ޗައިނާ މީހުންނަކީ ރީތި ހަންގަނޑެއް ލިބިގެންވާ ބައެކެވެ. މިއީ ހަމައެކަނި ގުދުރަތުގެ ރީތިކަމެއް ނޫންކަން ޗައިނާ މީހުންގެ ކެއިންބުއިމާއި ވައްޓަފާޅިއަށް ބަލާލުމުން ހާމަވެގެންދެއެވެ. ޗައިނާގައި ޒަމާނުއްސުރެ އެކި ފަތްޕިލާވެލި ފަދަ ބާވަތްތައް މޫނާއި ހަށިގަނޑަށް ހާއްސަކޮށް ބޭނުންކުރެއެވެ. ގަދީމީ ޒަމާނުއްސުރެ އެމީހުންނަކީ ތަފާތު އެކި ބިއުޓީ ތެރަޕީތައް ހަދައި އުޅޭ މީހުންނެވެ.
މިފަހަރު މި ބަލާލަނީ ހަންގަނޑު ރީތިކުރުމަށް އެންމެ ގަދީމީ ޒަމާނުއްސުރެ ޗައިނާ މީހުން ބޭނުންކޮށް އުޅޭ މައުދަނަަކަށެވެ. މި މައުދަނަކީ ލޯބިވެރިންކަން ރަމްޒުކޮށްދޭ އެކި ކުލަކުލައިގެ ރީތި އަނގޮޓިތަކުގައިވެސް ބޭނުންކޮށްއުޅޭ މައުދަނެކެވެ. ނަމަވެސް ޗައިނާ މީހުން ވަނީ ޒީނަތްތެރިކަމުގެ އިތުރުން ޖޭޑްގެ އެހެން ބޭނުމެއްވެސް ހޯދާފައެވެ. ގަދީމީ ޗައިނާ މީހުންނަކީ ކޮންމެ ދުވަހަކުވެސް ޖޭޑެއް ހަރުކޮށްފައިވާ ރޯލާއެއް މޫނުގައި ހާކާ ބައެކެވެ. މިއީ ޖޭޑްގައި ހިމެނޭ މުއްސަނދި މިނަރެލްތައް ހަންގަނޑަށް ފޯރުކޮށްދޭން ޗައިނާ މީހުން ބޭނުންކުރާ ތެރަޕީއެކެވެ. ޖޭޑް ރޯލާ ރާއްޖޭގެ ބާޒާރުގައި ވަރަށް މަދުން ފެނުނު ނަމަވެސް ބޭރުގެ މަޝްހޫރު ތަރިން މި އާލާތް ކޮންމެދުވަހަކު ކަހަލަ ގޮތަކަށް ބޭނުންކޮށްއުޅެއެވެ. މިއީ ޝީންގައިވެސް ހެޔޮ އަގެއްގައި މިހާރު ލިބެން ހުންނަ އެއްޗެކެވެ.
ޖޭޑް ރޯލާއަކީ ކީއްކުރާ އެއްޗެއް؟
ބުރަހެލި ދުވަސްތަކެއްގެ ސަބަބުން ގައިގައި މަސްގުޅަ ނުލާ މީހެއް ނުހުންނާނެއެވެ. މިކަމުގެ ފަރުވާ ހޯދަން ގިނަ މީހުން މަސާޖްކޮށް އުޅެއެވެ. މަސާޖްކުރުމުން ހަށިގަނޑުގެ މަސްތައް ރިލެކްސްވެ، ލޭ ދައުރުވުން ފުރިހަމަކޮށްދެއެވެ. ނަތީޖާއެއްގެ ގޮތުން ހަންގަނޑަށް ތާޒާ ވިދުމެއް ގެނުވައެވެ. ހަމަ އެގޮތަށް ބުރަހެލިކޮށް އުޅުމުގެ ތެރެއިން މޫނުގެ މަސްތަކަށްވެސް އަރާމާއި ކަސްރަތު ބޭނުންވާ ކަމަށް ޗައިނާ މީހުން ގަބޫލުކުރެއެވެ. އެހެން ނޫނީ މޫނުގައި ރޫ ޖެހޭލެއް އަވަސްވާނެ ކަމަށް އެމީހުން ގަބޫލުކުރެއެވެ. މޫނުގެ ނާޒުކު މަސްތަކުގައި އަތް ހޭކުމުގެ ބަދަލުގައި ޖޭޑް ރޯލާއިން މަސާޖު ކުރުމަށް ޗައިނާ މީހުން އާދަކުރެއެވެ. ލޯ ކައިރީގައި އެ ހުންނަ ދުޅަކަން ތިރިކުރުމަށްވެސް ސައިޒުން ކުޑަ ޖޭޑް ރޯލާ ބޭނުންކުރެއެވެ. އަދި ތުންފަތުގެ ކަންތަކުގައިވެސް ބޭނުންކޮށްއުޅެއެވެ.
