ސަރުކާރުގެ "ޓެކްސީ ލައިން" ގެ ހިދުމަތް ތައާރަފުކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ. 

މީރުމާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތް ރަސްމީކޮށް އެމްޓީސީސީއާ ހަވާލުކުރި އެއްބަސްވުމުގައި ސޮއިކުރެއްވީ ޓްރާންސްޕޯޓް މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް އަހުމަދު ޝަމީމާއި އެމްޓީސީސީގެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއެވެ.

އެ އެއްބަސްވުމުގެ ދަށުން އެމްޓީސީސީން ޓެކްސީގެ ހިދުމަތް ދޭނީ ތިމާވެއްޓާ ރަށްޓެހި އިލެކްޓްރިކް ވެހިކަލްތައް (އީވީ) މެދުވެރިކޮށެވެ. މި ހިދުމަތް ދޭން ހަމަޖެހިފައި ވަނީ ހިދުމަތް ދިނުމަށް ހާއްސަ އެޕްލިކޭޝަނެއް ގާއިމުކޮށް ސައްތައިން ސައްތަ ދިވެހިން ލައިގެންނެވެ.

އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ސައުދީ ވިދާޅުވީ، އެ ކުންފުނިން އެ ހިދުމަތް ތައާރަފު ކުރަނީ އާއްމުންނަށް ދަތުރުފަތުރުކުރުމުގައި މިހާރު ކުރިމަތިވަމުންދާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ކަމަށާއި އެ ހިދުމަތާއެކު ވަޒީފާގެ އެތައް ފުރުސަތެއް ފަހިވެގެންދާނެ ކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ، އެ ހިދުމަތް މިއަހަރުގެ މެދު ތެރޭގައި ފެށުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ ހިދުމަތުގެ ތެރެއިން ފުލް ޓައިމް އަދި ޕާޓް ޓައިމްކޮށްވެސް ވަޒީފާ އަދާކުރެވޭނެ ކަމަށާއި ސަރުކާރުން އެކަން ކުރަނީ އާމްދަނީ ހޯދުމުގެ ނިޔަތެއްގައި ނޫން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ޓެކްސީ ލައިނާ އެކު މާލޭގެ ތޮއްޖެހުމަށް ވެސް އެދެވޭ ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ،

ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް ދޭން ފަށާނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި މި އަހަރުގެ ތެރޭގައި މި ހިދުމަތް މާލެ، ހުޅުމާލެ އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދޭން ފަށާނެއެވެ. ދެ ވަނަ ފިޔަވަހީގެ ދަށުން 2026 ވަނަ އަހަރާއި 2027 ވަނަ އަހަރު ވިލިނގިލި އަދި ތިލަފުއްޓަށް އެ ހިދުމަތް ތައާރަފްކުރަން ނިންމާފައިވާ އިރު، ތިން ވަނަ ފިޔަވަހީގައި އެ ހިދުމަތް ރަސްމާލެ، ގިރާވަރު، އައްޑޫ، ފުވައްމުލަކު އަދި ކުޅުދުއްފުށި ސިޓީގައި ފަށާނެއެވެ. އެއީ 2028 ވަނަ އަހަރާއި 2029 ވަނަ އަހަރުއެވެ.