ތުއްތު ކުދިން ނުވަތަ އަލަށް އުފަންވާ ކުދިން ރީނދޫވުމަކީ ގިނަ ކުދިންނަށް ކުރިމަތިވާ ކަމެކެވެ. މިއީ އާންމުކޮށް ދިމާވާ ކަމަކަށްވީ ނަމަވެސް، މިއީ ގިނަ ފަހަރަށް މައިންބަފައިން ކަންބޮޑުވެ، ކުއްޖާ އަތްވަށް ނެރެ އަވަސް އަވަހަށް ޑޮކްޓަރަށް ދައްކާ އުޅޭ ކަމެކެވެ. މި މަޒުމޫނުގައި އަޅުގަނޑުމެން ބަލައިލާނީ ތުއްތު ކުދިން ރީނދޫވުމުން އަތްވަށް ނެރެނީ ކީއްވެކަމާއި، މިކަމުގެ ޙަޤީޤަތަށެވެ.
ތުއްތު ކުދިން ރީނދޫވުމަކީ ވަރަށް އާންމު ކަމެކެވެ. ޚާއްޞަކޮށް އުފަންވާތާ ފުރަތަމަ ދެ ހަފްތާގެ ތެރޭގައި މިކަން ދިމާވުމަކީ އެކަށީގެންވާ ކަމެކެވެ. މިއީ ގިނަ ފަހަރަށް ކުއްޖާގެ ހަށިގަނޑުގައި ހުންނަ ބިލިރުބިން ނަމަކަށް ކިޔާ މާއްދާއެއް މައްޗަށް ދިއުމުގެ ސަބަބުން ދިމާވާ ކަމެކެވެ. ބިލިރުބިނަކީ ލޭ ތެރޭގައި އުފެދޭ ޒާތުގެ ކެމިކަލެކެވެ. މިއީ ހަށިގަނޑުގައި ހުން ލޭގެ ރަތް ހަތާތައް މަރުވުމުން ހިނގާ ހަރަކާތަކުން އުފެދޭ އެއްޗެކެވެ. ތުއްތުކުދިންގެ ހަށިގަނޑުގައި ލޭގެ ރަތް ހަތާތައް ގިނަ އަދަދަކަށް ހުންނާނެއެވެ. އަދި ފުރަމޭގެ ފުރިހަމަކަން ފުރާފުރިހަމަ ވަމުންދާ މި ދުވަސްކޮޅު ލޭގެ ތެރޭގައި ހުންނަ މި މާއްދާ އިތުރުވުމަކީ އާއްމު ކަމެކެވެ. އެހެނީ ފުރަމެއަކީ މި މާއްދާ ލޭގެތެރެއިން ސާފުކޮށްދިނުމަށް، މި މާއްދާ ރޫޅާ ކުދިކުދިކޮށް ހަދައިދޭ ގުނަވަނެވެ. ބިލިރުބިން އެކުދިންގެ ހަށިގަނޑުން ބޭރުވާނީ، ބޮޑުކަމުދާ ތަކެއްޗާއި އަދި ކުޑަކަމުދާ ތަކެއްޗާއި އެކުގައެވެ.
