އިންޑިއާގައި ކޮވިޑް19ގެ ހާލަތު ވަނީ ހީވެސް ނުކުރާހާ މިންވަރަށް ގޯސްވެފައެވެ. ދުވާލެއްގެ މައްޗަށް އެތައް ބަޔަކު މިބަލީގައި އިންޑިޔާއިން މަރުވެއެވެ. އޭގެ ތެރެއިން ގިނަ ބަޔަކު މަރުވަމުން އަންނަނީ ފަރުވާ ނުލިބިގެންނެވެ. މިފަދަ އެތައް ހާދިސާއެއް މީސްމީޑީއާއަށް އަންނަނީ ތިލަވަމުންނެވެ.

ސަވިތާ އޮބެރޮއި(61) އަކީ މާލީ ގޮތުން ތަނަވަސް އާއިލާއެއްގެ މަންމައެކެވެ. އެހެން މީހުންނާއި ހިލާފަތް އެ އާއިލާގެ މީހުން އޭނާ އަށް ފަރުވާ ހޯދުމުގައި ދަތިވީ ފައިސާ އަކަށް ނޫނެވެ. ހަމައެކަނި ދަތިވީ ހޮސްޕިޓަލުން އެނދެއް ހޯދުމަށެވެ.

އާއިލާއިން ބުނާ ގޮތުގައި ސަވިތާ އަށް ކޮވިޑް19 ޖެހިގެން އިތުރު ފަރުވާ ހޯދުމަށް ވަނީ 15 ވަރަކަށް ހޮސްޕިޓަލަށް ގޮސްފައެވެ. އެހެން ނަމަވެސް އެއްވެސް ހޮސްޕިޓަލަކުން އޭނާ އެނދުމަތި ކޮށްގެން ފަރުވާ ދެވޭނެ ގޮތެއް ނުވިއެވެ.

އެކި މީހުންނަށް ގުޅަމުން ގޮސް ދަންނަ މީހަކު ހުންނަ ހޮސްޕިޓަލެއްގައި މަންމައަށް ފަރުވާ ދޭން ފެށި ނަމަވެސް، ވަގުތު ކުޑަވި ކަމަށާއި އޭގެ ދުވަސްކޮޅެއް ފަހުން މަންމަ މަރުވި ކަމަށް އާއިލާއިން ބުނެއެވެ.

ހޮސްޕިޓަލްތަކާއި ކްލިނިކް ތަކާއި ބޭސްފިހާރަ ތަކުގެ ބޭރުގައި ދިގު ކިއުތަކެއް އޮންނަ ކަމަށާއި ދެ ދުވަސްވަންދެން ވެސް އޭނާގެ މަންމަ ކޮވިޑަށް ޓެސްޓް ނުކުރެވޭ ކަމަށެވެ. އަދި ކިތަންމެ މުއްސަނދި މީހަކަސް ކޮވިޑް19 އިން ރައްކާތެރިވެވޭނެ ކަމުގެ ޔަގީން ކަމެއް ނޯންނާނެ ކަމަށް އާއިލާއިން ވަނީ ބުނެފައެވެ.

އިންޑިޔާގައި ކޮވިޑްޖެހިގެން މަރުވާމީހުންގެ އަދަދު މިހާ އިތުރުވެފައިވާއިރު، އެ ގައުމުގެ ސިއްހީ ހިދުމަތްތެރިން ތިބީ ވަރުބަލިވެފައެވެ. އެ ގައުމުގެ ބޮޑުން ތިބީ ހަދާނެގޮތް ހުސްވެފައެވެ. ރައްޔިތުން ތިބީ މާޔޫސްކަމެއްގައި މަރުގެ ތުންފަތް މަތީގައެވެ.