ރައްޔިތުންނަށް އެހީވުމަށް ސްޓެލްކޯ މުވައްޒަފުން އަބަދުވެސް ނަމޫނާ ދައްކަމުން އަންނަކަމީ ދެބަސްވެވެން ނެތް ހަގީގަތެކެވެ.
އެގޮތުން ރައީސް ޑރ. މުއިއްޒު ރައްޔިތުންނަށް ދޭ ރޯދަ ހަދިޔާގެ ގޮތުގައި ހަދިޔާކުރައްވާ މަސްދަޅުކޭސްތައް ބެހުމުގައި ވެސް އެދަނީ ޢަމަލީގޮތުން ހަރަކާތްތެރިވެ، ފުރިހަމަ އެއްބާރުލުން ދެމުންނެވެ.
ސްޓެލްކޯގެ މުވައްޒަފުން މިގޮތަށް ކުރާ ހުރިހާ ކަމެއް ވެސް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ގެންދަވަނީ ޝުކުރުވެރިކަމާއެކު ފާހަގަވެސް ކުރައްވަމުންނެވެ. އެގޮތުން، މަސްދަޅު ކޭސްތައް ބެހުމުގެ މަސައްކަތުގައި ސްޓެލްކޯގެ މުވައްޒަފުންވެސް ބައިވެރިވަމުންދާކަން ސޯޝަލް މީޑިއާގައި ވަނީ ފާހަގަކުރައްވާ، ޝުކުރުއަދާކޮށްފައެވެ.
ފަހުމީ ވިދާޅުވީ، މަސްދަޅުކޭސް ބެހުމަށް ސަރުކާރުން އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކުގެ ތެރެއިން ކިއުގެ ތަކުލީފު ވީހާވެސް ކުޑަވާނެ ގޮތަކަށް އިންތިޒާމުކުރެވި ރޭވިފައިވާ ރޭވުންތަކުގެ ތެރެއިން ސްޓެލްކޯގެ މުވައްޒަފުންވެސް ސަރުކާރުގެ ޓީމުތަކާއި ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެ މުވައްޒަފުން މަސައްކަތް ކުރަމުންދަނީ މަސްދަޅު ކޭސް ބެހުމަށް ހާއްސަކޮށްފައިވާ އެއް ސަރަހައްދު ކަމަށްވާ ޕޮލްކޯ ޓަވަރ (ސީބްލޮކް) ސަރަހައްދުގައި ކަމަށްވެސް ފަހުމީ ވިދާޅުވިއެވެ.
ސަރުކާރުން މަސްދަޅު ކޭސް ބެހުމުގެ ކަންކަން އިތުރަށް ފަސޭހަ ކުރުމުގެ ގޮތުން މިހާރުވަނީ އިތުރުފިޔަވަޅުތައް އެޅުމަށް ނިންމާފައެވެ. އެގޮތުން ޓޯކަން ނަންބަރުތަކުގެ އަދަދުވެސް މިރެއިން ފެށިގެން ވަނީ އިތުރުކޮށްފައެވެ. އަދި މިދުވަސްވަރަކީ ހޫނުގަދަ ދުވަސްވަރު ކަމަށްވާތީ، ހަމައެކަނި ރޭގަނޑު މަސްދަޅުކޭސް ލިބޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ.
