މި އަހަރުގެ ރަމަޟާން މަހަށް ރާއްޖޭގެ ގޭބީސީތަކަށް މަސްދަޅު ކޭސް ބެހުމުގެ މަސައްކަތުގެ ތެރެއިން، މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ބެހުމަށް ޓޯކަން ދޫކުރި ވަގުތާ ދިމާކޮށް، ސްޓެލްކޯގެ މޯބައިލް އެޕްލިކޭޝަނަށް ޑީޑޮސް އެޓޭކެއް ދީފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ.
މަސްދަޅު ކޭސް ބެހުމަށް ޓޯކަން ދޫކުރަން ފެށީ މިއަދު 18:00 ގައެވެ.
ކަރަންޓު މީޓަރަށް ބަލައިގެން ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ރޯދަ ހަދިޔާގެ ގޮތުގައި މި އަހަރު ބެހުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ނިންމެވި ނިންމެވުމެކެވެ.
ޓޯކަން ދޫކުރުމަށް ހާއްސަ ޕޯޓަލްއެއް ތައާރަފްކޮށްފައިވާއިރު އެ ޕޯޓަލް އިން މައުލޫމާތު ފުރިހަމަކުރުމުގައި، ކަރަންޓު މީޓަރު ނަމްބަރު ޖަހަން ޖެހެއެވެ.
މިއާއެކު ސްޓެލްކޯ މޯބައިލް އެޕްލިކޭޝަން ވެގެންދިޔައީ މި ޚިދުމަތް ހޯދުމަށް މުހިންމު އެއްޗަކަށެވެ.
އެ ވަގުތާ ދިމާކޮށް ސްޓެލްކޯގެ މޯބައިލް އެޕްލިކޭޝަނަށް، ބޭރު ގައުމުތަކުން ޑިސްޓްރިބިއުޑެޑް ޑިނަޔަލް އޮފް ސާވިސް (ޑީޑޮސް) އެޓޭކެއް ދީފައިވާކަން އެ ކުންފުނިން ހާމަކޮށްފައިވާއިރު މި އެޓޭކުގެ ސަބަބުން ކުޑަ ވަގުތުކޮޅަކަށް އެޕްލިކޭޝަންގެ ޚިދުމަތް ވަނީ މެދުކެނޑިފައެވެ.
މިހާރު ވަނީ މި ހަމަލާތައް ކާމިޔާބުކަމާއެކު ހުއްޓުވައި، އެޕްލިކޭޝަންގެ ޚިދުމަތް އަލުން ފޯރުކޮށްދޭން ފަށާފައެވެ.
މިކަމާ ގުޅިގެން ކަސްޓަމަރުންނަށް ދިމާވި ދަތިތަކަށް ސްޓެލްކޯއިން ވަނީ މައާފަށް އެދިފައެވެ.
މަސް ދަޅު ކޭސް ބަހަން ޓޯކަން ނަންބަރު ދޫކުރާ ގޮތަށް ހެދި ޚާއްސަ ޕޯޓަލް ވެސް، ޓޯކަން ދޫކުރަން ފެށިތާ މާ ގިނައިރުތަކެއް ނުވެ ޑައުންވެފައިވެއެވެ. އެހެންނަމަވެސް އެ ޕޯޓަލްގެ ހިދުމަތް ވެސް މިހާރު ލިބެން ވަނީ ފަށާފައެވެ.
މާލޭ ސަރަހައްދުގައި އެންމެ ފުރަތަމަ މަސްދަޅު ކޭސްތައް ބަހަން ފެށީ ބުރާސްފަތި ދުވަހުގެ ރެއެވެެ. އެ ރޭ 8:30ގައި މަސްދަޅު ކޭސް ބަލައި، މާލޭ، ހުޅުމާލޭގައި އެތައް ހާސް މީހުންނާއެކު ދިގު ކިއުތައް ދަމައިލިއެެވެ. އެއާއެކު މަސްދަޅު ކޭސް ބަހާ ތަންތަން މަދުވުމުގެ ޝަކުވާއާއި، ރަނގަޅު އިންތިޒާމެއް ހަމަޖެހިފައި ނެތްކަމުގެ ޝަކުވާ ރައްޔިތުންގެ އޮތުމުން، ފަހުން މަސްދަޅު ކޭސް ބަހާ ތަންތަން އިތުރުކޮށް، މިއަދުވަނީ ޓޯކަން ނަންބަރު ދީގެން އެ ކަން ކުރަން ފަށާފައެވެ.
