މޫނުގައި ބިހި ނެގުމުން ރޮވޭ ހާލަތަށް ދިޔައީ ކިތައް މީހުން ބާއެވެ؟ މިއީ ނިމުމެއް ނެތް ދުވަސްވަރެއް ކަމަށް ހީކުރީ ކިތައް މީހުންބާއެވެ؟ މޫނުގައި ބިހި ނުނަގާ ހުންނާނީ ވަރަށް މަދު ނަސީބުވެރި ފަރާތްތަކުގެއެވެ. އެކަމަކު، މޫނުގައި ނަގާ ބިހިތައް ކޮންޓްރޯލް ކުރުމަކީ އެއީ ވަކި ނާދިރު ކަމެއް ނޫނެވެ. އެއްގޮތަކަށްވެސް މާޔޫސް ނުވާށެވެ. ނަމަވެސް ތި ހާލަތު ބަދަލުކުރެވޭނީ ހަމައެކަނި ފޭސް ވޮޝްއާއި ބާރުގަދަ ޑޮކްޓަރީ ބޭސް ބޭނުންކޮށްގެން އެކަންޏެއް ނޫނެވެ. ބާރުގަދަ ޑޮކްޓަރީ ބޭހުގެ ބަދަލުގައި ހީވާގި ބިއުޓީ ރޫޓީންއެއް ގެންގުޅުމުން ތި ހަމުގެ އޮފްކަން އަލުން އިޔާދަ ވެދާނެއެވެ. މި ލިޔުމުގައި މި ބަލާލަނީ ސާފު މޫނުގެ ވެރިން މޫނުގެ ރީތިކަން ދެމެހެއްޓުމަށް ކުރާ އާދައިގެ ކަންކަމަށެވެ.
ހަންގަނޑަށް މާ ބޮޑަށް ލޯބިނުދީ ވަކި ހައްދެއްގައި ލޯބި ދިނުމުން، ހަންގަނޑު ތިބާއަށް ފަހުން ޝުކުރު އަދާކުރާނެއެވެ. އިހަށް ތެޅިނުފޮޅި، ކެތްތެރިކަމާއިއެކު މި ކިޔާ ކަންކަން ކުރަން ކިހިނެއްވާނެހެއްޔެވެ؟
1- މޫނުގައި ޖައްސާ ކުލަތައް....
ހަށިގަނޑަކޭ އެއްގޮތަށް މޫނަކީވެސް މިލަ ހެދޭ ތަނެއްކަން ހަނދާނަށް ގެންނާށެވެ. ކޮންމެއަކަސް އަހަރެމެން އަންހެނުން މޫނުގެ ހުރިހާ ކަނެއްގައި ހާކާ ކުލަ ދަވާދަކީ ހަމައެކަނި ފޭސްވޮޝްއަކުން ފިލައިގެން ދާނެ އެއްޗެއް ކަމަށް ހީވަންޏާ، ތިޔަ ހީކުރަނީ މުޅިން ކުށްހީއެކެވެ. ހަގީގަތާއި ކުރިމަތިލަމާހެއްޔެވެ. ތި ކުލަތައް މާ ގިނައިރުވުމުގެ ސަބަބުން ފަނޑުވިޔަސް އެ އެއްޗެހި ފޭޑްވަނީ ހަމުގެ އެތެރެއަށްކަން ދަންނާށެވެ. އެހެންކަމުން ތިބާގެ ހަމާއި ގުޅޭ ބިއުޓީ އޮއިލްއެއް ބޭނުންކޮށްގެން ރަނގަޅަށް މޭކަޕް ފިލުވަން އާދަކުރާށެވެ. އެހެން ނޫނީ، މޫނުގެ ވަޅުތައް ބެދި، ބިހި ނުވަތަ އޮށާޅަ ނަގަން މަގުފަހިވާނެއެވެ. ހަނގަނޑު ސާފުކުރުމަށް ހަފްތާއަކު އެއްފަހަރު ސްކްރަބް ކުރަންވާނެއެވެ. މާމުއިއާއި ކޮފީފަދަ އެއްޗެހި ބޭނުންކޮށްގެންވެސް ސްކަރްބް ކުރެވިދާނެއެވެ.