ޖޭޑް ރޯލާ ބޭނުންކުރާނީ ކިހިނެއް؟
މަތިން ފެށިގެން ތިރިއަށް ރޯލްކުރުމުގެ ބަދަލުގައި ހަށިގަނޑު މަސާޖް ކުރަން ގެންގުޅޭ އުުކުޅާއި އެއްގޮތަށް ޖޭޑް ރޯލާ އުނގުޅާނީ ތިރިން ފެށިގެން މައްޗަށްވާހެންނެވެ. ކަންފަތާއި ދިމާލަށް ބޭރަށްވާ ގޮތަށެވެ. އޭރުން މޫނުގައި ރޫނެގުން ކުޑަކޮށްދޭނެއެވެ. ޖޭޑް ރޯލާ ބޭނުންކުރުމުން ހަމުގެ ޓިޝޫ ފަށަލައިގައި ހުންނަ ބެކްޓީރިއާއާއި ވިހަތައް ބޭރުކޮށް ވައިޓް ބްލަޑް ސެލް އުފެދޭ މިންވަރު މަތިކޮށްދޭނެއެވެ. ވައިޓް ބްލަޑް ސެލް ގިނަވުމުން ކޮލާޖެންގެ މިންވަރުވެސް އިތުރުވާނެއެވެ. ކޮލާޖެން މިއީ ދިވެހިންނަށް ބީރައްޓެހި ބަހެއް ނޫންކަން ޔަގީނެވެ. ކޮލާޖަންއަކީ އިންސާނާގެ ހަންގަނޑު ޒުވާންކަން މަތީގައި ބެހެއްޓުމަށް މުހިންމު މާއްދާއެކެވެ. މީގެ އިތުރުންވެސް، ޖޭޑްގައި ހުންނަ ފިނިކަމުގެ ސަބަބުން މޫނު ދުޅަވުން ކުޑަކޮށްދޭނެއެވެ.
ރީތިވާ އެހެން އެއްޗެހީގެ ފައިދާ ފުރިހަމަކޮށްދޭ
ހަންގަނޑަށް ފަރުވާ ދިނުން ސީރިއަސް ކަމެއްގެ ގޮތުގައި ކުރާނަމަ ދުވަހުން ދުވަހަށް އެކި ސްކިންކެއާ ޕްރޮޑަކްޓްތައް ބޭނުން ކުރާނެކަން ޝައްކެއްނެތެވެ. ބިއުޓީ އޮއިލް، ސީރަމް އަދި މާސްކް ފަދަ ތަކެތި އަތުން އުނގުޅުމަށްވުރެ ޖޭޑް ރޯލާ ބޭނުންކުރުން މާ ރަނގަޅެވެ.
ރީތިވާން ގެންގުޅޭ ސާމާން، ހަމުގެ ފަށަލައަށް ދައުރުކުރުމުގައި ޖޭޑް ރޯލާ ހޭކުން މާ ރަނގަޅެވެ. ޖޭޑް ރޯލާ ބޭނުންކުރުމުން ހަމުގެ އެންމެ ފުނަށް ބިއުޓީ ކްރީމް ދައުރުކޮށްދެއެވެ.
ހަމުގެ ބައެއް މައްސަލަތައް ކުޑަކޮށްދޭ
މޫނުގައި ނަގާ ބިހި އެއީ ހަމުގައި ހުންނަ ބެކްޓީރިއާއި ވިހައިގެ ސަބަބުން ނުކުންނަ އެއްޗިއްސެވެ. ޖޭޑް ރޯލާގައި ހުންނަ މިނަރެލްތަކުގެ ސަބަބުން މި ބިހިތައް މަދުކޮށްދޭ ކަމަށް ބައެއް ދިރާސާތަކުން ދައްކައެވެ. އަދި ލޯކައިރީގައި މަޑުމަޑުން ހޭކުމުން ލޯ ކައިރީގައި އެ ހުންނަ ކަޅުކަންވެސް ކުޑަކޮށްދޭ ކަމަށްވެއެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން