ކިޔެވުމާއި ތަޢުލީމީ ރޮނގުން އަޅުގަނޑުމެންގެ މުޖުތަމަޢުގައި އާންމުކޮށް ފެންނަ މަންޒަރަކީ އަނެކާއަށްވުރެ މޮޅުވުމަށް މަސައްކަތްކުރާ މަންޒަރެވެ. މައިންބަފައިން ދަރިންނަށް ބުނެދެނީ އެކުއްޖާއަށްވުރެ މޮޅުވުމަށެވެ. "އެކުއްޖާއަށް ވުރެ ރަނގަޅު މާކްސް ހޯދާށޭ!"، "އެކުއްޖާއަށްވުރެ ކުރިއަރާށޭ!" މިފަދަ ބަސްތަކަކީ ގިނަ ދަރިން އަޑުއަހަމުން އަންނަ ބަސްތަކެކެވެ. "އޭނާ އެ އައީ މާސްޓާސް ހަދައިގެންނޭ، އެހެނެއް ކަމަކު ނުދާނޭ އޭނާއަށްވުރެ ތިމަންނާ މަތީ ސެޓުފިކެޓެއް ގެންގުޅޭނަމޭ!" ފަދަ އިބާރާތްތަކަކީވެސް އާއްމުކޮށް އަޑު އިވޭ ބަސްތަކެކެވެ. ނަމަވެސް މިއީ ކޮންފަދަ ވިސްނުމެއްތޯއެވެ؟

ވަޒީފާގެ މައިދާނުގައިވެސް މި ވާދަވެރި ވިސްނުން ފެނިގެންދެއެވެ. ވަޒީފާގައި ކުރިއަރަން ބޭނުންވާ މީހުން އަބަދުވެސް ބަލަނީ އަނެކާއަށްވުރެ މޮޅުވާށެވެ. އެހެން މުވައްޒަފުންނަށްވުރެ ގިނައިން މަސައްކަތް ކުރުމާއި، އެހެން މީހުންނަށްވުރެ ރަނގަޅު ނަތީޖާ ހޯދުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި، "މޮޅުވާން" ކުރާހާވެސް ކަމަކީ އަނެކާއަށްވުރެ މަތީ ސަނަދެއް ހޯދުމަށް ކިޔެވުމެވެ. މިއީވެސް ހަމަ އެހާމެ ނުރަނގަޅު ވިސްނުމެކެވެ.

ބެލެނިވެރިން ދަރިންނަށް އެ ދޭ ނަސޭހަތުގައްޔާއި، މަސައްކަތު މާހައުލުގައި މި ހިނގާ ކަންކަމުގައި ކިޔަވަނީ އަނެކާއަށްވުރެ މޮޅުވާށެވެ. ކޮންމެހެން އައު އެއްޗެއް ދަސްކޮށް، ޢިލްމުގައި ކުރިއަރާ ދާކަށް ނޫނެވެ. މިއީ ވަރަށް ނުރައްކާތެރި ވިސްނުމެކެވެ. މިގޮތަށް ވިސްނައިގެން ކިޔަވާ ކުދިންނަށް ލިބެނީ ހަމައެކަނި ވަގުތީ ކާމިޔާބީއެކެވެ. އެކުދިންގެ އަމިއްލަ ޤާބިލުކަން އިތުރުކުރުމުގެ ބަދަލުގައި، އެހެން މީހުންނަށްވުރެ މޮޅުވުމަށް އެކަނި މަސައްކަތް ކުރުމުން، އެކުދިންގެ ތަޢުލީމީ ދަތުރު ހުއްޓުމަކަށް އަންނާނެއެވެ. ނަސްފު ތަރައްޤީ ވުމުގެ ބަދަލުގައި ބޮޑާވެރިކަމާއި ހަސަދަވެރިކަމުގެ ތަރުބިއްޔަތެއް އަށަގަންނާނެއެވެ.

މީގެ އިތުރުން، މިފަދަ ވިސްނުމަކުން ކިޔަވާ ކުދިންނަށާއި މީހުންނަށް ލިބެނީ ނަފްސާނީ ގެއްލުމެކެވެ. އަބަދުވެސް އެހެން މީހުންނާ އަޅާކިޔަމުން ދިއުމުގެ ސަބަބުން، އަމިއްލަ ނަފްސަށް އިތުބާރު ގެއްލި، ހިތްހަމަނުޖެހުމާއި ކުރިމަތިލާން ޖެހެއެވެ. އަދި މިކަމުގެ ސަބަބުން އުފެއްދުންތެރިކަމާއި އީޖާދީ ޚިޔާލުތައް ގެއްލި، ހަމައެކަނި އެހެން މީހުން ކުރާ ކަންތައްތައް ތަކުރާރުކޮށް ކުރަން ދަސްވެއެވެ.

ކަންމިހެން ހުރުމާއި އެކު، އަޅުގަނޑުމެން ވިސްނަންވީ އަމިއްލަ ނަފްސު ތަރައްޤީ ކުރުމަށެވެ. އަމިއްލަ ޤާބިލުކަން އިތުރުކޮށް، އައު ޢިލްމާއި ހުނަރު ދަސްކުރުމަށެވެ. އެހެން މީހުންނާ އަޅާކިޔުމުގެ ބަދަލުގައި، އަމިއްލަ ނަފްސާ ވާދަކޮށް، ކުރިއަށް ދިއުމަށް މަސައްކަތް ކުރަންވީއެވެ. މިގޮތަށް ވިސްނައިގެން ކިޔަވާ ކުދިންނަށް ލިބޭނީ ދެމެހެއްޓެނިވި ކާމިޔާބީއެކެވެ. އަދި މުޖުތަމަޢަށް ފައިދާހުރި، އުފެއްދުންތެރި ބަޔަކަށް ވެގެންދާނެއެވެ.

އަނެކާއަށްވުރެ މޮޅުވާން ކިޔެވުމުގެ ބަދަލުގައި، އަމިއްލަ ނަފްސު ތަރައްޤީކޮށް، ޢިލްމާއި ހިލްމުގައި ތިބާ މިއަދު ހުރި ހިސާބަށްވުރެ ކުރިއަށް ދެވޭތޯ ބަލާށެވެ! ސެޓުފިކެޓަކީ ކަރުދާހެކެވެ! އަނެކާއަށްވުރެ މޮޅުވާނީ އޮންނަ ސެޓުފިކެޓަކުންނެއް ނޫނެވެ. ތިބާގެ އިހުލާސްތެރިކަމާއި ތިބާ ދަސްކުޅަ ކޮންމެ އިލްމަކާއި ތިބާގެ ކިބައިގައި ހުރި ކޮންމެ ހުނަރަކީ އަނެކާއަށްވުރެ ތިބާ މޮޅުކޮށް ތަފާތުކޮށްދޭ ކަންކެމެވެ. އެހެންކަމުން އަނެކާއަށްވުރެ މޮޅުވާން ކިޔަވާ މީހަކަށް ތިބާ ނުވާށެވެ! އަދި އެ ވިސްނުމުގައި އަޅުގަނޑުމެންގެ ދަރިން ތަރުބިއްޔަތު ނުކުރާށެވެ!