2- މޭކަޕް ކޮލިޓީ
މި ކިޔަނީކީ ކޮންމެހެން އަގުބޮޑު މޭކަޕް ގަންނަ ވާހަކައެއް ނޫނެވެ. މޭކަޕް ބޭނުންކުރާއިރު ވީހާވެސް އޯގަނިކް އަދި ޕެރަބަން ފަދަ މާއްދާތައް މަދު މޭކަޕް ހިޔާރުކުރާށެވެ. ބިހި ނަގާ މޫނެއް ނަމަ، ނޮން-ކޮމްޑޮޖެނިކް ޕްރޮޑަކްޓް ގަންނާށެވެ. ބައެއް ކަހަލަ މެޓް ލިޕްސްޓިކުން ތުންފަތުގެ ތެތްކަން ފަސޭހައިން ނައްތާލައެވެ. ހަޔަލުރޮނިކް އެސިޑާއި ރެޓިނޯލް ފަދަ ހުދުކުރަން ބޭނުންކުރާ ބާރުގަދަ މާއްދާތަކަށް ސަމާލުވެ، ކޮލާޖަންއާއި ވިޓަމިން އީ ބޭނުންކޮށްފައިވާ މޭކަޕް އަދި ރީތިވާ ސާމާނު ގަންނަން އިހްތިޔާރުކުރުން މާ ރަނގަޅެވެ.
3- އަބަދު އެކައްޗެއް ބޭނުންނުކުރުން
ކޮންމެ މީހަކުވެސް އިތުބާރު ކުރާ އެއް ރީތިވާ ބްރޭންޑެއް ހުންނާނެކަން ޝައްކެއް ނެތެވެ. އޭގެއިން ބައެއް އެއްޗެހި އެއީ ހުއްޓާލަން ހިތާ ނުކުޅަދާނަ އެއްޗިއްސެވެ. ނަމަވެސް އެއްބައި ރަނގަޅު ބާވަތްތައް މާ ގިނަ ދުވަހަށް ބޭނުންކޮށްފިއްޔާ ތިބާގެ ހަންގަނޑު އެއަށް ދެވިހިފާފައި، ވަކި ހިސާބަކުން އެ ޕްރޮޑަކްޓެއް 'ރިޖެކްޓް' ކުރަން ފަށާނެއެވެ. ވީމާ، ހަންގަނޑަށް އިތުބާރު ހިފޭ ކޮލިޓީ އުފެއްދުމެއް ތައާރަފްކުރަން ކިހިނެއްވާނެ ހެއްޔެވެ؟
4- މަހަކު އެއްފަހަރު ފޭޝަލް ހެދުން
ޓްރެއިނިން ލިބިފައިވާ ބިއުޓީޝަނެއްގެ ކައިިރިން މަދުވެގެން މަހަކު އެއްފަހަރު ފޭޝަލް ހެދުމަކީ އެއީ ގޭގައި ހުރެގެން ފޭޝަލް ހެދުމަކާއި އެއްވަރެއް ނޫނެވެ. ވަކި ތަރުތީބަކުން ހަންގަނޑަށް ފަރުވާ ދިނުމުން ދުވަސްވާ ވަރަކަށް ހަންގަނޑުގެ ރީތިކަން ދެމެހެއްޓުމަށް އެހީތެރިވެދޭނެއެވެ.
5- ސީ،ޓީ،އެމް
ތި ކިޔާލީ ރަނގަޅަށެވެ. ރީތި ހަންގަނޑު ގެންގުޅޭ މީހުން ގެންގުޅޭ ފޯމިއުލާއަކީ ކްލީންޒް، ޓޯން، މޮއިސްޗަރައިޒް (ސީ،ޓީ،އެމް) އެވެ. މާނައަކީ ސާފުކުރުމަށްފަހު، ޓޯނާއެއް އުނގުޅާލުމެވެ. އެއަށްފަހު މޮއިސްޗަރައިޒް ކުރުމެވެ. ފޭޝަލް ހަދަން ދާއިރު މޫނު ސާފުކުރުމަށްފަހު މޫނުގައި ފިނިފެންމާ ފެން ހާކާކަން ހަނދާންވޭތޯއެވެ؟ ފިނިފެންމާ ފެނަކީ ޓޯނާއެކެވެ. މި ގުދުރަތީ މާއްދާ ފޭޝަލް ހެދުމުގައި ބޭނުންކުރަނީ ފޭޝަލް ކެމިކަލްސްގެ އަސަރު ދަށްކުރުމަށެވެ. އެއަށްފަހު މޮއިސްޗަރައިޒާއެއް ހޭކުމުން ހަންގަނޑުގައި ގުދުރަތީ ތެޔޮ އުފެއްދުމަށް އެހީތެރިވެދެއެވެ.
6- ކެއުންބުއިން
ގިނައިން ފެން ބުއިމަކީ ތާޒާ ހަންގަނޑަކަށް ވަރަށް މުހިންމު ފިޔަވަޅެކެވެ. ތާޒާ ހަންގަނޑެއް ބޭނުމިއްޔާ ކެއުމުގައި ގިނައިން ތެޔޮ އެއްޗެއްސާއި ތައްޔާރީ ކާނާ ބޭނުން ނުކުރުމަށް ސަމާލުވާށެވެ. ގިނައިން ތަރުކާރީއާއި މޭވާ ބޭނުންކުރާށެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން