2018 ވަނަ އަހަރުން ފެށިގެން ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)ގައި އޭނާ މަސައްކަތްކުރަނީ އެއީ 8 ގަޑިއިރުގެ ވަޒީފާއެއް ކަމަށް ދެކިގެނެއް ނޫނެވެ. އޭނާ ވެމްކޯއާއި މެދު ދެކެނީ އޭނާގެ އާއިލާގެ ގޮތުގައެވެ. ވެމްކޯއަށް އޭނާ ވަގުތު ދެނީ އާއިލާއާ ދުރުގައި ހުރެގެންނެވެ. ނަމަވެސް އޭނާ އެ ކުރާ މަސައްކަތް ކުރަނީ ލަޔާގަތާއި އެކުވެ. ހޫނުގަދަ ގަޑިތަކުގައި ފޫހިކަމެއްނެތި ހިތާއި ހަށިންނެވެ.

މިއީ އުމުރުން 42 އަހަރުގެ ހުސައިން އަޝްރަފްއެވެ. އާންމު ނަމުންނަމަ ބޮޑޭއެވެ. ބޮޑޭއަކީ މިވަގުތު ވެމްކޯގައި މަސައްކަތްކުރާ އެކުންފުނީގެ އެއް ތަރިއެވެ. އޭނާ ވެމްކޯގެ ތަރިއެއްގެ ގޮތުގައި ސިފަމިކޮށްލީ ސަބަބަކާއި ނުލާއެއް ނޫނެވެ.

ބޮޑޭއަކީ ރާއްޖޭގައި އަދި އިރުދެކުނު އޭޝިޔާ ސަރަހައްދުގައިވެސް ވަރަށް މަދު ވެހިކަލެއް ކަމުގައިވާ ލޭންޑްފިލް ކޮމްޕެކްޓަރގެ ލައިސެންސް އޮންނަ ފަރާތެކެވެ. ލޭންޑްފިލް ކޮމްޕެކްޓް ކުރުމަކީ ކޮބާ ކަމާއި އަދި އަޝްރަފް މި ކުންފުނީގައި ހޭދަކުރާ އެއް ދުވަސް ޚިޔާލަތަށް ގެންނަމާ ހެއްޔެވެ. ލޭންޑްފިލް ކޮމްޕެކްޓަރ ދުއްވުމަކީ ކޮބާތޯ އަހާލުމުން އަޝްރަފް ބުނީ މި އުޅަނދަކީ ކުނި ކޮމްޕެކްޓް ކުރާ މެޝިނެއް ކަމަށެވެ. އަޝްރަފް މިވަގުތު މަސައްކަތް ކުރަމުންދަނީ ކުނިން އުފައްދާފައިވާ އިންޑަސްޓްރިއަލް ޒޯން ކަމުގައިވާ ތިލަފުށީގައެވެ. ނުވަދިހައިގެ ކުރީކޮޅުން ފެށިގެން 2021 ވަނަ އަހަރާއި ހަމައަށް މާސިންގާ ތިލަފުށީގައި އަނދަމުންދިޔަ އަލިފާންގަނޑު ނިވުމުގެ އެންމެ ބޮޑު ރޯލެއް އަދާކޮށްފައިވަނީ ލޭންޑްފިލް ކޮމްޕެކްޓަރއެވެ. 

