ހދ. ނޭކުރެންދޫއަށް އުފަން މުޙައްމަދު ނަބީލް ނިޔާޒް، އާންމު ނަމުންނަމަ "ޓޯއި" އަކީ އޭނާގެ އުމުރުން 17 އަހަރުން ފެށިގެން މިއުޒިކްގެ ދުނިޔެއަށް ފޮނި އުންމީދުތަކާއި އެކީ ވަތް ޒުވާން އާޓިސްޓެކެވެ. އެހެނަސް، އަގުބޮޑު މާލޭގައި ހަޔާތެއް ފަށައިގެން މިއުޒިކްގެ ދުނިޔޭގައި ފެށި ދަތުރުން މަންޒިލާއި ހަމައަށް ވާސިލުވުމަކީ ގަދަ ކަނޑެއްގައި ދަތުރުކުރުމުގެ ގޮތުގައި ޓޯއި ސިފަ ކުރިއެވެ.
އިންސްޓަގްރާމްގައި 18،200 ވަރަކަށް ފޮލޮވާސް ހުންނަ އުމުރުން 28 އަހަރުގެ މި ލަވަކިޔުންތެރިޔާ "ތީރު" އަށް ދިން އިންޓަވިއުއެއްގައި ހާމަކޮށްފައިވަނީ މުޅި ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީއަށް ކުރިމަތިލާންޖެހިފައިވާ ހަގީގަތުގެ މައްޗަށެވެ. ސަކަ މިޒާޖަކާއި ގުޅިގެން "ޓޯއި"ގެ ނަން ލިބުނު މި ޒުވާން އާޓިސްޓް އެންމެ ދެކެން ބޭނުންވާ ދުވަހަކީ ރާއްޖޭގައި މިއުޒިކީ ފަންނާނުންނަށް ލިބޭ ޕްލެޓްފޯމް ވަރުގަދަ ވާ ދުވަހެވެ.
ޓޯއި ގަބޫލުކުރާގޮތުގައި ކުޑަކުޑަ ހިތްވަރަކާއެކު ފަނޑުވަމުންދާ ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީ އަލުން އިއާދަ ކުރެވޭނެއެވެ.
މިއުޒިކްގެ ދުނިޔެއަށް ތައާރަފްވުން
ޓޯއި ބުނާ ގޮތުންނަމަ، އޭނާ ލަވަކިޔާ، ގިޓާ ކުޅެން ފެށީ އަމިއްލައަށް ދަސްކޮށްގެންނެވެ. މިހިސާބަށް އަންނަން ޓޯއިއަށް އެންމެ ބޮޑު އެހީތެރިކަމެއް ވެދީފައިވަނީ ސިމްބޮލިކް ރިކޯޑްސް، އާއިލާ އަދި ހާއްސަކޮށް ހުނަރުވެރި އާރޓިސްޓުން ކަމުގައިވާ ރައިޑޭ، މާޓުއާއި ޕެސްޓު ކަން ޓޯއި ފާހަގަކުރިއެވެ. މިހާތަނަށް މިއުޒިކްގެ ބޭސިކްގެ ވަރަށް ބޮޑު ބައެއް ދަސްވިޔަސް، އެހިސާބުން މީހާ އިތުރަށް ރަނގަޅުކުރަންވީ މިންވަރު ނިމުނީކީ ނޫން ކަމަށް ޓޯއި ގަބޫލުކުރެއެވެ. ސިމްބޮލިކް ރިކޯޑްސްއިން ގެންގުޅޭ އުސޫލާއި އެއްގޮތަށް އޭނާ ކިޔާ ލަވަތަކުގެ ޅެން އުފައްދަނީ ޓޯއި އަމިއްލައަށެވެ. މިއުޒިކްގެ އިތުރުން އޭނާއަކީ ފުޓްބޯޅަ ކުޅުމަށްވެސް ޝައުގުވެރިކަން ބަހައްޓާ ޒުވާނެކެވެ.
