ތ. ބުރުނީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 92 ޕަސެންޓް ނިމިއްޖެއެވެ.

މަޝްރޫއުގެ މަސައްކަތް ކުރިއަށްދާ ގޮތާ ގުޅޭގޮތުން ކޮންޓްރެކްޓަރު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ބުނީ އެ މަޝްރޫއުގެ ދަށުން ބޭރުތޮށި ލުމާއި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. 

އޭގެ އިތުރުން ބުރުނީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ ދަށުން ކޮނުމާއި ގޮނޑުދޮށަށް ވެލި އެޅުމުގެ މަސައްކަތް ވެސް ނިންމާފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ. 

ހައުސިން މިނިސްޓްރީން ބުރުނީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 2022 ސެޕްޓެމްބަރު 23 ގައެވެ. އަދި އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ 2022 ނޮވެމްބަރު މަހުގެ ތެރޭގައެވެ. 

ޖުމުލަ 28.8 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން ބުރުނީގެ ރަށް ގިރުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި 21,181.80 ކިއުބިކް މީޓަރުގެ ވެލި، ގިރާ ސަރަހައްދަށް އެޅުމާއި 369 މީޓަރުގެ ބޭރުތޮށި ލުމާއި 220 މީޓަރުގެ ރިވެޓްމަންޓް ގާއިމުކޮށް ބީޗް ރިޕްލެނިޝްކުރުން ހިމެނެއެވެ.