ލޯ ކައިރި ކަޅުވުމަކީ ވަރަށް ގިނަ މީހުންނަށް ދިމާވާ އާންމު މައްސަލައެކެވެ. އެކި މީހުންގެ ލޯ ކައިރި ކަޅުވަނީ އެކި ސަބަބުތަކާއި ގުޅިގެންނެވެ. ބައެއް މީހުންނަށް ނިދި ހަމަނުޖެހިގެން މި މައްސަލަ މެދުވެރިވާއިރު އަނެއްބަޔަކަށް މި މައްސަލަ މެދުވެރިވަނީ ރަނގަޅަށް ފެން ނުބޮވުމުގެ ސަބަބުން ހަމުގެ ތެތްކަމަށް އަސަރުކޮށްގެންނެވެ. މިކަންތައް ހައްލުކުރަން ވިޓަމިން އީ ގެ ތެޔޮ ބޭނުންކުރެވިދާނެއެވެ. އަދި ކިއުކަމްބާ ފަދަ އެއްޗެހި ލޮލުގެ މަތީގައި ހާކައިގެންނާއި ރަނގަޅަށް ފެން ބޮއިގެން ނިދި ހަމަކުރުމުން މި މައްސަލަ ހައްލު ވެއެވެ.
ނަމަވެސް ބައެއް ހާލަތްތަކުގައި ލޯ ކައިރި ކަޅުވުމަކީ އެލާޖީއެއް ނުވަަތަ ވާރުތަވާ ހަމުގެ ހާލަތަކަށްވުންވެސް އެކަށީގެންވާ ކަމެކެވެ. މިފަދަ ހާލަތްތަކުގައި ލޯކައިރީގެ ކަޅުކަން މުޅިން އެއްކޮށް ފަނޑު ނުކުރެވޭނެއެވެ. އެއްބަޔަކު ފައުންޑޭޝަން ނުވަތަ ފުށް ޖަހައިގެން މި އައިބު ފޮރުވަން މަސައްކަތްކުރިޔަސް ގިނައިރުވީމަ އެކުލަކޮޅުގެ އަސަރު ފޭޑްވެގެންދެއެވެ. އެކަމަކު ޒަމާނަށް އައި ބަދަލާއިއެކު މިހާރު މޭކަޕްގެ ދުނިޔެއަށް ވަނީ އިންގިލާބެއް އައިސްފައެވެ. މި އިންގިލާބާއިއެކު ލޯކައިރީގެ ކަޅުކަން ގިނައިރުވަންދެން ފޮރުވޭނެ ހާއްސަ އެކި އުކުޅުތައް މޮޅެތި މޭކަޕް އާޓިސްޓުން ބޭނުންކުރެއެވެ. މި ކަންކަން ވަކި ތަރުތީބެއްގެ ދަށުން ކުރާނަމަ، ތިބާގެ ލޯކައިރި، މޫނުގެ ހަމާއި އެއްވަރާއި ދޮންކޮށް ހުންނާނެކަމުގެ ޔަގީންކަން އެބައޮތެވެ. އެކަމަކު، ތިރީގައި ހިމަނާ އުފެއްދުންތައް ހޯދަން ކުޑަކޮށް އަތްފުނާއަޅަން ޖެހޭނެ ވާހަކަ ކުރިއާލާ ބުނެލާނަމެވެ.
މޮއިސްޗަރަައިޒާ
މޮއިސްޗަރައިޒާއަކީ ހަމައެކަނި މޫނަަށް ހާއްސަ އެއްޗެއް ނޫނެވެ. ލޯކައިރީގެ ކަޅުކަން ފޮރުވަން މޭކަޕް ބޭނުންކުރަންޏާ، ލޯކައިރި ވަށައިގެންވާ ތުނި ހަންކޮޅުގެ ކުރަކިކަން ކެނޑުވުން މުހިންމެވެ. އޭރުން މޭކަޕް ގިނައިރުވަންދެން ދެމެހެއްޓޭނެއެވެ. ލޯކައިރިއަށް ހާއްސަ މޮއިސްޗަރައިޒާތައް މިހާރު ރާއްޖޭގެ ބާޒާރުންވެސް ފަސޭހައިން ލިބެންހުރެއެވެ.
