ރަމަޟާން މަހަށް ބޭނުންވާ ބޭނުންވާ މުދާ ދަތިކަމެއްނެތި ލިބޭނެ އިންތިޒާމު އެސްޓީއޯ އިން ހަމަޖެއްސުމުގެ މަސައްކަތް ފަށައިފިއެވެ.

އެސްޓީއޯ އިން ބުނީ އެ ކުންފުނީގެ މައިގަނޑު އެއް މަގްސަދަކީ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ މުދާ ފަސޭހައިން ލިބޭނެ އިންތިޒާމް ހަމަޖައްސައިދިނުން ކަމަށެވެ. އަދި އެކަށީގެންވާ އަގެއްގައި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކުން އެތަކެތި ލިބޭނެ މަގު ފަހި ކޮށްދިނުން ކަމަށެވެ.

މިގޮތުން ކޮންމެ އަހަރެއްގެ ރަމަޟާން މަހަށްވެސް އަސާސީ ކާބޯތަކެތި ފޯރުކޮށްދިނުމަށް އިކޮނޮމިކް މިނިސްޓްރީއާއި އެސްޓީއޯ ގުޅިގެން ހާއްސަ ތައްޔާރީތަކެއް ވަމުން އަންނަކަމަށާއި ރަމަޟާން މަހަކީ ކާބޯތަކެތީގެ ޑިމާންޑް އިންތިހާއަށް މަތިވާ މޫސުމަކަށް ވުމާއެކު، އަގުތައް މައްޗަށް ދިއުމާއި ސަޕްލައި ޝޯޓޭޖްވުމަކީ އާންމުކޮށް ދިމާވާ މައްސަލައެއްކަން ފާހަގަކުރެއެވެ.

މީގެ ސަބަބުން އާންމު ރައްޔިތުންނަށާއި ވިޔަފާރިތަކަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމަށާއި ރާއްޖެއަކީ ބޭރުން އެތެރެކުރާ މުދަލަށް ބަރޯސާވާ ގައުމަކަށް ވުމާއެކު، ދުނިޔޭގެ މާކެޓަށް އަންނަ ބަދަލުތައް ދިރާސާކޮށް، ރާއްޖޭގެ ބާޒާރުގައި އުފެދޭ ޑިމާންޑާ އެއްވަރަށް މުދާ ފޯރުކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭ މުހިންމު ކަމެއް ކަމުގައި ވެސް އެސްޓީއޯ އިން ބުނެއެވެ.

އެހެންކަމުން އެހެން އަހަރު ތަކެކޭ އެއްފަދައިން މިއަހަރުވެސް  އެސްޓީއޯއިން ވަނީ ރަމަޟާން މަހަށް ބޭނުންވާ މުދާ ދަތިކަމެއްނެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ތައްޔާރުވެފައި ކަމަށާއި ކުރީ އަހަރުތަކުގެ ތަޖުރިބާއާއެކު، މިއަހަރު ވަކިން ހާއްސަކޮށް ވަނީ އާންމު ރައްޔިތުންނަށާއި ވިޔަފާރިތަކަށް ލުއިވާނެހެން ކަންކަން ރޭވިފައިވާ ކަމަށް ބުނެއެވެ. އަދި ބާޒާރުގެ އަގުތައް ދުވަހުން ދުވަހަށް މޮނިޓަރކޮށް، އަގު މައްޗަށް ދާ ބާވަތްތައް ދެނެގަނެ، އަވަސް ފިޔަވަޅު އަޅާނެކަމަށް ބުނެއެވެ.

ރާއްޖޭގެ ބާޒާރަށް ބޭނުންވާ މިންވަރަށް މުދާ އިމްޕޯޓްކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދިނުމުގެ އިންތިޒާމްތައް ވެސް ހަމަޖެއްސިގެންދާނެ ކަމަށާއި ރަމަޟާން މަހުގައި އަގުތައް މައްޗަށް ދިއުން ހުއްޓުވުމަށްޓަކައި، އާންމު ދިރިއުޅުމަށް ބޭނުންވާ މައިގަނޑު ކާބޯތަކެތީގެ އޯޑަރުތައް ދުރާލާ ކުރެވިފައިވާކަމަށް ވެސް އެސްޓީއޯ އިން ބުނެއެވެ. މިގޮތުން ފުރަތަމަ ޝިޕްމެންޓް ފެބުރުވަރީ މަހުގެ ކުރީކޮޅު މާކެޓަށް ނެރެވޭނެ ކަމަށާއި އެއަށްފަހުވެސް ގަވާއިދުން އެހެނިހެން ޝިޕްމެންޓްތައް ގެނެވޭނެކަމަށް ބުނެއެވެ.

ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ އަސާސީ ތަކެތީގެ އިތުރުން އެހެނިހެން މުހިންމު ކާބޯތަކެތި ވެސް ބާޒާރަށް ނެރެވޭނެ ގޮތް ހަމަޖެހިގެންދާނެ ކަމަށާއި ޚާއްޞަކޮށް ބާޒާރުގައި އަގު މައްޗަށް ދާކަމަށް ފާހަގަކުރެވޭ ތަކެއްޗަށް އިސްކަންދެވޭނެ ކަމަށް ވެސް ބުނެއެވެ. އަދި އަސާސީ މުދަލެއްގެ އަގު އެކަށީގެންނުވާ މިންވަރަކަށް މައްޗަށްދާނަމަ، އިކޮނޮމިކް މިނިސްޓްރީގެ ލަފާގެ ދަށުން އެސްޓީއޯ މެދުވެރިވެ، އަގު ކޮންޓްރޯލްކޮށް، މުދާ ލިބޭނެ މަގު ތަނަވަސްކޮށްދޭނެ ކަމަށް ވެސް ބުނެއެވެ.

އެސްޓީއޯގެ މަގުސަދަކީ އުފެދޭ ޑިމާންޑާ އެއްވަރެއްގައި މުދާ ފޯރުކޮށްދީ މާކެޓްގައި ސަޕްލައި ގެޕެއް އުފެދި އޭގެ ބުރަ އާންމު ރައްޔިތުމީހާ އުފުލަން ޖެހުނަ ނުދިނުން ކަމަށާއި މިވަގުތު އެސްޓީއޯއިން ވަނީ ހަތަރު ކެޓެގެރީއަކަށް ބަހާލެވިގެން ކާބޯތަކެތި އެތެރެކުރުމަށް ތައްޔާރުވެފައި ކަަމަށް ބުނެއެވެ. އެއީ ފިޔާ، ބިސް އަލުވި، ކާށި، ކަދުރު، ތާޒާ ތަރުކާރީ އަދި މޭވާ: ލުނުމެދު، އިނގުރު، ލައިމް، ކެރެޓް، އޮރެންޖް، ކެބެޖް، މިރުސް، ފޭރު، ކަރާ، އަނބޫ، ޕެޝަންފުރުޓް، ކިއުކަންބާ އެވެ.

ހަމަމިއާއެކު ނެސްލޭ ކުރީމް، ކޮކޯ ޕައުޑަރ، ބޭކެޓް ބީންސް، ގެރިކިރު ދަޅު އަދި ސަންފްލާވަރ އޮއިލް، ވެޖިޓަބަލް އޮއިލް، ބާސްމަތި ހަނޑޫ ވެސް ހިމެނެއެވެ.