ކޮންމެ ދުވަހަކު އަޅުގަނޑުމެން ކާ ކޮންމެ ކާއެއްޗަކީ ހަށިގަނޑަށް ސީދާ އަސަރުކުރާ އެއްޗެކެވެ. ރަނގަޅު ކާނާއަކީ ހަށިގަނޑު ދުޅަހެޔޮކޮށް ބެހެއްޓުމަށް މުހިންމު ވަސީލަތެކެވެ. ނަމަވެސް، އަދުގެ މި ދުނިޔޭގައި ރަނގަޅު ކާނާއަކީ ކޮބައިކަން ދެނެގަތުމަކީ އުނދަގޫ ކަމަކަށް ވެފައިވެއެވެ. އެކި ބާވަތްތަކުގެ ޑައިޓްތަކާއި އެކި ބާވަތްތަކުގެ ނުތަނަވަސްކަން އިތުރުވެފައިވުމާއެކު، ބައެއްފަހަރު އާދައިގެ ކެއުމުގެ އަސާސްތައްވެސް ހުންނަނީ އޮޅިފައެވެ. މި ލިޔުމުގައި އަޅުގަނޑުމެން ބަލާލާނީ ޞިއްޙަތަށް ފައިދާހުރި ކާނާގެ އަސާސްތަކާއި ދުޅަހެޔޮ ކެއުމުގެ ޢާދަތައް ދިރިއުޅުމުގައި އަށަގެންނެވުމަށް އެޅިދާނެ ފިޔަވަޅުތަކުގެ މައްޗަށެވެ.

 

ކެއުމުގެ ދުޅަހެޔޮ އަސާސީ ސިފަތައް:

1. ތަފާތު ބާވަތްތަކުން ކާނާ ހޯދުން

ހަށިގަނޑަށް ބޭނުންވާ ހުރިހާ ކެވެނީގެމާއްދާތައް ލިބިގަތުމަށްޓަކައި، ތަފާތު ބާވަތްތަކުގެ ކާނާ ކެއުން ބޭނުންތެރިއެވެ.

. މޭވާއާއި ތަރުކާރީ: ދުވާލަކު މަދުވެގެން 5 ސާވިންގ ތަފާތު އެކިކަހަލަ މޭވާއާއި ތަރުކާރީ ބޭނުންކުރެވިދާނެއެވެ. މީގެތެރޭގައި ފިޔާ، ކެބެޖް، ކިއުކަމްބާ، ފަޅޯ، ކެރެޓް، ބަރަބޯ، އަނބު، ދޮންކެޔޮ ފަދަ ގިނަ ބާވަތްތައް ހިމެނެއެވެ.

. ފުލްގްރެއިން ކާބޯތަކެތި: ހުދުހަނޑުލުގެ ބަދަލުގައި ރަތް/ބްރައުން ހަނޑޫ، ހުދު ހަކުރުގެ ބަދަލުގައި ރަތް ހަކުރު ފަދަ ބާވަތްތަކައް އިސްކަންދިނުން މުހިއްމެވެ.

ހަށިގަނޑަށް ބޭނުންވާ ހުރިހާ ވިޓަމިންތަކާއި މިނަރަލްސް ލިބުމަށްޓަކައި މި ބާވަތްތަކުގެ ކާނާ ހަފްތާއެއްގެ ތެރޭގައި ބޭނުންކުރަން އަހުލުވެރިވާންވާނެއެވެ.

2. ގުދުރަތީ އަދި އަސްލު ނުގެއްލި ހުންނަ ކާނާއަށް އިސްކަންދިނުން:

ދުޅަހެޔޮކާނާ ކެއުމުގެ އެންމެ މުހިންމު އެއް އަސާސަކީ ގުދުރަތީގޮތުން އުފެދޭ ކާނާއަށް އިސްކަންދިނުމެވެ:

ޕްރޮސެސްކޮށްފައިވާ ކާނާ މަދުކުރުން (ސޮސެޖް، ހަކުރުލާފައިވާ ބުއިންތައް، ހަކުރު ގިނަ ބިސްކޯދު، ޗިޕްސް). ބައެއް ކާއެއްޗެހި މީރުކުރުމަށް އިތުރުކުރާ ކެމިކަލްތަކާއި ގިނަ ދުވަހަށް ބަހައްޓަން ގިނަ ޗެމިކަލް އަޅާފައި ހުންނަ ކާނާ މަދުކުރަން ވާނެއެވެ.

ދިރާސާތަކުން ދައްކާފައިވާގޮތުން، ޕްރޮސެސްކޮށްފައިވާ ކާނާ ގިނައިން ބޭނުންކުރާ މީހުންގެ މެދުގައި ހިތުގެ ބަލިތަކާއި، ހަކުރުބަލި އަދި ކެންސަރުގެ ރޭޓްވެސް މަތިވެއެވެ.

3. ހަކުރު އަދި ޕްރޮސެސްޑް ކާބޯހައިޑްރޭޓްސް މަދުކުރުން:

އެންމެ ގެއްލުންބޮޑު އެއް ކާނާއަކީ ހަކުރެވެ. ހަކުރުން މެދުވެރިވާ މައްސަލަތަކުގެ ތެރޭގައި:

. ހަކުރުބަލި ބޮޑުވަރުވުމުގެ ފުރުޞަތު އިތުރުވުން.

. ބަރުދަން އިތުރުވުން.

. އެނާޖީ ލެވެލް މައްޗަށް ގޮސް ތިރިވުން (ޝުގަރ ކްރޭޝް).

. ދަތުގެ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުކުރުން.

. ހިތުގެ ބަލިތަކުގެ ފުރުޞަތު އިތުރުވުން.

އެހެންކަމުން، ހަކުރުގެ ބަދަލުގައި ހަކުރަށްވުރެ ދަށް ގްލައިސެމިކް އިންޑެކްސް ހުންނަ މޭވާފަދަ ގުދުރަތީ ކާނާ ކެއުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.

4. ފެންބުއިން އިތުރުކުރުން:

ދުޅަހެޔޮ ކެއުމުގެ އަސާސްތަކުގެ ތެރެއިން އެއްމެ ބޮޑަށް އިހުމާލުވާ އެއް ކަމަކީ ފެންބުއިމެވެ. ހަށިގަނޑުގެ 60% އަކީ ފެނެވެ، އެހެންކަމުން އޭގެ މުހިންމުކަން ވަރަށް ބޮޑެވެ. އެވްރެޖްކޮށް ދުވާލަކު 2-3 ލީޓަރ ފެން ބުއިން އެދެވިގެންވެއެވެ. ތައްޔާރީ ބުއިންތަކުގެ ބަދަލުގައި ފެން ބުއިމަށް އާދަވާން ޖެހެއެވެ. ކެއުމުގެ ކުރިން ފެންބުއިމުން ކެވޭ މިންވަރު ކޮންޓްރޯލް ކުރެވޭނެއެވެ.

5. ޕޯޝަން ކޮންޓްރޯލް (އެކަށީގެންވާވަރަށް ކެއުން)

ކިތަންމެ ދުޅަހެޔޮ ކާނާއެއްނަމަވެސް، ގިނައިން ކެއުމުން އޭގެ ނޭދެވޭ އަސަރުކުރާނެއެވެ. ޕޯޝަން ކޮންޓްރޯލްކުރުމުގެ މުހިންމު ސަބަބުތަކުގެ ތެރޭގައި:

. ކެލޮރީ ކޮންޓްރޯލްކޮށް ބަރުދަން ހިފެހެއްޓުން.

. ކެލޮރީ ބާރނިންގ އަދި ބިލްޑިންގ ގެ ބެލެންސް ގެންގުޅުން.

. ހަޖަމުކުރުމުގެ ނިޒާމަށް ލުއިވުން.

. ކެއުމަށްފަހު ނިދިޖެހުމުން ސަލާމަތްވުން.

ކެއުމުގެ މިންވަރު ކޮންޓްރޯލްކުރުމަށް އެޅިދާނެ ފިޔަވަޅުތަކުގެ ތެރޭގައި:

. ކުދި ތަށި ބޭނުންކުރުން.

. ކެއުމުގެ ކުރިން ފެންބުއިން.

. ކާންފެށުމުގެ 20 މިނެޓް ކުރިން ސެލަޑް ފަދަ ލުއި އެއްޗެއް ކެއުން.

. ހަށިގަނޑަށް ބޭނުންވާ މިންވަރަށް ކެއުން.

 

ދުޅަހެޔޮކޮށް ކެއުމުގެ ފައިދާތައް

ދުޅަހެޔޮ ކެއުމުގެ ޢާދަތަކަށް ބަދަލުވުމުން، އަޅުގަނޑުމެންގެ ދިރިއުޅުމަށް ގިނަގުނަ ބަދަލުތަކެއް ގެނެސްދެއެވެ:

1. ޖިސްމާނީ ފައިދާތައް:

. ބަރުދަން ކަނޑައެޅިފައިވާ ހަމައެއްގައި ހިފެހެއްޓުން.

. ބަލިތަކަށް ހުށަހެޅުމުގެ ފުރުޞަތު ކުޑަވުން (ހިތުގެ ބަލި، ހަކުރުބަލި، ބައެއް ބާވަތުގެ ކެންސަރު).

. ހަށިގަނޑުގެ ދިފާޢީ ނިޒާމު ވަރުގަދަވުން.

. ހަކަތަ އިތުރުވެ ގިނަގިނައިން ބަލިނުވެ ހުރުން.

. ހަށިގަނޑުގެ ބޭރުފުށުގެ ފެނުމަށް ރީތިކަން ގެނެސްދިނުން (ހަން، ނިޔަފަތި، އިސްތަށިގަނޑު).

2. ނަފްސާނީ ފައިދާތައް:

. މޫޑު ކޮންޓްރޯލް ކުރުމަށް އެހީތެރިވުން

. ސްޓްރެސް ކުޑަކުރުން.

. ނިދުމުގެ ފެންވަރު ރަނގަޅުވުން.

. ވިސްނުން ސާފުވެ ފޯކަސް އިތުރުވުން.

. ކުޅިވަރުކުޅުން އަދި އެހެނިހެން ޙަރަކާތްތަކުގައި ބައިވެރިވުމުގެ ޝައުޤު އިތުރުވުން.

3. ދިގުމުއްދަތުގެ ފައިދާތައް:

. އުމުރުން ދުވަސްވާހިނދުގައި ރަނގަޅު ޞިއްޙަތެއްގައި ދެމިހުރުން.

. ޚަރަދުތައް ކުޑަވުން (ހޮސްޕިޓަލް ބިލްތައް، ބޭސް، ޑޮކްޓަރަށް ދެއްކުން).

. ދިރިއުޅުމުގެ ފެންވަރު ރަނގަޅުވުން.

. ދިރިއުޅުމުގެ އެހެނިހެން ދާއިރާތަކަށް ހޭދަކުރާނެ ވަގުތާއި ހަކަތަ އިތުރުވުން.

 

ދުޅަހެޔޮކޮށް ކެއުމަކީ ކުރުމުއްދަތުގެ ޑައިޓެއް ނޫނެވެ. އެއީ ދިރިއުޅުމުގެ ވައްޓަފާޅިއެކެވެ. ވަގުތުން ނަތީޖާ ބޭނުންވާ ދުނިޔެއެއްގައި، ދުޅަހެޔޮ ކެއުމުގެ ޢާދަތަކަށް ބަދަލުވުމަކީ ކެތްތެރިކަމާއި ސާބިތުކަން ބޭނުންވާ ކަމެކެވެ. ނަމަވެސް، މިފަދަ ބަދަލުތަކަށް އަހުލުވެރިވުމުން ލިބޭ ދިގުމުއްދަތުގެ ފައިދާތަކަކީ އޭގެ އަގު ނުކުރެވޭނެހާ ބޮޑު އެއްޗެކެވެ.

ދުޅަހެޔޮކޮށް ކެއުމުގެ ޢާދަތަކަށް ފަށައިގަތުމަށް ވޭތުވެދިޔަ ކެއުމުގެ އާދަތަކަށް ކުށްވެރިނުވެ، ކުރިމަގަށް ރަނގަޅު ނިންމުންތައް ނިންމުމަށް ފަށައިގަންނާށެވެ. ޝައުޤުވެރިކަމާއެކު އާ ބާވަތްތައް ތަޖުރިބާކޮށް، ގުދުރަތީ އަދި އަސްލު ނުގެއްލޭ ކާނާއަށް އިސްކަންދީ، ހަށިގަނޑު ބޭނުންވާ ތަފާތު ބާވަތްތަކުގެ ކާނާ ލިބޭކަން ޔަޤީންކުރާށެވެ. މިފަދަ ކުދި ބަދަލުތަކުން، ދުވަހެއް ދުވަހަކަށް އަމިއްލަ ނަފްސަށް އިންވެސްޓް ކުރަމުން ގެންދިއުމުން ލިބޭ ފައިދާތައް އިތުރުވާނެއެވެ.

ހަނދާންކުރާށެވެ ތިމާ މިއަދު ކައިބޮއިހަދާގޮތަކީ މާދަމާގެ ތިމާއެވެ. ދުޅަހެޔޮ ކާނާ ކެއުމަކީ ތިމާއަށް ކޮށްދެވޭނެ އެންމެ ބޮޑު އަޅާލުމުގެ ހެޔޮކަމެވެ.