ދ. ކުޑަހުވަދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އައު އިމާރާތުގެ ބިންގާ އަޅައިފިއެެވެ.
އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތު ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ. އެމަނިކުފާނު ކުޑަހުވަދޫއަށް ވަޑައިގެންނެވީ ދ އަތޮޅުގެ ހުރިހާ ރަށަކަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ފުރަތަމަ ރަށެއްގެ ގޮތުގައެވެ.
މި އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ، ބީއެމްއެލްގެ ޗެއާޕާސަން އަހްމަދު އަލީ ހަބީބު އާއި ބީއެމްއެލްގެ ސީއީއޯ / މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ޝަރީފެވެ.
ކުޑަހުވަދޫގައި މިހާރު ވެސް ބޭންކުގެ ހިދުމަތް ދެމުންދާއިރު، މިއީ އެހިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން އިމާރާތްކުރާ ތަނެކެވެ. ކުޑަހުވަދޫގައި ވަނީ ސެލްފް ސަރވިސް އިތުރު އޭޓީއެމެއްގެ ހިދުމަތް ދޭން ވެސް ވަނީ ފަށާފައެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި ބޭންކުގެ ހިދުމަތް ލިބޭނެ ގޮތް ހެދުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެމަނިކުފާނު ވަނީ މި އަހަރު ނިމުމުގެ ކުރީން ރާއްޖޭގެ ހުރިހާ ރަށެއްގައި ބީއެމްއެލްގެ އޭޓީއެމް ބަހައްޓާ ހިދުމަތް ފެށުމަށް ނިންމަވާފައެވެ.
