އިސްލާމްދީނަކީ، މާތްﷲ ބާވައިލެއްވި އެންމެ މާތް އަދި އެންމެ ފުރިހަމަ ދީންކަމަށް ވެފައިވަނީ، އިންސާނުންގެ އުފާ ފާގަތިކަމާއި، ކުރިއެރުމާއި، ހަމަޖެހުމާއި، އެއްބަނޑު އެއްބަފާކަމަށް މަގުފަހިކޮށްދޭ ހުރިހާ ކަމެއް އެދީނުގައި ލައްވާފައި ވާތީއެވެ. ފަހެ، މާތްﷲ ވަހީ ކުރެއްވިއެވެ. "مَّا فَرَّطْنَا فِى ٱلْكِتَـٰبِ مِن شَىْءٍۢ ۚ ثُمَّ إِلَىٰ رَبِّهِمْ يُحْشَرُونَ" (އަލް އަންއާމް: 38) މާނައީ: "އެފޮތުގައި (ނުލިޔުއްވައި) ތިމަން ރަސްކަލާނގެ އެއްވެސް އެއްޗެއް ދުލެއް ނުކުރައްވަމެވެ."
މިގޮތުން، މުޖުތަމަޢުގައި ދިރިއުޅޭ، ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އެހީތެރިވެ ދިނުމަކީ، އިސްލާމްދީނުގެ މައިގަނޑު ހަމަތަކުގެ ތެރެއިންވާ ކަމެކެވެ. އަދި އެ މުހިންމު މަޤްޞަދު ހާސިލުކުރުމަށްޓަކައި، އިސްލާމްދީނުގައި ހާއްސަ ރުކުނެއް ކަނޑައަޅުއްވާފައި ވޭމެ އެވެ. އެއީ ފިޠުރު ޒަކާތާއި، މުދަލުގެ ޒަކާތް ދިނުމުގެ މަތިވެރި ރުކުނެވެ. އެމީހެއްގެ މައްޗަށް ވާޖިބުވާ ޒަކާތުގެ މިންވަރު ނެރުމަށް ފަހުގައިވެސް، އެކިއެކި ދަތިތައް ދިމާވެފައިވާ މީހުންނަށް އެހީތެރިވެ ދިނުމަށް، ދީނުގައި ވަރަށް ބޮޑަށް ބާރު އަޅުއްވާފައި ވެއެވެ. މާތްﷲ ވަހީކުރެއްވިއެވެ. "وَٱلَّذِينَ فِىٓ أَمْوَٰلِهِمْ حَقٌّۭ مَّعْلُومٌۭ لِّلسَّآئِلِ وَٱلْمَحْرُومِ" (އަލްމަޢާރިޖު: 24، 25) މާނައީ: "އަދި އެބައިމީހުންނަކީ، ސުވާލުކޮށް އެދޭ މީހުންނަށާއި، ނިކަމެތި މަހްރޫމުންނަށް، އެބައިމީހުންގެ މުދަލުގައި ކަނޑައެޅިގެންވާ ޙައްޤެއްވާ މީހުންނެވެ."
ރަސޫލުﷲ ޞައްލަﷲ އަލައެހި ވަޞައްލަމަ ގެ މަތިވެރި ސީރަތުންވެސް މިކަމާބެހޭ ގިނަގުނަ ފިލާވަޅުތަކެއް ލިބެއެވެ. އިތުރު އެކަލޭގެފާނު، ނިކަމެތިންނާމެދު ބަހައްޓަވާފައިވަނީ، ވަރަށް ހާއްސަ ގޮތެކެވެ. އެބައިމީހުންގެ ހާލު އަހުވާލު ބައްލަވައި، އެބައި މީހުންނަށް އެހީތެރިވެދެއްވައި، މުޅި މުޖުތަމަޢުގެ އެންމެންވެސް އެގޮތުގެމަތިން އަމަލުކުރުމަށް އަބަދާއަބަދު، ނަސޭހަތްތެރިވެ ވަޑައިގެން އިރުޝާދު ދެއްވާފައިވެއެވެ. އެހެންކަމުން، އަޅުގަނޑުމެންގެ މައްޗަށް ވާޖިބުވެގެންވަނީ، މުޖުތަމަޢުގައި އުޅޭ ހާއްސަ އެހީއަށް ބޭނުންވާ އަޅުގަނޑުމެންގެ އަޚުންނާއި އުޚްތުންނަށް އަބަދުވެސް ރަނގަޅުގޮތްތައް ހޯދައިދީ، އެމީހުންނަކީ، ފުދުންތެރި، އަދި އުފެއްދުންތެރި ބަޔަކު ކަމުގައި ހެދޭތޯ މަސައްކަތްކުރުމެވެ.
("ހާއްސަ އެހީ އަށް ބޭނުންވާ މީހުންނަށް އެހީތެރިވެދިނުން" – އަލްއުސްތާޛު މައުމޫން ޢަބްދުލް ގައްޔޫމް – ދީނުގެމަގު، އަހަރު 15، އަދަދު 8، ޞަފްހާ 1، 23 ޖޫން 2000)