ދިރާގު ފުވައްމުލަކު ރަންގައި ރަޖިސްޓްރީވާން ހުޅުވާލައިފިއެވެ.
އަންނަ މެއި މަހުގެ ދެވަނަ ދުވަހު ބާއްވާ މި ދުވުމުގައި ބައިވެރިވާން ހުޅުވާލިކަން އިއުލާންކުރީ ދިރާގު ހެޑް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ދިރާގު ފުވައްމުލައް ރަންގައި ހިމެނޭ 5 ކިލޯމީޓަރު، 10 ކިލޯމީޓަރު އަދި ހާފް މެރަތަން ކެޓަގަރީތަކުގައި ރަޖިސްޓްރީވުމުގެ ފުރުސަތު މިއަދު ހުޅުވާލި އިރު، އެ ދުވުމުގައި ބައިވެރިކުރުމަށް ކަނޑައަޅާފައިވަނީ 1،500 ދުވުންތެރިންނެވެ. އެހެންވެ އެ ލިމިޓް ހަމަވަންދެން، ރަޖިސްޓްރީކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ދިރާގުން ބުނެއެވެ.
ފަސް ކިލޯމީޓަރު އަދި 10 ކިލޯމީޓަރުގައި ދުވާ ދުވުންތެރިން ފީއެއްގެ ގޮތުގައި ދައްކަން ޖެހޭނީ 250 ރުފިޔާއެވެ. ހާފް މެރަތަންގައި ދުވާ ދުވުންތެރިން ދައްކަން ޖެހޭނީ 350 ރުފިޔާއަށެވެ. އަދި ޑުވެލް ކެޓަގަރީގައި ބައިވެރިވުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލައިފައެވެ.
ދިރާގު ހެޑް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ ޑައިރެކްޓާ، ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރުޝާން ހަސަން ވިދާޅުވީ، ދިރާގު ފުވައްމުލައް ރަންގައި ބައިވެރިވާން ދައްކާ ފީގެ ތެރެއިން ކޮންމެ ރަޖިސްޓްރޭޝަނަކުން 100 ރުފިޔާ ފުވައްމުލަކުގެ ތަރައްގީއަށް މުހިންމު ކަމެއް ކުރުމަށް އެ ސިޓީގެ ކައުންސިލާ ހަވާލުކުރުމަށް ނިންމާފައިވާ ކަމަށެވެ.
ފައިސާގެ އިނާމުތައް (އަންހެން ފިރިހެން ވަކިން):-
އެއް ވަނަ: 25،000 ހާސް ރުފިޔާ
ދެވަނަ: 15،000 ހާސް ރުފިޔާ
ތިންވަނަ: 10،000 ހާސް ރުފިޔާ
10 އަދި 5 ކިލޯމީޓަރު ދުވުމުގައި 10،000 ރުފިޔާ، 8،000 ރުފިޔާ އަދި 6،000 ރުފިޔާގެ އިނާމުތައް
މި ބައްދަލުވުގައި މި ފަހަރުގެ ދިރާގު ރަންގެ ކިޓް އަދި މެޑަލް ވަނީ ދައްކާލައިފައެވެ. އޭގެ އިތުރުން ސްކޫލު ކެޓަގަރީގައި އެއްވަނަ ދެވަނަ އަދި ތިން ވަނަ ހޮވުމަށް ހަމަޖެހިފައިވާ ކަމަށް ދިރާގުން ބުންޏެވެ.
މިރުޝާން ވިދާޅުވީ ފުވައްމުލަކުގެ އިތުރުން މާލެ ސަރަހައްދުގައި ދިރާގު ރޯޑްރަން މި އަހަރު ބާއްވަން ހަމަޖައްސާފައިވާ ތާރީހަކީ މި އަހަރުގެ އޮކްޓޯބަރު މަހުގެ 24 އެވެ.
މިއީ ދިރާގުން ރާއްޖޭގެ އަތޮޅެއްގެ ރަށެއްގައި އެކުންފުނީގެ ދުވުން ބާއްވަން ހަމަޖެއްސި ފުރަތަމަ ފަހަރެވެ. މި ތާރީހީ ދުވުން ބާއްވަނީ ފުވައްމުލަކު ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ގުޅިގެންނެވެ.
