ރޮށި ނުކާ ދިވެހިން މަދުވާނެ ކަމާއި ދޭތެރޭ ޝައްކެއްނެތެވެ. ރިހައާއި މޮޑެގެން ރޮށި ކާން ލިބުމަކީ ދިވެހި ފިރިހެނުންނަށް ވަކިން ހާއްސަކޮށް އެފަދަ ދެވަނައެއް ނެތް ކެއުމެކެވެ. ތުނިކޮށް ފިހެފައި ހުންނަ ރޮށި ފިހާރަތަކުންނާއި ކެފޭތަކުން ހުސްނުވެ، ލިބެން ހުންނަކަމީ އަދިވެސް ދިވެހިންގެ ކެއުމުގައި ރޮށްޓަށް ދެވިފައިވާ ހާއްސަ މަގާމު ދޭހަވާ ކަމެކެވެ. ނަމަވެސް ގޮދަން ފުށުން ފިހާ ރޮށި އާދަވެގެން ކެއުމަކީ އެހާ ރަނގަޅު ކަމެއް ނޫން ކަމަށް ސިއްހީ މާހިރުން ލަފާދެއެވެ. ވީމާ، އަހަރެމެންގެ މި ލިޔުމުގައި މި ބަލާލަނީ ސިއްހަތަށް ފައިދާހުރި ތަރުކާރީތައް ހިމެނޭ ގޮތަށް ރޮށީގެ ފުށްގަނޑު ތައްޔާރުކުރެވޭނެ ބައެއް ގޮތްގޮތަށެވެ. 

ރަންގުމޫ ރޮށި 

ބީޓްރޫޓް (ރަންގުމޫ) އަކީ އޭގައި ވަރަށް ގިނަ ފައިދާތަކެއް އެކުލެވިގެންވާ ތަރުކާރީއެކެވެ. އެގޮތުން އޭގައި ހިމެނޭ ޑައިޓަރީ ނައިޓްރޭޓް ގެ ސަބަބުން ހަށިގަނޑުގެ ތެރޭގައި ލޭ ދައުރުވާ މިންވަރު އިތުރުކޮށްދެއެވެ. އަދި މިނޫންވެސް އެތައް ފައިދާއެއް ބީޓް ރޫޓް ނުވަތަ ރަންގުމޫ އިން ލިބެއެވެ. މި ތަރުކާރީ އެކި ގޮތްގޮތަށް އަހަރެމެންގެ ކެއުމުގައި ބޭނުން ކުރެވިދާނެއެވެ.

ބޭނުންވާތަކެތި

3 މޭޒުމަތީ ސަމްސާ ބީޓްރޫޓް ޕިއުރީ(އާވިން މަޑުކުރުމަށްފަހު)
ދެއިނގިލިކުރިން ހިފޭވަރުގެ މުގުރި ދިރި
6 މޭޒުމަތީ ސަމްސާ ގޮދަންފުށް
1/2 ސައިސަމްސާ ޒައިތޫނި ތެޔޮ


ތައްޔާރުކުރާނެ ގޮތް

ބީޓްރޫޓް ޕިއުރީ، ފުށް، ތެޔޮ އަދި ދިރިކޮޅު އެއްކޮށްލުމަށްފަހު ރަނގަޅަށް މޮޑެލާށެވެ. ފުއްގަނޑު މާ ހިކިނަމަ ފެންފޮދެއް އަޅާށެވެ. ފުއްގަނޑު ދިޔާވާނަމަ ކުޑަ ފުއްކޮޅެއް އޭގެ ތެރެއަށް އެއްކޮށްލާށެވެ. ރޮށި ފިހުމަށްޓަކައި ގުޅަވަށާލާލާފައި ތުނިކޮން ދެމުމަށްފަހު ރޮށި ފިހެލާށެވެ. 

ދަނޑި އަލުވި ރޮށި

ދަނޑި އަލުވި އަކީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް ހައްދަމުން ގެންދާ މިބާވަތަކީ ދުނިޔޭގެ 800 މިލިޔަން މީހުންގެ މައިގަނޑު ކާނާގެ ގޮތުގައި ހިމެނިފައިވާ ބާވަތެކެވެ. މިއީ ރާއްޖޭގައި ޒަމާނުއްސުރެ ހައްދާ، އަދި ކެއިންބުއިމުގައިވެސް ޑިމާންޑް ބޮޑު ބާވަތެކެވެ.

މި ރެސިޕީގައި ދަނޑިއަލުވީގެ ބަދަލުގައި ބަޓާނާވެސް ބޭނުންކުރެވިދާނެއެވެ. ދަނޑި އަލުވިއެކޭ އެއްގޮތަށް ބަޓާނާއަކީވެސް ރާއްޖޭގައި ތިޔާގިކޮށް ލިބެން ހުންނަ ފަލަމަޑީގެ ބާވަތެކެވެ. މަޑު ފޮނި ރަހައެއް ހުންނަ ބަޓާނާއަކީ ކުޑަކުދިންނަށް ކާންދޭންވެސް ޒަމާނުއްސުރެ ދިވެހިން ބޭނުންކުރަމުން އަންނަ އެއްޗެކެވެ.

 

ބޭނުންވާ ތަކެތި

50 ގ. ދަނޑި އަލުވި (ފެނުކައްކާ ގާނާފައި ހުރި)

60 ގ. އާޓާފުށް.

1 ގ. ރޯމިރުސް (ތުނިކޮށް ކޮށާފައި)

10 ގ. ފިޔާ(ގާނާފައިހުރި)

10 އެމްއެލް ލުނބޯ ހުތް

3 ގ. ހިކަނދިފަތް( ތުނިކޮށް ކޮށާފައި)

1/2 ގ. ލޮނު

ތައްޔާރުކުރާނެ ގޮތް

ފުށާއި އެއްކޮށް ހުރިހާ ބާވަތް މޮޑެފައި ކުޑަ ފެން ފޮދެއްވެސް އެއްކޮށްފައި ފުށްގަނޑު ދަމާލެވޭވަރަށް މޮޑެލާށެވެ. ދެން ކުދިކޮށް ގުޅަގުޅަ ކަނޑާފައި ރޮށި ދަމާ ގޮތަށް ދަމާފައި ރޮށި ފިހެލާށެވެ.