އެކި ޒިންމާތަކާއިއެކުވެސް މިއުޒިކާއިގެން ކުރިއަށް
ޓޯއިވެސް ބޭނުންވަނީ ރާއްޖެއިން ބޭރުުގެ މިއުޒީޝަނުން ފަދައިން މައިގަނޑު އެއް މަސައްކަތެއްގެ ގޮތުގައި މިއުޒިކްގެ ދާއިރާއިން ކުރިއަށްގޮސްގެން އޭނާގެ ހުނަރު އިތުރަށް ތަރައްގީކުރާށެވެ. ނަމަވެސް ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީއަށް އެކަށީގެންވާ ފުރުސަތާއި އިންވެސްޓްމަންޓް ނެތުމުގެ ސަބަބުން އޭނާގެ އެ އަމާޒު ހާސިލުކުރުން ނާދިރު ކަމަށް ޓޯއި ބުނެފައި ވެއެވެ. ޓޯއިއަކީ ގްރެފިކް ޑިޒައިނިންގްގެ ރޮނގުން ޑިޕްލޮމާ ލެވެލްގެ ތައުލީމު ހާސިލުކޮށްގެން އެ ދާއިރާއިން ފުލްޓައިމް ވަޒީފާއެއް އަދާކުރަމުންދާ މުވައްޒަފެކެެވެ. މިހާރު އޭނާ ވަނީ 3ޑީ އެނިމޭޝަން އެންޑް މަލްޓިމީޑިއާ ދާއިރާއިން ޑިގްރީ ހާސިލުކުރަން އަޒުމް ކަނޑައަޅާފައެވެ.
މިވަގުތު ސިންގަލްކޮށް ހުރި ޓޯއިއަކީ އުމުރުން 2 އަހަރުގެ އަންހެން ކުއްޖެއްގެ ބައްޕައަކަށް ވުމުގެ ޒިންމާ އަދާކުރަމުންދާ މީހެކެވެ.
ޓޯއިގެ ލަވަތަކުގެ މަގްބޫލުކަން އިތުރުވެފައިވާ މިންވަރުން މިހާރު ޓޯއިގެ އަޑު އިވެންޓްތަކާއި ފިލްމުތަކުގެ ލަވަތަކުގައިވެސް ބާރަށް އިވެއެވެ. މިއަހަރު ތެރޭ އޭނާގެ ދެ އަލްބަމް ރިލީޒްވާނެ ކަމަށް ޓޯއި މައުލޫމާތުދީފައި ވެއެވެ. އެއް އަލްބަމް ރޯދަ މަހުގެ ފަހުން ރިލީޒްކުރުމަށް ތައްޔާރުވަމުންދާއިރު ދެވަނަ އަލްބަމް މިއަހަރު ފަހުކޮޅު ރިލީޒް ކުރުމަށް ހަމަޖެހިފައި ވެއެވެ. ޓޯއިގެ މި އަލްބަމްތަކުގައި ގެނެސްދޭނީ އެއް އަލްބަމްގައި ހިޕްހޮޕް އާރްއެންޑްބީ އަދި އަނެއް އަލްބަމްގައި މިކްސްޑް ޖޯންރާއެވެ.
ގޮންޖެހުންތަކާއިއެކުވެސް މިއުޒިކަށް ފަނޑުވުމެއް ނެތް ލޯބި
ސިމްބޮލިކް ރިކޯޑްސްގެ ލޭބަލްގެ ދަށުން ޓޯއި ދަނީ އޭނާގެ ހިތްގައިމު އަޑުން ޒުވާން ހިތްތައް ކަތިލަމުންނެވެ. ނަމަވެސް، ރާއްޖޭގެ މިޔުޒިކް ދާއިރާއަކީ އެންމެ އެދެވެނިވި ނަފާއެއް ނުލިބޭ ކަމެއް ކަމަށް ޓޯއި ފާހަގަކޮށްފައި ވެއެވެ.