ލޭންޑްފިލް ކޮމްޕެކްޓިންގެ މަސައްކަތް ފަށަނީ ކަނޑައެޅިފައިވާ ސަރަހައްދަށް ކުނިއެޅުމުންނެވެ. ކޮމްޕެކްޓާ ވެހިކަލް އިން ކުނި ކޮމްޕްރެސްކޮށް ކުނީގެ ވޮލިއުމް ދަށްކޮށް، އޭގައި ހިފާފައި ހުންނަ ވައި ނައްތާލައެވެ. އެއަށްފަހު ކުނިތަކުގެ މަތީގައި ތަކުރާރުކޮށް ވެހިކަލް ދުއްވައިގެން ކުނީގެ ގިނަ ފަށަލަތައް ދުރަށް ކޮމްޕެކްޓްކޮށް ކުނި ރަނގަޅަށް ޕެކްކުރެވިފައިވާކަން ކަށަވަރުކުރެއެވެ. މި މަރުހަލާގެ އެންމެ ފަހު ކަމެއްގެ ގޮތުން ކޮމްޕެކްޓް ކުރެވޭ ކުނި ބަންދުކުރަނީ ވެލި ނުވަތަ އެ ބަންދުކުރަން ހާއްސަކުރެވިފައިވާ މެޓީރިއަލެއްގެ ފަށަލައަކުންނެވެ. މިއީ ނުބައިވަސް ދުވުމާއި ޖަރާސީމު ލޭންޑްފިލް ރައްކާތެރިކޮށް ތިމާވެށި ތަޣައްޔަރުވިޔަ ނުދިނުމަށް ކުރާ ކަމެކެވެ. މި މަސައްކަތުގެ ސަބަބުން 40 އިންސައްތަ ކުނީގެ ސައިޒް ކުޑަވެ، ލޭންޑްފިލްގެ ޖާގަ ބޮޑުވެ، ލޭންޑްފިލްގެ ރައްކާތެރިކަން ދެމެހެއްޓުމަށް އެހީތެރިވެދެއެވެ. މިކިޔާދިނީ އޭނާ ކުރާ މަސައްކަތުގެ ބުރަހެލިކަމެވެ. 

އަޝްރަފް މި މަސައްކަތްކުރަނީ އޭނާގެ ދެލޯފަދަ ލޯބިވާ ދެ ދަރިންނާއި ދުރުގައި ހުރެގެންނެވެ. ތިލަފުށީގައި ހުރެ ރެޔާއި ދުވާލު މަސައްކަތް ކުރަނީ ބަނޑުފުރާނަ މުއްތިކުރަން އެކަންޏެއް ނޫނެވެ. އޭނާ ގަބޫލުކުރާ ގޮތުގައި ކޮންމެ ކަމެއްވެސް ކުރަންޖެހޭނީ އެކަމާއި ގަޔާވެގެންނެވެ. އުޅަނދުފަހަރު ދުއްވުމަކީ އޭނާއަށް މާ ބުރަ މަސައްކަތެއް ނޫން ކަމުގައި ދެކެއެވެ. 

އެތައް އަހަރުތަކެއް ވަންދެން ކުރި މި މަސައްކަތުގެ ތެރެއިން އެންމެ ހަނދާންވާ ކަމަކީ ކޮބާތޯ ސުވާލުކޮށްލުމުން އަޝްރަފް އޭނާގެ ވަޒީފާއިން ސަފްހާއެއް އަހަރެމެންނާއި ހަމައަށް ތިލަކޮށްދިނެވެ. އެއީ ތިލަފުށީގައި އެނދި ބޮޑު އަލިފާންގަނޑުގެ ހަނދާންތަކެވެ. އޭނާ ބުނީ އެ ދުވަސްވަރު މަސައްކަތުގައި ލިބުނު އެއް ހިތްހަމަޖެހުމަކީ އޭނާއާއިއެކީ މަސައްކަތްކުރި މީހުންގެ ޓީމްވޯކް ކަމަށެވެ. ނިމިދިޔަ އަހަރުވެސް މިފަދަ އަލިފާންގަނޑަކާއި ކުރިމަތިލާންޖުހުނު ކަމަށް އަޝްރަފް ބުންޏެވެ. ނަމަވެސް މިފަހަރު އޭނާ އެ އަލިފާންގަނޑާއި ކުރިމަތިލީ ލިބުނު ހާއްސަ ޓްރެއިނިންއެއްގެ ހިޔާގެ ދަށުންނެވެ. އަޝްރަފް ބުނި ގޮތުގައި ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ މުޖުތަބާ ޖަލީލް ވަކިން ބައްދަލުކޮށް އަލިފާނުގެ ހާދިސާ ހިގައިދިޔަގޮތް އައްސަވާ އަދި ތިލަފުއްޓަށް ދުރުވެ އަލިފާން ނިވާލުމުގެ މަސައްކަތް ވަނީ ވަރަށް ގާތުން ބައްލަވާފައެވެ. އަދި ވެމްކޯއިން މުވައްޒަފުންނަށް މަސައްކަތުގެ މާހައުލުގައި ބޭނުންވާ ހުރިހާ ކަމެއްކޮށްދޭކަން އޭނާ ފާހަގަކޮށްފައި ވެއެވެ.

