އުފަންދުވަސް ފާހަގަކުރުމަކީ އަހަރެމެންގެ ތެރެއިން ގިނަބަޔަކު ކޮށް އުޅޭ ކަމެކެވެ. އަދި އެކި ކަހަލަ ފުއްޕާހަންތަކުން ޒީނަތްތެރިކޮށް، ކޭކު ކަފާ ހެދުމަކީ މިހާރަކަށް އައިސް ގިނަބަޔަކު ކުރާ ކަމެކެވެ. އަންހެނެއް ފިރިހެނެއް ކިޔުމެއް ނެތެވެ. ކުޑައެއް ބޮޑެއް ތަފާތުކުރުމެއް ނެތެވެ. ނަމަވެސް މިފަދައިން ކުލަގަދަކޮށް އުފަންދުވަސްފާހަގަ ކުރާއިރު ސަލާމަތާއި ރައްކާތެރިކަމަށްވެސް ފަރުވާތެރިވާންވާނެއެވެ. މި ލިޔުމުގައި މި ބަލާލަނީ ޗައިނާގެ ޒުވާނަކަށް ދިމައިވި ހިތާމަވެެރި ހާދިސާއެއްގެ މައްޗަށެވެ.

އުމުރުން 28 އަހަރު ފުރުމުގެ އުފަލުގައި އެކުވެރިންނާއި އާއިލާމީހުން ތައްޔާރުކޮށްދިނީ ބޮޑު ޕާޓީއެކެވެ. ޕާޓީއަށް ލުމަށްޓަކައި ވަކި ހެދުމެއް ފަހާ އެ ހެދުން ލައިގެން މި ޒުވާނާ އޭނާގެ އުފަންދުވަހު ޕާޓީއަށް ދިޔައެވެ. އެކި ވަރުވަރުގެ ފުއްޕާހަންތަކުން މުޅި ސަރަހައްދު އޮތީ ޒީނަތްތެރިކޮށްފައެވެ. އަދި ފުދޭވަރެއްގެ ބޮޑު ކޭކެއް ވެސް އޮތެވެ.

ކޭކު ފެޅުމަށް ތައްޔާރުވަމުން، ކޭކުގެ އުއްބައްތިތަށް ރޯކޮށްލިއެވެ. އަދި އެ ޒުވާނާ ކޭކު އަތްމަށްޗަށް ނަގާ، އަނެއް އަތުން ފުއްޕާހަންތަކެއް ހިފައިހެން ހުރެ އެކިކަހަލަ ފޮޓޯ ނަގަން އުޅުނެވެ. މި ހުރިހާ ފުއްޕާހަމަކަށްވެސް ހުރީ ހީލިއަމް ނަމަކަށް ކިޔާ ގޭހެސް އަޅާފައެވެ. އެއީ އެ ފުއްޕާހަންތައް ތިރިއަށް އަޔަނުދީ މައްޗަށް ފޮނުވައިދިނުމަށް އަޅާ ލުއި ގޭހެކެވެ.

އެކި ގޮތްގޮތަށް ފޮޓޯނަގަން އުޅެނިކޮށް ކުއްލި އަކަށް އެ ހިނގީ ނުރައްކާތެރި ބޮޑު ހާދިސާއެކެވެ. ކޭކުގައި ހުރި އުއްބައްތިތަކުން އުއްބައްތިއެއްގެ ހުޅުކޮޅުގައި އެ ޖެހުނީ އެތަނުން ފުއްޕާ ހަމެކެވެ. ހީލިއަމް އަކީ އަލިފާން ހިފާ ގޭހެއްކަމުން ކުއްލިއަކަށް ބޮޑު ބޮމެއް ގޮވާ އުސޫލުން އަތުގައި ހުރި ހުރިހާ ފުއްޕާހަމެއް ގޮވާ ބޮޑު ގޮވުމަކަށް ވެއްޖެއެވެ. އަލިފާންގަނޑު ކުއްލިއަކަށް ފަޅައިގެންގޮސް ސިކުންތުކޮޅެއް ތެރޭގައި ނިވިއްޖެވެސް މެއެވެ. އެކަމަކު އެކަމުގެ ސަބަބުން ގެއްލުން ތާ އުމުރަށް ދެމިގެން ހިނގައިދާނެއެވެ. އެ ޒުވާނާގެ މުޅި މޫނުމަތި ވަނީ ފިހިފައެވެ. ބޮލުގެ އިސްތަށިތަށް ވަނީ ވިރިފައެވެ. އުނަގަނޑުން މަތީގެ އެކި ހިސާބުތައް ވަނީ ފިހިފައެވެ. ވަގުތުން ހޮސްޕިޓަލަކަށް ގެންގޮސް ފަރުވާ ދިނެވެ. ހޮސްޕިޓަލުގައި ހަފްތާއެއްވަންދެން އެނދުމަތިކުރުމަށްފަހު ދޫކޮށްލި އެ ޒުވާނާ މިއަދު އެއީ އެހެން މީހެކެވެ. މީހާގެ ސިފަ ވަނީ ބަދަލުވެފައެވެ.

އާދެ! މި ހިއްސާކުރެވު ވާހަކައިން އަޅުގަނޑުމެން ހާސިލްކުރަން ޖެހޭ ވަރަށް ބޮޑު ފިލާވަޅެއް ވެއެވެ. އަޅުގަނޑުމެންގެ ގިނަ މީހުން މިފަދައިން ހީލިއަމް އެޅި ފުއްޕާހަން ބޭނުންކޮށްގެން އުފަންދުވަސް ފާހަގަކުރެއެވެ. ކޭކުގައި އުއްބައްތި ޖަހައިގެން ފާހަގަ ކުރެއެވެ. މިފަދަ ހިތާމަވެރި ހާދިސާއެއް ހިނގުމަކީ ވަރަށް ގާތުގައިވާ ކަމެކެވެ. އެހެންކަމުން މިފަދަ ޕާޓީތަކުގައިވެސް ސަލާމަތާއި ރަސްކާތެރިކަން އިސްކުރުމަކީ މުހިއްމު ކަމެކެވެ. ސަމާސާކޮށް ސަކަރާތް ޖެހުމަށް އުފަންދުވަހެއް ފާހަގަކުރުމުގެ ތެރޭގައި ސަމާލު ނުވެވުމުން މުޅި މޫނުގައި ބެންޑޭޖު އަޅަން ޖެހިދާނެއެވެ. އެހާރުން އެއީ އިފާވެރި އުފަންދުވަހެކޭ ބުނެވުމުގެ ފުރުސަތު ވަރަށްބޮޑަށް ކުޑަވެދާނެއެވެ.

 

ހަވާލާ: ސައުތް ޗައިނާ މޯނިން ޕޯސްޓް 2025