އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި ޗެލްސީ އަތުން 3-0 އިން ބްރައިޓަން މޮޅުވެއްޖެއެވެ.
މިއީ މިދިޔަ އެއް ހަފްތާގެ ތެރޭގައި ޗެލްސީ އަތުން ބްރައިޓަން މޮޅުވި ދެވަނަ ފަހަރެވެ. މި ދެ ޓީމުން މިދިޔަ ހޮނިހިރު ދުވަހު އިނގިރޭސި އެފްއޭ ކަޕްގައި ބައްދަލުކުރި މެޗުން ބްރައިޓަން މޮޅުވީ 2-1 އިންނެވެ.
ބްރައިޓަންގެ އެމެކްސް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި އެ ޓީމުން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ގޯލްޖެހީ ފުރަތަމަ ހާފުގައެވެ.
މެޗުގެ 27 ވަނަ މިނެޓުގައި ބްރައިޓަންގެ ފުރަތަމަ ލަނޑުޖަހައިދިނީ ކައޮރޫ މިޓޯމާ އެވެ. އޭނާ މި ލަނޑުޖެހީ އެ ޓީމުގެ ގޯލްކީޕަރު، ބާޓް ވާބްރުގެން ދިން ބޯޅައަކުންނެވެ.
އޭގެފަހުން، ފުރަތަމަ ހާފުގެ ކުޅުން ނިމެން ހަތް މިނެޓަށްވެފައިވަނިކޮށް ޔަންކޫބާ މިންޓެ ވަނީ ނަތީޖާ 2-0 އަށް ބަދަލުކޮށްލާފައެވެ.
ދެވަނަ ހާފުގައި ބްރައިޓަންގެ ތިންވަނަ ލަނޑުޖެހީ ވެސް ޔަންކޫބާ މިންޓެ އެވެ. މެޗުގެ 63 ވަނަ މިނެޓުގައި މިންޓެ މި ލަނޑުޖެހީ ޑެނީ ވެލްބެކް ދިން ބޯޅައަކުންނެވެ. އެ ޓީމުގެ ދެވަނަ ލަނޑުޖަހައިދިނުމަށް އެހީތެރިވެދިނީ ވެސް ވެލްބެކް އެވެ.
މެޗަށްފަހު ޗެލްސީގެ ކޯޗު، އެންޒޯ މަރެސްކާ ބުނީ، ރޭގެ މެޗަކީ އެ ޓީމުގެ ކޯޗުގެ މަގާމާ އޭނާ ހަވާލުވިފަހުން ޗެލްސީގެ ފަރާތުން ފެނުނު އެންމެ ދަށް މެޗު ކަމަށެވެ.
މި ނަތީޖާއާއެކު، ޗެލްސީ އަދިވެސް އުޅެނީ ތާވަލްގެ ހަތަރެއްގައެވެ. އެ ޓީމަށް 25 މެޗުން ލިބިފައިވަނީ 43 ޕޮއިންޓެވެ. މި މޮޅާއެކު، ބްރައިޓަން ވަނީ ތާވަލްގެ 8 ވަނައަށް ޖެހިލައިފައެވެ. ބްރައިޓަން އަށް ލިބިފައިވަނީ 37 ޕޮއިންޓެވެ.