ގދ. ރަތަފަންދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ 91 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް އެ މަޝްރޫގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފިއެވެ. 

އެ ކުންފުނިން މިއަދު ބުނީ އެ މަޝްރޫއުގެ ދަށުން ބޭރުތޮށި ޖެހުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި ރިވެޓްމަންޓް ޕްރޮފައިލް ކުރުމުގެ 82 ޕަސެންޓް މަސައްކަތާއި ގޮނޑުދޮށަށް ވެލި ފުރުމުގެ 87 ޕަސެންޓް މަސައްކަތް ނިންމާލާފައިވާ ކަމަށެވެ.

ރަތަފަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 11 އޭޕްރިލް 2022ގައެވެ. އޭރު އެ މަޝްރޫއު ހަވާލުކުރީ 26.27 މިލިއަން ރުފިޔާއަށެވެ.

އެ މަޝްރޫއުގެ ދަށުން 461 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 240 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 6600 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމުގެ މަސައްކަތް ހިމެނެއެވެ. މަސައްކަތުގެ ސްކޯޕަށް ބަދަލެއް އައި ކަމެއް އެމްޓީސީސީއަކުން ނުބުނެއެވެ.