"އެޕެންޑިކްސް" އަކީ އޭގެ އެއްވެސް ބޭނުމެއް ހޯދިފައި ނުވާ، "ބޭކާރު" ގުނަވައެއްގެ ލަގަބު ދާދި ފަހަކާ ޖެހެންދެން ދެވިފައި ވާ ގުނަވަނެކެވެ. އެޕެންޑިކްސްގައި ޖަރާސީމު އަށަގަތުމުގެ ސަބަބުން ދުޅަވެ އޮޕަރޭޝަން ކޮށް ހަށިގަނޑުން މި "ބޭކާރު" ގުނަވަން ނަގަން ޖެހުމަކީ މަދުން ދިމާވާ ކަމެކޭ ބުނެވޭން ނެތް އިރު، މި ގުނަވަނުގެ "އުނދަގޫ" ފަހުން ލިބިދާނޭ ކަމަށް، ބަނޑުގެ އެކި އޮޕަރޭޝަންތައް ކުރަން ޖެހޭ ހާލަތްތަކުގައި މި ގުނަވަން ނަގައި، "ހުން އަންނާނޭ ކަމަށް ރަޖާލީ" ދުވަސްވަރެއް ވެސް މިދުނިޔެ ދެކެމުން ދިޔައެވެ.
ނަމަވެސް މިހާ ފުރިހަމަ ނިޒާމެއްގެ ދަށުން މާތް ﷲ އިންސާނުން ހައްދަވާފައި ވާއިރު، އެއްވެސް ގުނަވަނަކީ ބޭކާރު ގުނަވަނަކަށް ވެދާނެބާއެވެ! މިއަކީ ބުއްދީގެ ހަމަތަކުން ބަލާއިރުވެސް ގަބޫލު ކުރެވޭ ކަމެެއް ނޫނެވެ. ސައިންސުވެރިންގެ ހޯދުންތަކުގެ އަލީގައި މިހާރުވަނީ މި "ބޭކާރު" ގުނަވަން، ބޭނުން ހުރި ގުނަވަނެއްގެ ގޮތުގައި ބަލައިގަނެވިފައެވެ.
އިންސާނާ އުފަންވާ ހިސާބުން ފެށިގެން ހަށިގަނޑުގެ ދިފާއީ ނިޒާމުގެ ދައުރެއް، އެޕެންޑިކްސް އަދާކުރަން ފަށައެވެ. މިއީ އެޕެންޑިކްސްގެ ތެރޭގައި "ލިމްފޮއިޑް ޓިޝޫ" އަށަގަތުމުން ވާ ކަމެކެވެ. އިންސާނާގެ ދިފާއީ ނިޒާމަށް ބޭނުންވާ ބައެއް ހުދު ސެލް (ބީ ލިމޮފޯސައިޓް) އާއި އެންޓިބޮޑީ އުފެއްދުމުގައި، އިންސާނާގެ އުމުރުގެ 20-30 އަހަރު ކުރިއަށްދެއެވެ. އެއަށްފަހު މި މަސައްކަތް ލަސްވަމުން ދާންފަށައެވެ. މި ދިފާއީ ނިޒާމު ހާއްސަ ވެފައި ވަނީ ހަޖަމުކުރުމުގެ ނިޒާމުތެރެއިން ދައުރުވާ ހަށިގަނޑަށް ގެއްލުންދެނިވި ޖަރާސީމުތައް ނައްތާލުމަށްށެވެ. އަދި އެޕެންޑިކްސްގައި ހަށިގަނޑަށް ފައިދާ ހުރި ބެކްޓީރިއާ ރައްކާކުރެވިފައި ހުރެއެވެ. ބޭރަށް ހިންގުން ފަދަ ބަލިތަކުގައި ގޮހޮރުގައި ހުންނަ ރަނގަޅު ބެކްޓީރިއާ މަދުވެގެން ދާ ހާލަތްތަކުގައި، އެޕެންޑިކްސް އިން މިބައި ފޫބައްދައިދެއެވެ.
މިހާ ހިސަބުން އެޕެންޑިކްސް ގެ ދައުރު ނިމުނީއެއް ނޫނެވެ. ބައެއް ހާލަތްތަކުގައި ކުޑަކަމުދާ ތަކެތި ޖަމާވާ ކޮތަޅު، "މަސާނާ" ގައި މައްސަލަ ޖެހުމުން، އައު މަސާނާއެއް ގޮހޮރުގައި ހެދުމަށް، އޮޕަރޭޝަނެއް ކުރެވެއެވެ. ގޮހޮރުގައި ހަދާ މި މަސާނާގައި ކުޑަކަމުދާ ތަކެތި ހިފެހެއްޓުމަށް ބޭނުން ކުރާ މަސްކޮޅުގެ ގޮތުގައި އެޕެންޑިކްސް މިހާރު ދަނީ ބޭނުން ކުރެވެމުންނެވެ.
އެހެންކަމުން އިންސާނެއްގެ އެހެން ގުނަވަންތަކަށް ދެވޭ ޤަދަރެއް ވާނަމަ، މި ގުނަވަނަށްވެސް އެ ޤަދަރެއް ހައްގު ނޫންތޯއެވެ؟ އެޕެންޑިކްސްއަކީ "ބޭކާރު" ގުނަވަނުގެ ގޮތުގައި ފާހަގަކުރާ ކުރުން ނިމުމަކަށްގެނެސް "ބޭނުންތެރި" ގުނަވަނެއްގެ ގޮތުގައި ދެކެންޖެހެއެވެ.
