އިންވާޓާ އެޕްލަޔަންސް ހިޔާރު ކުރުމަކީ ވެސް ކަރަންޓް ބޭނުންކުރާ މިންވަރު ދަށްކޮށްދޭނެ ކަމުގައި ސްޓެލްކޯ އިން ބުނެފިއެވެ.

ސްޓެލްކޯ އިން ނޫސްވެރިންނަށް މައުލޫމާތު ދެމުން ބުނީ އާންމުކޮށް ކޮންމެ ގޭބިސީއެއްގައި ކަރަންޓުގެ އެހީގައި ބޭނުންކުރާ އާލާތްތަކަށް ބަލާއިރު، އެންމެ ގިނައިން ކަރަންޓު ލޯޑް ބޯޑުވާ ތަކެތީގެ ތެރޭގައި އެއާކޮންޑިޝަނާއި އައިސް އަލަމާރި އާއި ދޮންނަ މެޝިން ހިމެނޭ ކަމަށެވެ. އަދި މިފަދަ އެޕްލަޔަންސްތައް ގަންނަ އިރު، އެއީ ރަނގަޅު ބްރޭންޑެއްގެ ތަކެތި ތޯ ބެލުމަކީ ވެސް ވަަރަށް މުހިއްމު ކަމެއް ކަމަށެވެ.

ސްޓެލްކޯ އިން ބުނީ މިއަހަރުގެ ރޯދަ މަހު ކަރަންޓު ބިލު ބޮޑުވެދާނެ ކަމަށް ވެސް ދުރާލާ ވިސްނާލަން ޖެހޭނެ ކަމަށާއި ކެއުން ބުއިމަށް ހާއްސަ ސަމާލުކަމެއް ދޭ މަހެއްގެ ގޮތުގައި ރޯދަ މަސް ވާއިރު، ކަރަންޓުގެ އެތައް ސާމާނެއް ކޮންމެ ދުވަހަކު ބޭނުން ކުރަން ޖެހުމަކީ ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާނެ ކަމެއްކަން ސްޓެލްކޯ އިން ހަނދާންކޮށްދެއެވެ.

އެހެންކަމުން ގެއިން ބޭރަށް ދޮޅު ގަޑިއިރަށް ވުރެ ގިނަ ވަގުތަކަށް ދާ ނަމަ އޭސީ ނިއްވާލުމަށާއި ފެން ކައްކާ ޖަގު ޖައްސާ އިރު ބޭނުންވާ މިންވަރަށް ފެން އަޅާފަ ޖެއްސުމަށާއި އިސްތިރި ބޭނުން ކުރުމުގައި ވެސް އެއްފަހަރާ ގިނަ އަންނައުނު އިސްތިރި ކުރުމަށް ސަމާލުކަން ދިނުމަށް ވަނީ އެދިފައެވެ. އަދި ސިޓިން ރޫމް އޭސީކޮށްފައި ހުންނަ ނަމަ ބަދިގޭގައި ކައްކާ ވަގުތު އޭސީ ނިއްވާލުން ވަރަށް މުހިންމު ކަމަށް ބުންޏެވެ.

ސްޓެލްކޯ އިން އިތުރަށް ވަނީ 24 ނުވަތަ 25 ޑިގްރީއަށް ވުރެ އޭސީ ފިނި ނުކުރުމާއި، ހޫނު ވާ ވަގުތުތަކުގައި އޭސީ ޖައްސާ އިރު، ފަންކާ ޖައްސާލުމުން އިތުރު ފިނިކަމެއް ލިބޭނެކަން ހަނދާންކޮށްދީފައި ވެއެވެ. އަދި އޭސީ ބޭނުންކުރާ ކޮޓަރިއަކީ ބަންދުވެފައި ހުންނަ ތަނަކަށްވުމަށާއި ކުޑަދޮރާއި ފާހާނާ ލައްޕާފައި ބެހެއްޓުމަށާއި ކޮންމެ ދެ ހަފްތާއަކުން އޭސީގެ ފިލްޓަރު ސާފު ކުރުން އެދެވޭ ކަމަށް ބުންޏެވެ.

މީގެ އިތުރުން ހޫނު ގަދަވާ މޫސުން ފެށުމުގެ ކުރިން މުޅި އޭސީ ފުލް ސާވިސް އެއް ކުރުމަށާއި އައިސް އަލަމާރިއަށް ހޫނުކޮށް ހުންނަ ތަކެތި ނުލާ، އެތަކެތި ހިހޫ ވުމުން އައިސް އަލަމާރިއަށް ލުމަށް ސްޓެލްކޯ އިން އެދިފައި ވެއެވެ.

2023 ވަނަ އަހަރު ސްޓެލްކޯގެ ޕީކްލޯޑް 102 މެގަވޮޓަށް އަރާފައިވާ އިރު، މިދިޔަ އަހަރު ޕީކްލޯޑް ވަނީ 113 މެގަވޮޓުަށް އަރާފައެވެ. ސްޓެލްކޯއިން ބުނީ މިހާރު ކަރަންޓުގެ ޑިމާންޑް އޮތް މިންވަރަށް ބަލާއިރު، މިއަހަރުގެ ޕީކްލޯޑް 134 އަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.