ރޯހިތު ޝެޓީ ހުށަހަޅައިދޭ ސްޓަންޓް ރިއަލިޓީ ޝޯވ "ޚަތުރޯން ކޭ ކިލާޅީ"ގެ 11 ވަނަ ސީޒަން ގެނެސްދިނުމަށް ތައްޔާރުވަމުން އަންނައިރު، ޝޯވގައި ބައިވެރިވާ ބައިވެރިންނާއި ބެހޭގޮތުން ވާހަކަ ދެކެވޭތާ ދުވަސްތަކެއް ވެއްޖެއެވެ. ޖުމްލަ 12 ބައިވެރިންނާއިއެކު މިފަހަރުގެ ޝޯވ ޝޫޓްކުރާނީ ދެކުނު އެފްރިކާގެ ކޭޕް ޓައުންގައި ކަމަށްވެއެވެ. ޝޯވގެ ޝޫޓިންގ ފަށާނެ ސީދާ ތާރީޚެއް އަދި ޝޯވ ދައްކަން ފަށާނެ ތާރީޚެއްވެސް އިޢުލާނުކޮށްފައި ނުވާއިރު، ޝޫޓިންގ ވަރަށް އަވަހަށް ފަށާނެކަމަށް ޚަބަރުތައް ބުނެއެވެ.
މިފަހަރުގެ ސީޒަނުންވެސް ކުރީގެ ސީޒަންތަކެކޭ އެއްގޮތަށް ޓީވީ ދުނިޔޭގައި މަޝްހޫރު ގިނަ މޫނުތަކެއް ފެނިގެންދާނެއެވެ. އޭގެ ތެރޭގައި "ބިގް ބޮސް"ގެ ފުރަތަމަ ސީޒަންގެ ރަނަރަޕް ހިމެނޭހެން ބިގް ބޮސްގެ އިތުރު ބައިވެރިންތަކެއް ހިމެނެއެވެ.
"ޚަތުރޯން ކޭ ކިލާޅީ 11" ގައި ބައިވެރިވާ 12 ބައިވެރިން:
* ނިކީ ތަމްބޯލީ

ތަމަޅަ ފިލްމު "ކަންޗަނާ 3" އިން މަޤުބޫލުކަން ހޯދި ނިކީ ތަމްބޯލީ ވަނީ "ބިގް ބޮސް"ގެ އެންމެ ފަހުގެ ސީޒަނުން 3 ވަނަ ހޯދާފައެވެ. ސައުތު ފިލްމުތަކުގައި މަސައްކަތްކުރާ 24 އަހަރުގެ ނިކީއަކީ މިފަހަރުގެ ސީޒަންގައި ވާދަކުރާ އެންމެ ހަގު ދެ ބައިވެރިންގެ ތެރެއިން އެކަކެވެ.
* ވިޝާލް އަދިތުޔާ ސިންގ

"ސަސުރާލް ސިމަރް ކާ" އާއި "ބޭގޫސަރާއީ" އާއި "ޗަންދުރަކަންތާ" ފަދަ ޓީވީ ސީރީޒްތަކުން މަޤުބޫލުކަން ހޯދި ވިޝާލް އަދިތުޔާ ސިންގވެސް މިފަހަރު "ޚަތުރޯން ކޭ ކިލާޅީ" އިން ފެންނާނެއެވެ. 2019 ވަނަ އަހަރު "ނަޗް ބަލިޔޭ"ގެ 3 ވަނަ ހޯދުމަށްފަހު އެ އަހަރުގެ ބިގް ބޮސްގައިވެސް ވިޝާލް ބައިވެރިވިއެވެ.
* އާސްތާ ގިލް

"އަބީ ތޯ ޕާޓީ ޝުރޫ ހުއީ ހޭ" އާއި "ކާމާރިޔާ" ފަދަ ލަވަތަކުން މަޝްހޫރުކަން ހޯދި ލަވަކިޔުންތެރިޔާ އާސްތާ ގިލްއަކީ ލަވަކިޔުންތެރިއެއްގެ އިތުރުން ލަވަ ލިޔާވެސް ފަންނާނެކެވެ. 32 އަހަރުގެ މި ހުނަރުވެރި ފަންނާނަކީވެސް ޚަތުރޯން ކޭ ކިލާޅީގެ ބައިވެރިއެކެވެ.
* އަބީނަވް ޝުކްލާ