"ކޮމާޝަލް ލަވަތަކާއި ޝޯތަކުން ފިޔަވާ މިކަމުން ލާރި ލިބޭނެ މަގެއް ނެތް" ޓޯއި ބުންޏެވެ.
މިއީ ތޮއްޖެހިފައިވާ މާލޭގެ އަގުބޮޑު ކުލިތައް ދައްކަމުންދާ ޓޯއި ފަދަ އެތައް މީހުންގެ ރެޔާއި ދުވާލު ހޭދަކުރަން ޖެހޭ ގޮތެވެ. އެހެނަސް، ބުރަ ޝެޑިއުލްއިން ވަގުތު ހުސްކޮށްގެންވެސް މިއުޒިކް ކުޅެނީ ފައިސާގެ ބޭނުމުގައި ނޫންކަންވެސް ޓޯއި ބުނެފައި ވެއެވެ.
" ކޮންމެ މީހަކަށްވެސް އެމީހެއްގެ ހުނަރު އިތުރަށް ތަރައްގީ ކުރެވޭނީ އެކަމަށް ގިނަ ވަގުތު ހުސްކޮށްގެން. މިސާލަކަށް ބަލާނަމަ، ރާއްޖޭގައި ފުޓްބޯޅަ ކުޅުންތެރިޔާވެސް މިޖެހެނީ ވަޒީފާ އަދާކޮށްގެން ޕާޓްޓައިމްކޮށް ފުޓްބޯޅަ ކުޅެން ދާން. އެހެން ގޮއްސަވެސް، މިސާލަކަށް ކްލަބަކުން ލާރި ނުދީގެން މައްސަލަ ޖެހޭ. އެކަމުގައި އުޅެފަ ގެއަށް ވަންނައިރު އެހެން ސްޓްރެސް އެއް. އެހެންވީމާ، ކިހިނެއް އޭނާގެ ހުނަރު ތަރައްގީކުރެވޭނީ" ޓޯއި ބުނާގޮތުގައި އޭނާއަށްވެސް އެހެން މަސައްކަތެއްގައި ގިނަ ވަގުތު އުޅެން ނުޖެހޭނަމަ، އޭނާގެ ފަންނު އިތުރަށް ކުރިއެރުވުނީސްއެވެ.
މިއުޒިކް އިންޑަސްޓްރީގެ ކަންބޮޑުވުން
ޓޯއި ބުނީ މިހާރުވެސް ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީގައި އޮތް އެންމެ ބޮޑު ތަޅާފޮޅުމަކީ އަމިއްލަ ރާގާއި ކޮޕީ ރާގުތަކުގެ ބަހުސް ކަމަށެވެ. މިހާރުވެސް ގިނަ މިއުޒީޝަނުން ބޭނުންވަނީ ކޮޕީ ރާގަށް ލަވަ އުފައްދަން ކަމަށް އޭނާ ބުންޏެވެ. އެކަމަކު ޓޯއި ބޭނުންވަނީ ރާއްޖެއިން ބޭރުގެ ލަވަތަކުގެ ބަދަލުގައި ދިވެހި އަމިއްލަ ރާގުތައް ގިނަ ކުރުމަށެވެ. އޭނާ ކިޔާފައިވާ ހުރިހާ ލަވަތަކަކީވެސް ދިވެހި އަމިއްލަ ރާގުގެ ލަވަތަކެކެވެ.
"ރާއްޖޭގައިވެސް އެބަހުރި ޓެލެންޓެޑް މިއުޒީޝަނުން. ކުރީގެ ދުވަސްވަރު އަމިއްލަ ރާގުތައް ވެލިއު ކުރިވަރަކަށްވެސް މިހާރު ނުކުރޭ" ޓޯއި ފާހަގަކުރި އެވެ.