ޓޯކަން ނިޒާމަކުން މަސްދަޅު ކޭސް ދޫކުރުމަށް ނިންމާފަވިޔަސް، ފޯނު ބޭނުންކުރުމަށް ދަތިވާ ފަރާތްތަކަށް، ނުވަތަ ފޯނުގަ މައްސަލަ ހުރެ، ޓޯކަން ނުނެގޭ ފަރާތްތަށް އެސަރަހައްދެއްގައި ހުރި މަރުކަޒަކަށް ދިޔުމުން އެތާ ތިބި މުވައްޒަފުންގެ އެހީތެރިކަން ލިބޭނެ ކަމަށް، އެބަޔާނުގައި ވެއެވެ.
ޓޯކަން ދޫކުރާއިރު، ދޫކުރަން ނިންމާފައި ވަނީ ވަކި މަރުކަޒުތަކަށް، ވަކި މިންވަރަކަށެވެ. މާލޭގައި ހުރި 5 މަރުކަޒަށް 800 ޓޯކަން ދޫކުރާއިރު، ވިލިމާލެއިން މަސްދަޅު ކޭސް ބަހާ ހަމައެކަނި ތަނަށް ދޫކުރަނީ 100 ޓޯކަނެވެ. ހުޅޫމާލޭގެ ފޭސް 1 އަދި 2، ކޮންމެ ފޭސްއެއްގައި ވެސް ހުރި ވަކި ދެ ތަނަށް ދޫކުރަނީ، ތަނަކަށް 100 ޓޯކަނެވެ. އެގޮތުން، މުޅި ހުޅުމާލެއަށް ޖުމްލަ 400 ޓޯކަން ދޫކުރާނެ އެވެ.
މަސްދަޅު ކޭސް ބެހުމަށް ހަމަޖެހިފައިވާ މަރުކަޒުތަކަކީ މާލެއިން މިފްކޯ ކޮމްޕްލެކްސް (މާފަންނު)، އެމްޓީސީސީ ސޯމިލް (ހެންވޭރު)، ހެންވޭރު ދަނޑު، ގަލޮޅު ދަނޑު، އަދި ސޯޝަލް ސެންޓަރެވެ. ވިލިމާލެއިން މަސްދަޅު ކޭސް ބަހާނީ ހަމައެކަނި އެރަށު ވެމްކޯ ސައިޓުންނެވެ. ހުޅުމާލެ ފޭސް 1 އިން މަސްދަޅު ކޭސް ބަހާނީ އުމަރު ޒާހިރު އިމާރާތުންނާއި ޕޮލްކޯ ޓަވަރުގެ ސީ ބްލޮކްގަ އެވެ. ފޭސް 2 އިން ބަހާނީ ހިޔާ ޓަވަރު 10 އާއި ކާމިލްދީދީ ޕްރޯސްކޫލުންނެވެ.
މިއަދު ލޯކަލް ގަވަމަންޓް މިނިސްޓްރީން ނެރުނު ނޫސްބަޔާނުގައިވާގޮތުން، ޓޯކަން ދޫކުރަން ގެނައި ބަދަލުގެ އިތުރުން، މަސްދަޅު ބަހަން ނިންމާފައިވާ ގަޑިތަށް ވެސް ބަދަލުކޮށްފައި ވެއެވެ. އެގޮތުން، މިދުވަސްވަރަކީ ހޫނު ދުވަސްވަރަކަށް ވާތީ، މަސްދަޅު ކޭސް ބެހުމުގެ ހަރަކާތްތަށް ދުވާލު ނުބާއްވަން ނިންމާފައި ވެއެވެ. ދެން މަސްދަޅު ކޭސް ބެހުން އޮންނާނީ ރޭގަނޑު 8 އިން 12 ގެ ނިޔަލަށެވެ.