"ބިގް ބޮސް"ގެ އެންމެ ފަހުން ގެނެސްދިން ސީޒަން ކާމިޔާބުކުރި ރުބީނާ ދިލައިކްއާއި ކައިވެނީގެ ގޮތުން ގުޅިގެން އުޅޭ އަބީނަވް ޝުކްލާވެސް މިފަހަރު ޚަތުރޯން ކޭ ކިލާޅީގައި ވާދަކުރާނެއެވެ. ބިގް ބޮސްގެ ފައިނަލަށް ދަތުރު ނުކުރެވުނު ނަމަވެސް އަބީނަވް ވަނީ ޝޯވގެ ފޭނުންގެ ހިތްތަކުން ޖާގަ ހޯދާފައެވެ.
* އަނުޝްކާ ސެން

އުމުރުން އެންމެ 18 އަހަރުގެ އަނުޝްކާ ސެންއަކީ "ޚަތުރޯން ކޭ ކިލާޅީ"ގެ މި ސީޒަންގައި ވާދަކުރާ އެންމެ ހަގު ފަންނާނެވެ. "ބާލްވީރް" އާއި "ޖާންސީ ކީ ރާނީ" އިން ބެލުންތެރިންގެ މަޤުބޫލުކަން ހޯދުމަށްފަހު މިއީ އަނުޝްކާ ބައިވެރިވާ ފުރަތަމަ ރިއަލިޓީ ޝޯވއެވެ.
* އަރްޖުން ބިޖްލާނީ

މަޝްހޫރު ގިނަ ސީރީޒްތަކެއް ކުޅުމަށްފަހު މިހާރު ބޮޑަށް ހޯސްޓް ކުރުމުގައި އުޅޭ އަރްޖުން ބިޖްލާނީއަކީ މިފަހަރުގެ ސީޒަންގައި ބައިވެރިވާ އެންމެ ދޮށީ ފިރިހެން ބައިވެރިޔާއެވެ. 38 އަހަރުގެ އަރުޖުންގެ ފާހަގަކޮށްލެވޭ ސީރީޒްތަކުގެ ތެރޭގައި "މެރި އާޝިޤީ ތުމްސޭ ހީ"، "ނާގިން"، "ޕަރްދޭސް މެ ހޭ މޭރާ ދިލް" އަދި "އިޝްޤް މޭ މަރްޖާވާން" ހިމެނެއެވެ.
* ސަނާޔާ އިރާނީ

"އިސް ޕިޔާރް ކާ ކިޔާ ނާމް ދޫން"ގައި ޚުޝީގެ ރޯލު ކުޅެގެން ބެލުންތެރިންގެ ހިތްތަކުން ޖާގަ ހޯދި ސަނާޔާ އިރާނީވެސް މިފަހަރުގެ ޝޯވއިން ފެންނާނެއެވެ. ކާމިޔާބު އެކްޓްރެސްއެއްގެ އިތުރުން ސަނާޔާ ވަނީ ޑާންސް ރިއަލިޓީ ޝޯވތައް ކަމަށްވާ "ޖަލަކް ދިކްލާޖާ 8" އިން ދެވަނަ އަދި "ނަޗް ބަލިޔޭ 8" އިން 3 ވަނަ ހޯދާފައެވެ.
* ވަރޫން ސޫދު

"ރޯޑީސް" އިން ބައިވެރިއެއްގެ ގޮތުގައި ވިދާލި ވަރޫން ސޫދަކީ ރޯޑީސްގެ ތާރީޚުގައި ގޭންގް ލީޑަރުކަން ކުރުމުގެ ޝަރަފު ހޯދާފައެވެ. "ސްޕްލިޓްސްވިލާ 9" އިން 2 ވަނަ ހޯދާފައިވާ ވަރޫން ވަނީ "ރޯޑީސް ރެވޮލިއުޝަން"ގެ ފައިނަލްގައި ވާދަކުރި 2 ވަނަ ގޭންގް ލީޑަރުގެ މަޤާމު ހޯދާފައެވެ.
* ދިވްޔަންކާ ތުރިޕާތީ

