އެސްޓީއޯ އިން ބާޒާރަށް ލުނބޯ ނެރެ، ލުނބޯ ކިލޯއެއް 40 ރުފިޔާއަށް ވިއްކަން ފަށައިފިއެވެ.
މިއީ މިއަހަރުގެ ރޯދަ މަހަށް ހާއްސަކޮށްގެން ގެނައި ލުނބޯ ޝިޕްމެންޓުގެ ލުނބޮއެވެ. މިޝިޕްމެންޓް ގެނެސްފައިވަނީ މިދިޔަ ހަފުތާގައެވެ. އެސްޓީއޯ އިން ލުނބޯ ގެންނަނީ އިންޑިއާއިންނެވެ.
އެސްޓީއޯ އިން މިއަދު ބުނީ ލުނބޯ ކިލޯއެއް ލިބޭނީ 40 ރުފިޔާއަށް ކަމަށެވެ. އަދި ފަސް ކިލޯގެ ލުނބޯ ފޮއްޓެއް ވިއްކަނީ 145 ރުފިޔާއަށެވެ. އަދި ފަސް ކިލޯގެ ފަސް ކޭސްއަށްވުރެ ގިނައިން ގަންނަ ނަމަ، ކޭހެއް 135 ރުފިޔާއަށް ލިބޭނެއެވެ.
އެސްޓީއޯ އިން ރޯދަ މަހަށް ލުނބޯ ގެނެސްފައިވާ އިރު، ބާޒާރުގައި މިހާރު ލުނބޯ ކިލޯއެއްގެ އަގު އުޅެނީ 60 ރުފިޔާއަށެވެ.
ކޮންމެ އަހަރަކު ވެސް ރޯދަ މަހާ ދިމާކޮށް، އެ މަހު އަގު މައްޗަށްދާނެ ކަަމަށް ބެލެވޭ ސާމާނަށް އިސްކަން ދީގެން ދުރާލައި އެސްޓީއޯ އިން ތަކެތި އެތެރެ ކުރެއެވެ.
އެގޮތުން އެސްޓީއޯ އިން ވަނީ ކާއްޓާއި ފިޔާ ވެސް ގެނެސް ބާޒާރަށް ނެރެފައެވެ. އެގޮތުން ފިޔާ ކިލޯއެއް 16 އަށް ލިބޭ އިރު، 25 ކިލޯގެ ފިޔާ ބަސްތާއެއް 350 ރުފިޔާއަށް އަދި 10 ބަސްތާއަށް ވުރެ ގިނައިން ގަންނަ ނަމަ، ބަސްތާއެއް 340 އަށް ލިބޭނެއެވެ. އަދި ކާއްޓެއްގެ އަގު އުޅޭނީ ފަސް ރުފިޔާއެވެ.
