މިއަހަރު ރާއްޖެއަށް 3 ލައްކަ އަށްވުރެ ގިނަ ފަތުރުވެރިން އަތުވެއްޖެއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުން ދައްކާގޮތުގައި މިހާރު ރާއްޖެއަށް އެވްރެޖުގޮތެއްގައި ދުވާލަކު 7000 އަށްވުރެ ގިނަ ފަތުރުވެރިން އާދެއެވެ. އެގޮތުން 1 ޖަނަވަރީން 11 ފެބްރުއަރީގެ ނިޔަލަށް ރާއްޖެއަށް 303،447 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %9.7 އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 269،588 ފަތުރުވެރިންނެވެ.
މި މުއްދަތުގެ ތެރޭގައި ރާއްޖެ އައި ފަތުރުވެރިންގެ ތެރެއިން %69.4 މީހުން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓްތަކުގައެވެ. އަދި %25.6 މީހުން ގެސްޓްހައުސްތަކުގައި %2.6 މީހުން ހޮޓެލްތަކުގައި ޗުއްޓީ ހޭދަކޮށްފައިވާކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.
އަހަރުގެ މިހާތަނަށް އެންމެ ގިނައިން ފަތުރުވެރިން އައި ޤައުމުތަކަކަކީ ޗައިނާއިން 50,979 ފަތުރުވެރިން، ރަޝިއާ އިން 28,997 ފަތުރުވެރިން، އިނގިރޭސިވިލާތުން 27،917 ފަތުރުވެރިން އަދި އިޓަލީވިލާތުން 27،901 ފަތުރުވެރިންނާއި ޖަރުމަނުވިލާތުން 17,914 ފަތުރުވެރިންނެވެ.