އަޝްރަފް ލޭންޑްފިލް ކޮމްޕެކްޓަރަކަށް ސަވާރުވީތާ އަދިވީ 4 އަހަރެވެ. ސައިކަލާއި ކޮމްޕެކްޓަރގެ އިތުރުން އަޝްރަފް އެހެން ބާވަތެއްގެ ސަވާރީއަކަށްވެސް އަހުލުވެރިވެފައި ވެއެވެ. 2014 ވަނަ އަހަރުން ފެށިގެން ކުރި މި ދަތުރަކީ އޭނާގެ ހަޔާތުގެ މުހިންމު ހިއްސާއެކެވެ. މިއަދު އޭނާއަކީ ކާރާއި ސައިކަލް ރޭސިންގެ ދާއިރާއިންވެސް ފުންނާބު އުސް ހުނަރުވެރިއެކެވެ. އަޝްރަފް ވަނީ ރާއްޖޭގައި ބޭއްވުނު ގިނަ ރޭސިން މުބާރާތްތަކުގައި ބައިވެރިވެ ގިނަފަހަރު ދެވަނަ އަދި ތިންވަނަ ހޯދާފައެވެ. މީގެ އިތުރުން، އަޝްރަފް ވަނީ 5 ފަހަރު މަތިން މަޝްހޫރު ރެޑް ބުލް ޑްރިފްޓިން މުބާރާތުގެ ޗެމްޕިއަންކަން ހޯދި އެލެކްސެންޑާރ 'ގްރިންޔާ' ގްރިންޗުކް ރާއްޖެއަށް ކުރި ޒިޔާރަތެއްގައި އޭނާ ކައިރިން ޑްރިފްޓް ކުރުމުގެ ޓްރެއިނިން ހޯދާފައެވެ. ބައިނަލްއަގްވާމީ ރޭސިން ކެމްޕެއިނެއްގައި ބައިވެރިވުމަކީ އޭނާގެ އަބަދުގެވެސް ހުވަފެނެއް ކަމަށް އަޝްރަފް އިތުރަށް ބުނެފައި ވެއެވެ.

https://www.facebook.com/share/p/161GHtMAbN/

https://www.facebook.com/share/v/19nyxWJLME/

 ކުރިން ކިޔާދިނީ ވަޒީފާގެ މައިދާނުން އަޝްރަފްގެ ހަޔާތުގެ އެއް ދުވަހެވެ. ހަލަބޮލި އަދި ބުރަހެލި، ދެއްތޯއެވެ. އަދިވެސް އެއްފަހަރު ހަމަ އެ ވަޒީފާގެ ވާހަކައަށް ޖެހިލަމުން އެއްޗެއް ބުނެލާނަމެވެ. އޭނާ މިވަގުތު ތިލަފުށީގައި މަސައްކަތް ކުރަމުންދަނީ އެސިސްޓަންޓް މެނޭޖަރއެއްގެ މަގާމުގައެވެ. ވެމްކޯގެ ތިލަފުށި ލޭންޑްފިލް މެނޭޖް ކުރުމުގެ ޒިންމާއާއި މިވަގުތު ހަވާލުވެގެން ހުރީ އަޝްރަފެވެ. އަދި މިފަހުން "ވެމްކޯގެ ވިންދު" މިސެގްމަންޓްގައި ވަނީ އަޝްރަފްގެ މިވާހަކަތައް ވަރަށް ފުރިހަމަކޮށް ގެނެސްދީފައެވެ. އޭނާގެ ވާހަކަ ނިންމާލަމުން އަޝްރަފް ވަނީ ވަކި އެއް ކަންތައް ފާހަގަކޮށްފައެވެ.

"ރާއްޖޭގައި ކުނި އުފެދޭ ވަރު ކުރިއަށްވުރެ ގިނަ. އެންމެންވެސް ކުނި ރިސައިކަލް ކުރަމާ"