"އިޝީ މާ"ގެ ރޯލުން މަޝްހޫރުވި ދިވްޔަންކާ ތުރިޕާތީވެސް މިފަހަރު ޚަތުރޯން ކޭ ކިލާޅީގައި ބައިވެރިވެއެވެ. އެކްޓަރ ވިވެކް ދާހިޔާއާއި ކައިވެނީގެ ގޮތުން ގުޅިގެން އުޅޭ ދިވްޔަންކާއަކީ ނަޗް ބަލިޔޭގެ 8 ވަނަ ސީޒަން ކާމިޔާބުކުރި ފަންނާނެވެ.
* ރާހުލް ވެއިދިޔާ

33 އަހަރުގެ ރާހުލް ވެއިދިޔާއަކީ އިންޑިއަން އައިޑޯލް 1 އިން 3 ވަނަ ލިބުނު ލަވަކިޔުންތެރިޔާއެވެ. ލަވަކިޔުންތެރިއެއްގެ އިތުރުން ރާހުލްއަކީ މިއުޒިކް ކޮމްޕޯސަރެކެވެ. ގިނަ މިއުޒިކް ރިއަލިޓީ ޝޯވތަކެއް ކާމިޔާބުކޮށްފައިވާ ރާހުލްއަކީ "ބިގް ބޮސް 14"ގެ ދެވަނަ ލިބުނު ފަރާތެވެ.
* މެހެކް ޗެހެލް

"އައިޓަމް ގާރލް"އެއްގެ ގޮތުގައި މަޝްހޫރުވި މެހެކް ޗެހެލްއަކީ ބިގް ބޮސް 5ގެ ރަނަރަޕެވެ. ސަލްމާން ޚާންގެ "ވޯންޓެޑް" ފިލްމުގައި ޝައިނާގެ ރޯލު ކުޅުނު މެހެކްގެ އެންމެ ފާހަގަކޮށްލެވޭ ލަވައަކީ ކަރީނާ ކަޕޫރް ލީޑް ރޯލް ކުޅުނު ޗަމޭލީގެ "ސަޖްނާ ވޭ ސަޖްނާ" އެވެ.
* ސަނާ ސައްޔަދު

"ދިވްޔާ ޑްރިޝްޓީ"ގައި ޑްރިޝްޓީގެ ރޯލު ކުޅެގެން ބޮޑު މަޤުބޫލުކަމެއް ހޯދި ސަނާ ސައްޔަދުއަކީ ކުރިން "ސްޕްލިޓްސްވިލާ 8" ގައި ބައިވެރިވި ފަންނާނެކެވެ. ޚަތުރޯން ކޭ ކިލާޅީއަކީ ސަނާ ބައިވެރިވާ ދެވަނަ ރިއަލިޓީ ޝޯވއެވެ.
ރޯހިތު ޝެޓީ ހޯސްޓްކުރާ މި ޝޯވގައި ކުރީގެ 10 ސީޒަންއަށްވުރެ ވަރުގަދަ ސްޓަންޓްތަކެއް އަދި ބައިވެރިންގެ މެދުގައި ވަރުގަދަ ވާދަވެރިކަމެއް ފެނިގެންދާނެކަމަށް ޚަބަރުތައް ބުނެއެވެ. ޚަތުރޯން ކޭ ކިލާޅީގެ އެންމެ ފަހުން ގެނެސްދިން ސީޒަން ކާމިޔާބުކުރީ ކަރިޝްމާ ތަންނާއެވެ. ރަނަރަޕަކަށް ކަރަން ޕަޓޭލް ހޮވުނުއިރު 3 ވަނައަށް ދިޔައީ ކޮރެއޯގްރާފަރ ދަރްމޭޝް ޔެލާންޑޭއެވެ.
