ކޮންމެ ބައެއްގެ މެދުގައިވެސް އެބަޔަކު ގަބޫލުކުރާ އިޖްތިމާއީ ހަމަތަކަކާއި އުސޫލުތަކެއް އޮވެއެވެ. އެބައެއްގެ މެދުގައި ދެކެވޭ ވާހަކަޔާއި ކުރެވޭ މުއާމަލާތުގައި މިދެންނެވި އިޖްތިމާއީ އުސޫލުތަކަށް ރިއާޔަތް ކުރުމަކީ ތަނުގެ އަމަންއަމާންކަމާއި މަސްލަހަތު ރައްކާތެރި ކުރުމަށްޓަކައި، އަދި އެބަޔަކު ގަބޫލުކުރާ އިޖްތިމާއީ އަގުތައް ދެމެހެއްޓުމަށްޓަކައި ކޮންމެ ބަޔަކުވެސް ވަރަށް އިސްކަންދޭ ކަމެކެވެ.

އަޅުގަނޑުމެންނަކީ، މާތްވެގެންވާ އިސްލާމްދީނުގެ އަހުލުވެރިންނީމުއެވެ. މުސްލިމުންގެ މެދުގައި އޮންނަންވާނެ އިޖްތިމާއީ އަގުތައް ކަނޑައަޅުއްވާފައިވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާ އެވެ. މި އުސޫލުތައްވަނީ ކީރިތި ޤުރުއާނާއި މާތްނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ސުންނަތުގައި ވަރަށް ސާފުކޮށް ބަޔާންކޮށްދެއްވާފައެވެ.

އިސްލާމީ މުޖުތަމައުގައި އަދި ކީއްތޯއެވެ! އިންސާނީ މުޖުތަމައުތަކުގައި ބަދު އަޚުލާޤީ އަމަލުތަކަށް ފުރުސަތު ނުދީ ލަދުވެތިކަމާއި އިއްފަތްތެރި ވެށްޓެއް ބިނާކުރުމަށް އިސްލާމްދީން ގަދައަޅައި އަމުރުކުރެއެވެ.

ކީރިތި ޤުރުއާނުގައި ﷲ ބަޔާންކުރައްވާފައިވާ އަބުރުވެރި އުސްލޫބަކީ އެއިން އިބްރަތް ލިބިގަންނަންޖެހޭނެ ކަމެކެވެ. ރޯދައާއި ހައްޖުގެ އަޅުކަމުގެ ތެރޭގައި ކޮށްގެން ނުވާނެ ބައެއް ކަންކަމުގެ ހުކުމް ބަޔާންކުރެއްވުމުގެ ގޮތުން ވަހީ ކުރައްވާފައިވާ ބަސްފުޅުތަކުގައި ދެމަފިރިކަމުގެ ގުޅުން ހިންގުން ނަހީކުރައްވައި، ސީދާބަހުން އެހެން ނާންގަވައި ކިނާޔަތުގެ ގޮތުން އަންގަވާފައިވާކަމީ މުސްލިމުންގެ ކިބައިގައި ލަދުވެތިކަމާއި އަބުރުވެރިކަން އޮންނަންވީ މަތިވެރިކަން ހާމަވާ ކަމެކެވެ. ހަމައެހެންމެ، އެކަކު އަނެކަކަށް ޤަޒްފު ކޮށްފިނަމަ 80 އެތިފަހަރުން ހައްދުޖަހައި އެމީހާގެ ހެކިބަސް ގަބޫލު ނުކުރާގޮތަށް ހަމަޖައްސަވާފައި ވުމުން، ފާފައިގެ އަމަލާއި ވާހަކައަށް މުސްލިމުން ނަފުރަތުކުރަން ޖެހޭވަރާއި އެފަދަ ކަންކަމަށް އިސްލާމީ މުޖުތަމައުގައި ޖާގަދެވިގެން ނުވާނެ ކަމުގެ ވަރަށް އަލިގަދަ ދަލީލެއްކަމުގައި ފުދެއެވެ.

ހަޑިހުތުރު ވާހަކަތަކާއި ފާހިޝް އަމަލުތަކަށް އިސްލާމީ މުޖުތަމައުގައި ޖާގަދެވިގެން ނުވާނެކަން ހާމަކުރައްވައި ކީރިތި ރަސޫލާ ހަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. "އޭ މުހާޖިރިއްޔާ ބޭކަލުންނޭވެ! ތިޔަބައިމީހުންނަށް (އެބަހީ: މުސްލިމުންނަށް) ފަސްކަމެއް މެދުވެރިވެއްޖެނަމަ، ތިޔަބައިމީހުންނަށް ބޮޑެތި މުސީބާތްތައް ކުރިމަތިވެދާ ހުއްޓެވެ. އެފަދަ ދުވަހެއް ތިޔަބައިމީހުންނަށް ނުދައްކަވާތޯ ތިމަންކަލޭގެފާނު ދުއާ ކުރައްވަމެވެ. ފުރަތަމަ ކަމަކީ، ބައެއްގެ މެދުގައި ލަދުވެތިކަންނެތިވެ ފާހިޝް އަމަލުތައް ގިނަވެއްޖެނަމަ އެބައެއްގެ މައްޗަށް ބަނޑުހައިހޫނުކަމާއި، އެބައިމީހުންގެ ކާބަފައިންވެސް ދެކެފައިނުވާފަދަ ބޮޑެތި މުސީބާތްތައް ކުރިމަތިކުރައްވައި އެބަޔަކަށް ﷲ ގެ ލައުނަތް ހައްގު ވެދާ ހުއްޓެވެ."

ކަންމިހެން ހުރުމާއެކު، އަޅުގަނޑުމެންގެ ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަމަށްޓަކައި ވާހަކަދެއްކުމާއި ލިޔެކިޔުމާއި އެހެނިހެން މުއާމަލާތްތަކުގައިވެސް ލަދުވެތިކަމުގެ އުސްލޫބު ދެމެހެއްޓުން ހުއްޓެވެ.

 

( "ވާހަކަދެއްކުމާއި ލިޔުމުގެ ދާއިރާގައިވެސް ލަދުވެތިކަމުގެ އުސްލޫބަށް އިސްކަންދިނުން" – އަހުމަދު ފާރޫޤު މުޙައްމަދު – ދީނުގެމަގު، އަހަރު 16، އަދަދު 11، ޞަފްހާ 2، 26 އޮކްޓޫބަރު 2001 )