ސްމާޓް މީޓަރތައް އިންސްޓޯލްކުރުމުގެ މަސައްކަތް ރޯދަ މަހު ފަށާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފިއެވެ.

ސްޓެލްކޯ އިން މި މައުލޫމާތު ހިއްސާކުރީ އެމްއެމް ޓީވީގެ ޕްރޮގްރާމަކަށް ދިން އިންޓަވިއުއެއްގައެވެ. 

މި ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ ޖެނެރަލް މެނޭޖަރ އިބްރާހީމް ނާޝިދު ވިދާޅުވީ މީޓަރު ރީޑިންގ އާއި ބިލް ޑެލިވަރީ ކުރުމުގައި އަބަދުވެސް ލަސްތަކެއް ދިމާވާ  ކަމަށެވެ. އޭނާ ހާމަކުރެއްވި ގޮތުގައި ސްޓެލްކޯއިން ސްމާޓް މީޓަރު ހަރުކުރަން ފަށާފައިވާއިރު، އެކަމަށް ބޭނުންވާ ފުރަތަމަ ޓެސްޓްތައް ހަދާ ނިމިފައި ވެއެވެ. ފެބްރުއަރީ މަހުގެ ފަހުކޮޅު ސްމާޓް މީޓަރުގެ ފުރަތަމަ ޝިޕްމަންޓް ރާއްޖެއަށް އަންނާނެ ކަމަށް ބެލެވޭ ކަމުގައި ނާޝިދު ވިދާޅުވިއެވެ. ރޯދަމަހަށް ފަހު ކުޑައިރުކޮޅެއްގެ ތެރޭގައި ސްމާޓް މީޓަރ އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށާނެ ކަމަށްވެސް ވިދާޅުވިއެވެ.

ނާޝިދު ވިދާޅުވީ، ސްމާޓް މީޓަރުގެ މަޝްރޫއު ނިމުމުން ކޮންމެ ފަނަރަ މިނެޓަކުން ކަސްޓަމަރުންނަށް ކަރަންޓް ބޭނުންކުރާ މިންވަރު މޮނިޓަރ ކުރެވޭނެ ކަމަށެވެ. މި ކުރިއެރުމުގެ ސަބަބުން ބިލިންގ ސިސްޓަމަށް ކަސްޓަމަރުންގެ އިތުބާރު ވަރުގަދަވެގެންދާނެ ކަމަށް ނާޝިދު ފާހަގަކުރައްވާފައި ވެއެވެ.

މީގެ އިތުރުން، ނާޝިދު ވަނީ ކަރަންޓްގެ މައްސަލަ ދިމާވުމުން އަމަލުކުރަންވީ ގޮތްވެސް އޮޅުންފިލުވާދެއްވާފައެވެ. އެގޮތުން، މާލެ ސަރަހައްދުގެ އެއްވެސް އިމާރާތެއްގައި ކަރަންޓް ކެނޑިގެން ނުވަތަ ކަރަންޓުގެ މައްސަލަތައް ދިމާވާ ކަސްޓަމަރުން މައްސަލަތައް ރިޕޯޓް ކުރުމަށް ސްޓެލްކޯގެ ނަންބަރު 104 އަށް ގުޅައިގެން ސްޓެލްކޯއިން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ނަޝީދު ވަނީ ދެއްވާފައެވެ.

މިފަދަ ހާލަތެއްގައި އަތޮޅުތަކުގެ ރައްޔިތުން އެސަރަހައްދެއްގެ ޕަވާހައުސްއާއި ގުޅައިގެން މައްސަލަ ރިޕޯޓްކުރުމަށް ނާޝިދު އިރުޝާދު ދެއްވިއެވެ. ނާޝިދު ފާހަގަކުރެއްވި ގޮތުގައި ސްޓެލްކޯގެ އިލެކްޓްރިޝަނުން ކޮންމެ ވަގުތެއްގައިވެސް ކަރަންޓުގެ މައްސަލަތަކަށް ސަމާލުކަން ދޭނެ އެވެ.