ކަލާ ކަރެކްޓަރ
ކަލާ ކަރެކްޓާއޭ ބުނުމުން އެއީ އަހަރެމެން ދިވެހިންގެ މެދުގައި އެހާ މަޝްހޫރު އެއްޗަކަށް ނުވުން އެކަށީގެންވެއެވެ. ކަލާ ކަރެކްޓާއަކީ އޭގެ ނަމާއި އެއްގޮތަށް ހަމުގައި ހުންނަ ލަކުނާއި ކަޅުތަންތަނުގެ ކުލަ ވަގުތީގޮތަކަށް ފޮރުވަން ފަރުމާކޮށްފައިވާ މޭކަޕް ސާމާނެކެވެ. ގިނަ މީހުން ލަށްތައް ފޮރުވަން ފައުންޑޭޝަން ބޭނުންކުރިޔަސް ލޯކައިރީގެ ހުންނަ ތަފާތު ކުލަ މޫނުގެ ހަމާއި އެއްވަރު ކުރެވޭނީ ކޮންސީލާ ހޭކުމުގެ ކުރިން އެސަރަހައްދުުގައި ކަލާ ކަރެކްޓާ ބޭނުންކޮށްގެންނެވެ. ފުށް، ކްރީމް ނުވަތަ ދިޔާކޮށް ހުންނަ ކަލާ ކަރެކްޓާތައް ބާޒާރުގައި މިހާރު ލިބެން ހުރެއެވެ. އޭގެ ތެރޭގައި ހިމެނޭނީ އެކި ހަމުގެ ކުލަ ހުންނަ މީހުންގެ ހަމަށް ހާއްސަ އެކި ކުލަތަކެވެ.
އޮރެންޖް ނުވަަތަ ދަނބު އެއީ މަޑު މުށި ކުލަ ނުވަތަ މެދު މިންވަރަކަށް ކަޅު މީހުންގެ ލޯކައިރީގެ ކަޅުކަން ފޮރުވަން ހާއްސަ ކަލާ ކެރެކްޓާ ކުލައެވެ. އަދި ރަތް އެއީ ކަޅު މީހުންގެ ލޯކައިރީގައި ޖައްސަން ހާއްސަ ކަލާ ކަރެކްޓާއެވެ. އެކި ހާލަތްތަކުގެ ސަބަބުން ހަންގަނޑު ރަތްވާ ގޮތް މެދުވެރިވާނަމަ ނުވަތަ މާ ރަތްކޮށް ހުރި ބިއްސެއް ފޮރުވަން ބޭނުންވާނަމަ، ފެހި ކުލައިގެ ކަލާ ކަރެކްޓާ ބޭނުންކުރެވިދާނެއެވެ.
ކޮންސީލާ
ކަލާ ކަރެކްޓާ ހޭކީމަ ހުންނާނީ ފެހި، ދަނބު ނުވަތަ އޮރެންޖް ކުލައިގެ މޭކަޕެވެ. އޭގެ މަތިން ކޮންސީލާ ހާކާލީމާ، މިހާރު ލޯކައިރި ހުންނާނީ މޫނުގެ ހަމާއި ދާދި އެއްވަރު ކުލައަކަށެވެ. އަދި މޫނުގެ އެހެން އައިބުތައްވެސް ހުންނާނީ ފޮރުވިފައެވެ. ނަމަވެސް ކޮންސީލާ ބޭނުންކުރުމުގައި ތިބާގެ ހަމުގެ ކުލައާއި ދާދި އެއްގޮތް ކޮންސީލާ ކުލައެއް ހޯދަން ސަމާލުވާށެވެ.
ޓްރާންސްލޫސެންޓް ޕައުޑާ
ޓްރާންސްލޫސެންޓް ޕައުޑާއަކީ އާދައިގެ ފުށަށްވުރެ ތުނި އަދި ކުލަ މަޑު ފުށެކެވެ. ގިނައިރުވާ ވަރަކަށް މޫނުގައި މާ ގިނަ ސާމާން ހާކާފައިހުރުމުން މޫނުގެ ވަޅުތަކުން ތެޔޮ ބޭރުވާން ފަށާނެއެވެ. ނަތީޖާއެއްގެ ގޮތުން މޭކަޕް ހަޑިވާ ގޮތްވާނެއެވެ. ކޮންސީލާއަށްފަހު ޓްރާންސްލޫސެންޓް ޕައުޑާ ނުވަތަ ލޫޒް ޕައުޑާ ބޭނުންކުރަނީ ކޮންސީލާގެ ދިޔާކަމުގެ ސަބަބުން މޭކަޕް ފޭޑްވުމުން ރައްކާތެެރިކުރުމަށެވެ.
ސެޓިން ސްޕްރޭ
މިއީ ކޮންމެ މޭކަޕެއް ނިންމާލާފައިވެސް އެންމެ ފަހު ފިޔަވަޅެއްގެ ގޮތުގައި އަޅާ މުހިންމު ސްޓެޕެކެވެ. އިންފްލުއެންސަރުންނާއި ފިލްމީ ތަރިންގެ މޭކަޕް އެހާ ފުރިހަމަވުމުގެ އަސްލަކީ މިއެވެ. ސެޓިން ސްޕްރޭ ހާކާލުމުން މޫނުގެ މޭކަޕްގެ ކުލަ ފޭޑްނުވެ، ތާޒާކަންމަތީ ގިނައިރުވަންދެން ދަމަހައްޓައެވެ. އަދި ސްޕްރޭ ކުރުމުން މޭކަޕްގެ ކުލައަށް އިތުރު އޮފް ކަމެއް ގެނެސްދެއެވެ. އޭރުން އިރުއިރުކޮޅާ ބުރަ މަސައްކަތުގެ މޭކަޕް އައު ކުރާކަށް ނުޖެހޭނެއެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން