެވެ. އޭނާ އަށް 2014 ވަނަ އަހަރު ވަނީ ދުނިޔޭގެ ރެކޯޑު ފޮތުން ވެސް ޖާގަ ލިބިފައެވެ. އޭރު އޭނާގެ އަތުގައި ހުރީ 10،000 ވަަރަކަށް ކުޅޭ އެއްޗެއްސެވެ.
އޭނާ ގަބޫލު ކުރާ ގޮތުން ކޮންމެ ކުޅޭ އެއްޗަކުންވެސް ވަރަށްފުން މާނައެއް ދޭހަކޮށްދެއެވެ.
ލޫގް އަތުގައި ހުރި ގިނަ ކުޅޭ އެއްޗެއްސަކީ އޭނާ އަމިއްލަ އަށް ގަނެފައިވާ ތަކެއްޗެވެ. މަދުން ނަމަވެސް މީހުން ހަދިޔާކޮށްފައިވާ ތަކެތި ވެސް މީގެ ތެރޭގައި އެބަހުއްޓެވެ.
އޭނާ އަކީ އެންމެ ކުޑަ އިރު ވެސް ކުޅޭ އެއްޗެއްސާއެކު ކުޅެ އުޅުމުގެ ބަދަލުގައި އެތަކެތި ތަރުތީބުކޮށް، އެ ތަކެތި ބަލަހައްޓަން ލޯބި ކުރާ މީހެކެވެ.