ގިނަ ފަހަރަށް ތުއްތު ކުދިން ރީނދޫވުމަކީ ނުރައްކާތެރި ކަމެއް ނޫނެވެ. ނަމަވެސް، ބައެއް ޙާލަތްތަކުގައި މިކަމަކީ ސީރިއަސް މައްސަލައެއްގެ ނިޝާނަކަށްވެސް ވެދާނެއެވެ. އެހެންކަމުން، މައިންބަފައިން ކަންބޮޑުވެ އަވަސް އަވަހަށް ޑޮކްޓަރަށް ދެއްކުމަކީ އެންމެ ރަނގަޅު ގޮތެވެ. ޑޮކްޓަރުންނަށް ކުއްޖާގެ ޙާލަތު ބަލައި، އިތުރު ފަރުވާއެއް ބޭނުންވޭތޯ ކަނޑައެޅޭނީ އޭރުންނެވެ. ގިނަ ފަހަރަށް ތުއްތު ކުދިން ރީނދޫވުމުގެ މައްސަލަ ރަނގަޅުވަނީ އަމިއްލައަށެވެ. ކުއްޖާއަށް ގަވާއިދުން ކިރުދީ، އަވީގައި ބޭއްވުމަކީ މި މައްސަލަ ޙައްލުކުރުމަށް އެހީތެރިވާނެ ކަމެކެވެ. ނަމަވެސް، މިކަން ކުރަންވާނީ ޑޮކްޓަރެއްގެ ލަފާގެ މަތިން، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އެކުގައެވެ. ކުއްޖާ އަތްވަށް ނެރޭއިރު، ކުއްޖާގެ ދެ ލޮލާއި ލަދުވެތި ގުނަވަން ނިވައިކުރަންވާނެއެވެ. އަދި އިރު އަރާ ވަގުތު އެ ހުންނަ ރަން އަތްވާއި އޮށްސޭ ވަގުތު އެ ހުންނަ އަތްވަކީ މިކަމަށް އެއްމެ އެކަށޭނެ އަތްވެއެވެ. ގަދަ ހޫނާއި ދިލަ އަތްވަކީ މިކަމުގައި އެކުދިންނަށް ގެއްލުން ލިބިދާނެ އަތްވެކެވެ. ހަގީގަތުގައި ބޭނުންވަނީ ސީދާ އަތްވެއް ނޫނެވެ. އަވީގައި ހުންނަ ނޫ ދޯދިތަކެކެވެ. ނުވަތަ "ބްލޫ ލައިޓް" އެވެ. މި ދޯދި ތަކަކީ މެންދުރުވަގުތު ހުންނާނެ ދޯދިތަކެއް ނޫނެވެ.
ރީނދޫވުމުންތުއްތު ކުދިން އަތްވަށް ނެރުމަކީ ޒަމާނުއްސުރެ ދިވެހިން ކުރަމުން އަންނަ ކަމެކެވެ. އެކަމުގައި ފޮރުވިފައިވާ ސިއްހީ އަދި ސައިންޓިފިކް ހަގީގަތަކީ ކޮބައިކަން އެނގެނީ ކިތައް މީހުންނަށްތޯއެވެ! ހަގީގަތުގައި ތުއްތުކުދިން އަތްވަށް ނެރުމުން، މި ލިބޭ ބްލޫ ލައިޓް ނުވަތަ ނޫ ދޯދިތަކުން، އެ ކުއްޖާގެ ލޭގެ ތެރޭގައި ހުންނަ ބިލިރުބިން ރޫޅާ ހަލާކުކޮށްދިނުމަށް އެހީތެރިވެދެއެވެ. މިއީ ފުރަމެއިންވެސް ބިލިރުބިން އަށް ހަދާ ގޮތެވެ. އެހެންކަމުން އެ މާއްދާ ރޫޅާ ހަލާކުކުރުމުން، ލޭގެ ތެރެއިން މި މާއްދާ ސާފުވެ، ކުޑަކަމުދާ ތަކެއްޗާއި ބޮޑުކަމުދާ ތަކެެއްޗާއި އެކު ބޭރުކޮށްދޭނެއެވެ. ރީނދޫ ވުމުން އަތްވަށް ނެރުމުން، ރީނދޫ ހުންނަ މިންވަރު ދަށްވެ ނުވަތަ މަދުވަނީ މި ސަބަބާއި ހުރެއެވެ.
ސައިންޓިފިކް ހަގީގަތް ނޭނގިނަމަވެސް، ޒަމާނުއްސުރެ ދިވެހިން ކޮށް މިއުޅުނީ ރަނގަޅު ކަމެކެވެ. ދީ އެ އުޅުނީ މޮޅު ފަރުވާ އެކެވެ. އަދުވެސް، އަދި މާދަންވެސް، ތުއްތުކުދިންގެ ކިބައިން ރީނދޫވުމުގެ އަލާމާތްތަކާއި ނިޝާންތައް ފެންނަނަމަ، މި ދެންނެވި ވަގުތުތަކުގައި އަތްވަށް ނެރިލާށެވެ. މިހެން ދެންނެވިނަމަވެސް ޑަކްޓަރެއްގެ ލަފައާއި އިރުޝާދު ހޯދުމަކީވެސް ހަމަ އެހާމެ މުހިއްމު ކަމެކެވެ.
ހަވާލާ: ޕަބްމެޑް 2023