ޓޯއިގެ ގަލަމުން ފަވާލި ޅެންތައް
ޓޯއިގެ ގިނަ ލަވަތަކަކީ އޭނާގެ ދިރިއުޅުމާއި ގުޅިފައިހުރި ހަގީގީ ވާހަކަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ ލަވަތަކެއްކަން ޓޯއި ފާހަގަކުރި އެވެ.
އުންމީދަކީ ސަރުކާރުން މި ފަންނަށް މަގުފުޅާކުރުން
އަގުހުރި ވަގުތަށް އެކަށޭނަ އާމްދަނީއެއް ލިބޭނަމަ، މިއުޒީޝަނުންވެސް އެފަންނު އިތުރަށް ތަރައްގީކުރަަން މަސައްކަތްކުރާނެ ކަމަށް ޓޯއި ބުންޏެވެ. މިސާލެއްގެ ގޮތުގައި އޭނާ ބުނީ ޔޫޓިއުބުން އަހަރެއްގެ މައްޗަށް ބައިވަރު ވިއުސް ހުއްޓަސް ރާއްޖެ މި ރީޖަން އަށް ޖެނެރޭޓް ވަނީ ގާތްގަނޑަކަށް އެންމެ 300 ޑޮލަރު ވަރު ކަމަށެވެ.
ވިޔަފާރި އުސޫލުން ގިނަ ޝޯވތައް ލިބުމަކީ ފަންނު ދިރުވަން ލިބިދެވޭނެ ހިތްވަރެއް ކަމަށް އޭނާ ބުނެފައި ވެއެވެ. އަދި ސަަރުކާރުގެ އިސް ވެރިން ލޯކަލް އާޓިސްޓުންނަށްވެސް ވިއުސް ހޯދަން އިތުރު މަސައްކަތްތައް ކުރަން ޖެހޭ ކަމަށް ޓޯއި ގަބޫލު ކުރެ އެވެ. އަދި އިންޓަނޭޝަނަލް ފީޗާސް ފަދަ ފުރުސަތުތައް ލިބޭނެނަމަ އިތުރު ހަރުފަތަކަށް ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީ ގެންދެވޭނެ ކަމަށް ޓޯއި ހިޔާލުފާޅުކޮށްފައި ވެއެވެ.
.
ހުވަފެނަކީ ރާއްޖޭގެ އިންޑަސްޓްރީ 'ވޯލްޑް ކްލާސް' ވުން
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ ދިވެހި ފަންނާނުންގެ ފަންނު ކުރިއެރުވުމަށް ވައުދުވެވަޑައިގެންފައެވެ. ވުމާއެކު، ޓޯއި ފަދަ އެތައް ފަންނާނުންނެއް ތިބީ ސަރުކާރުން އެ އަމާޒު ހާސިލުކުރުމަށް މަސައްކަތްކުރާނެ ކަމުގެ އުންމީދުގަ އެވެ. ސަރުކާރުން އާޓްސް އިންޑަސްޓްރީ ތަރައްގީކުރަން މަސައްކަތްކުރާނެ ކަމުގެ ފޮނި އުންމީދުތައް ކުރަމުންދާ ޒުވާނުންނެއްވެސް މަދެއް ނޫނެވެ.
"ރައީސް ވިދާޅުވި ޕޭއިޕޭލްގެ ހިދުމަތް ރާއްޖެއަށް ތައާރަފްކުރައްވާނެ ކަމަށް. އެއީ ވަރަށް މުހިންމު ވިސްނުންފުޅެއް" ޓޯއި ފާހަގަަކުރިއެވެ.
ޓޯއި ދެކޭގޮތުގައި ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީއަށް ރަނގަޅު އިންވެސްޓްމަންޓާއި ސަރުކާރުގެ އެއްބާރުލުން ލިބިއްޖެނަމަ، ރާއްޖޭގެ ފަންނާނުންވެސް "ވޯލްޑް ކްލާސް" ފެންވަރަށް ފުންނާބު އުސް ކުރެވޭނެ އެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން