ރަމަޟާން މަހަކީ ދިވެހިންގެ ދިރިއުޅުމުގެ އާދަކާދަތަކަށް ވަގުތީ ބަދަލުތަކެއް އަންނަ މައްސަރެކެވެ. އުޅުމާއި ވައްޓަފާޅިއަށް މުހިންމު އިސްލާޙުތަކެއް ގެންނަ މަހެކެވެ. ނަމަވެސް މި ބަރަކާތްތެރި މައްސަރުގައި، ގިނަ ގޭބިސީތަކުގައި ކަރަންޓު ބިލު އިތުރުވުމުގެ ސަބަބުން މާލީ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހެއެވެ. ރޯދަޔަށް ތައްޔާރުވުމަށް ގިނަގުނަ ޚަރަދުތަކެއް ކޮށް، ބޮޑެތި ތައްޔާރީތައް ވަމުންދާއިރު، ކުރިމަތިލާންޖެހޭ އިތުރު ޚަރަދެއް ފެންމަތިވުމަކީ ކުރިމަތިވާ ދައްޗެކެވެ. އެހެންކަމުން، ރަމަޟާން މަހު ކަރަންޓު ބިލު އިތުރުވާ ސަބަބުތަކާއި، އޭގެ ސަބަބުން ގޭބިސީތަކަށް ކުރިމަތިވާ މާލީ ދަތިތަކުގެ އިތުރުން މި ޚަރަދުތައް ކުޑަކުރުމަށް އެޅިދާނެ ފިޔަވަޅުތަކުގެ މައްޗަށް ނަޒަރު ހިންގާލުން މުހިންމެވެ.

ރަމަޟާން މަހުގައި ކަރަންޓު ބިލު އިތުރުވާ ސަބަބުތައް:

1. ގޭގައި ހޭދަކުރާ ވަގުތު އިތުރުވުން

ރޯދަހިފުމާ ގުޅިގެން ގިނަ މީހުން އޮފީހަށް ދާ ގަޑި ލަސްވެ، އަވަހަށް އޮފީސް ނިންމާގޮތަށް ހަމަޖެހިފައި ހުރުމުން ގޭގައި ހޭދަކުރާ ވަގުތު އިތުރުވެއެވެ. ހަމައެހެންމެ، ސުކޫލު ކުދިންގެ ދަންފަޅިތައް އަވަހަށް ނިމި، އެކުދިންވެސް ގިނަ ވަގުތުތަކެއް ހޭދަކުރަނީ ގޭގައެވެ. ދިރާސާތަކުން ދައްކާގޮތުގައި، ރަމަޟާން މަހުގައި އެކި މީހުން ގޭގައި ހޭދަކުރާ ވަގުތު 30-20% އަށް އިތުރުވެއެވެ. މީގެ ސަބަބުން ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެއެވެ.

2. ފިނިކުރުމުގެ ސާމާނު ބޭނުންކުރުން އިތުރުވުން

ރޯދަ މަހާ ދިމާކޮށް ރާއްޖޭގައި މޫސުން ހޫނުވުމާއެކު، ގޭގައި ތިބޭ ވަގުތުތަކުގައި އެއަރކޯން ނުވަތަ ފަންކާ ފަދަ ފިނިކުރުމުގެ ސާމާނު ބޭނުންކުރުން އިތުރުވެއެވެ. ފަންކާއަށްވުރެވެސް ގިނައިން ބޭނުންކުރެވެނީ އޭސީއެވެ. މި ދެ ވަސީލަތް އަޅާކިޔާލާއިރުގައި، އޭސީއަކުން ގަޑިއިރަކު ގާތްގަނޑަކަށް 1200 ވޮޓްސްގެ ކަރަންޓު ބޭނުންކުރާއިރު، ސީލިންގ ފަންކާއަކުން ގަޑިއިރަކު ބޭނުން ކުރަނީ ހަމައެކަނި 60 ވޮޓްސްއެވެ. އެވްރެޖްކޮށް ގެއެއްގައި ދުވާލަކު 6-4 ގަޑިއިރު އިތުރަށް ފިނިކުރުމުގެ ސާމާނު ބޭނުންކުރާ ނަމަ، މީގެ ސަބަބުން ބިލަށް އިތުރުވާ ޚަރަދު 40-25% އާ ދެމެދަށް އަރައެވެ.

3. ރަމަޟާން މަހުގެ ރޭތަކުގައި ބޮކިތައް ދިއްލުން އިތުރުވުން

ރޭގަނޑު ތަރާވީޙަށް ދިއުމާއި، ޤިޔާމުއްލައިލް ނުވަތަ ދަމުނަމާދަށް ހޭލުމުގެ އިތުރުން، ހާރުކެއުމަށް ރޭގަނޑުގެ ގިނަ ވަގުތުތަކެއް އާދަޔާޚިލާާފަށް ހޭދަވެއެވެ. ނުނިދާ ހޭލާ ހުންނަ މި ވަގުތުތަކުގައި ބައްތި ނުވަތަ ބޮކިތައް ދިއްލަން ޖެހޭ ވަގުތު އިތުރުވެއެވެ. ޚާއްޞަކޮށް 10-7 ގަޑިއިރަށްވުރެ އިތުރަށް ލައިޓިންގ ސިސްޓަމް ބޭނުންކުރުމުން 20-15% ކަރަންޓް ބިލު އިތުރުވެއެވެ.

4. އިފްތާރަށް އަދި ސުހޫރަށް ކެއްކުން

ރަމަޟާން މަހުގައި ގިނަ ގޭބިސީތަކުން ޚާއްޞަ ކާނާތައް ތައްޔާރުކުރެއެވެ. އެވްރެޖްކޮށް އިފްތާރަށާއި ސުހޫރަށް ކެއްކުމުގައި ދުވާލަކު 3-2 ގަޑިއިރާ ހަމައަށް ކަރަންޓުގެ ވަސީލަތްތައް ބޭނުންކުރެވެއެވެ. އަވަނާއި މައިކްރޮވޭވްގެ އިތުރުން މިކްސަރ ފަދަ ވަސީލަތްތައް ވަރަށް ގިނައިން ބޭނުން ކުރެވެއެވެ. މިއީ އާންމު ދުވަސްތަކާ އަޅާބަލާއިރު ގާތްގަނޑަކަށް 50-35% އިތުރު ވަގުތެކެވެ. ކުރިން ފާހަގަ ކޮށްލެވުނު ވަސީލަތްތަކުގެ އިތުރުން ކަރަންޓު އުނދުނާއި ފެން ހޫނުކުރާ ސާމާނުފަދަ އެތައް ވަސީލަތެއް އެއްފަހަރާ ބޭނުންކުރުމުން، ކަރަންޓް ބޭނުންކުރެވޭ ޖުމްލަ މިންވަރު އިތުރުވެއެވެ.

5. އެހެނިހެން އިލެކްޓްރޯނިކް ސާމާނު ބޭނުންކުރުން އިތުރުވުން

ރޯދަމަހު ޓީވީ، ފޯން، ޓެބްލެޓް އަދި ކޮމްޕިއުޓަރގެ އިތުރުން ލެޕްޓޮޕް ފަދަ ސާމާނު ބޭނުންކުރާ ވަގުތު 60-40% އިތުރުވެއެވެ. ރޯދަ ކުރުކުރުމަށާއި، މުނިފޫހިފިލުވުމަށް މި ވަސީލަތްތައް ބޭނުންކުރުން އިތުރުވެ، އަދި ޗާޖުކުރަން ޖެހޭ މިންވަރު އިތުރުވުމާއެކު ޖުމްލަ ކަރަންޓުގެ ޚަރަދު މައްޗަށް ދެއެވެ. ރަމަޟާން މަހަށް ޚާއްސަކޮށްގެން ގެންނަ ތަފާތު އެކި ޕްރޮގްރާމްތަށް އިތުރުވުމުން ޓީވީ ބޭނުންކުރެވޭ މިންވަރު އިތުރުވެ، ރޯދަ ކުރުކުރާނެ ވަގުތު ހޭދަކުރުމަށް ފޯނާއި ޓެބްލެޓްގެ އިތުރުން ލެޕްޓޮޕްފަދަ ވަސީލަތްތައް ބޭނުން ކުރުމުން ކަރަންޓު ބިލަށް ބޮޑެތި ބަދަލުތައް އާދެއެވެ.

 

ގޭބިސީތަކަށް ކުރާ މާލީ އަސަރުތައް:

އެވްރެޖް ބިލްގެ މިންވަރު މައްޗަށް ދިއުން

ދިރާސާތަކުން ދައްކާގޮތުގައި ދިވެހިރާއްޖޭގައި ރަމަޟާން މަހު ގޭބިސީތަކުގެ ކަރަންޓު ބިލު އެވްރެޖްކޮށް 40-30% އިތުރުވެއެވެ. މިސާލަކަށް މަހެއްގެ މައްޗަށް 1,500 ރުފިޔާގެ ކަރަންޓު ބިލު އަންނަ ގެއެއްގައި މި އަދަދު 2,100-1,950 ރުފިޔާއަށް މައްޗަށް ދިއުން އެކަށީގެންވެއެވެ. މީގެ ސަބަބުން އަމިއްލަ ޖީބުން ބޭރުވާ ފައިސާގެ އަދަދު އެދަނީ ނުހަނު މައްޗަށެވެ.

ބަޖެޓްކުރުމުގެ ދަތިކަން

ރަމަޟާން މަހުގައި ކެއުމުގެ ޚަރަދު އިތުރުވުމާއެކު (އާންމުކޮށް 50-40% އިތުރުވޭ) ކަރަންޓު ބިލުގެ އިތުރުން އެހެނިހެން ޚަރަދު އުފުލުމަކީ ގިނަ ގޭބިސީތަކަށް ދަތިކަމަކަށް ވެއެވެ. ދިރާސާތަކުން ދައްކާގޮތުގައި، ދިވެހިރާއްޖޭގެ 40% ގޭބިސީތަކުން ރަމަޟާން މަހުގެ ޚަރަދުތައް ފޫބެއްދުމަށް ކްރެޑިޓް ކާޑު ނުވަތަ ލޯނު ނެގުމުގެ ފުރުޞަތު ބޮޑުވެއެވެ. އަތުގައި ހުންނަ ފައިސާއިން ހުރިހާ ޚަރަދެއް ފޫބެއްދުން އޮންނަނީ ބޮޑު ގޮންޖެހުމަކަށް ވެފައެވެ.

ރަމަޟާންމަހު ޚާއްޞަ ޚަރަދުތަކަށް ފައިސާ ލިބުން ދަތިވުން

ރަމަޟާން މަހަކީ ސަދަޤާތްކުރުމާއި، ރަޙްމަތްތެރިންނަށް ކެއުން-ބުއިމުގެ ހަދިޔާ ފޮނުވުމާއި ޢީދަށް ތައްޔާރުވުމުގެ އިތުރުން ފިޠުރު ޒަކާތް ދެއްކުން ފަދަ އިތުރު ޚަރަދުތައް ގިނަވާ މައްސަރެކެވެ. ނަމަވެސް ކަރަންޓު ބިލަށްވެސް ފައިސާ ޚަރަދުކުރަން ޖެހުމުން، ދީނީގޮތުން ނުވަތަ ސަގާފީގޮތުން މުހިންމު ޚަރަދުތަކަށް ކުރާ ހޭދަ ކުޑަކުރަން ޖެހުމުގެ ފުރުޞަތު އޮވެއެވެ.

ދިގު މުއްދަތުގެ ފައިނޭންޝަލް ޕްލޭންތަކަށް ހުރަސްއެޅުން

ގިނަ ފަރުދުންނާއި ގޭބިސީތަކުން ރަމަޟާން މަހަށްފަހު އަންނަ މަސްތަކުގައި ކުރަން ރާވާފައިހުންނަ ކަންކަން، ރަމަޟާން މަހުގެ ޚަރަދުތައް އިތުރުވުމާއެކު ފަސްކުރަން ނުވަތަ ދޫކޮށްލަން ޖެހިދާނެއެވެ. އޭގެތެރެއިން، ދަތުރުފަތުރާއި ތަޢުލީމީ ޚަރަދުތައް ނުވަތަ ވިޔަފާރިތަކާއި އިންވެސްޓްމެންޓްތައް ފަދަ ކަންކަމަށް ބުރުއަރައެވެ. މިއީ ދިގު މުއްދަތުގައި މާލީ ދުޅަހެޔޮކަމަށް އަސަރުކުރާނެ ކަމެކެވެ.

 

މާލީ ދަތިކަމުން އަރައިގަތުމަށް އެޅިދާނެ ފިޔަވަޅުތައް:

ރަމަޟާން މަހަށް ބަޖެޓް ތައްޔާރުކުރުން

ރަމަޟާން މަސް ފެށުމުގެ 2-1 މަސް ކުރިން، އިތުރުވާނެ ޚަރަދުތަކަށް މަހުން މަހަށް ފައިސާ ރައްކާކުރަން ފަށައި، ރަމަޟާން މަހުގެ ޚަރަދުތަކަށް ވަކި ބަޖެޓެއް ކަނޑައެޅުން މުހިންމެވެ. އާމްދަނީގެ 5% ރަމަޟާން މަހުގެ އިތުރު ޚަރަދުތަކަށް ރައްކާކުރުމުން، ބިލްތައް ދެއްކުމަށާއި އެހެނިހެން ޚަރަދުތައް ފޫބެއްދުމަށް ލުޔެއް ލިބޭނެއެވެ. އެކަމުގެ ސަބަބުން މާލީ ގޮތުން ކުރިމަތިވާ ދަތިކަން ކުޑަވާނެއެވެ.

ޕޭމަންޓް ޕްލޭންތައް ބޭނުންކުރުން

ކަރަންޓު ބިލު ދައްކަން ދަތިވާ ފަރާތްތަކަށް ޔުޓިލިޓީ ކުންފުނިތަކުން ފޯރުކޮށްދޭ ފަސޭހަ ޕޭމަންޓް ޕްލޭންތައް ބޭނުންކުރެވިދާނެއެވެ. ބައެއް ކުންފުނިތަކުން ރަމަޟާން މަހުގެ ބިލް ބައިކޮށް ދެއްކޭނެ އިންތިޒާމް ހަމަޖައްސައިދޭ ފަހަރުވެސް ހުރެއެވެ. މިފަދަ މަގެއް އިޚްތިޔާރު ކުރުމުން އެއްފަހަރާ ގިނަ އަދަދެއްގެ ފައިސާ ހަމައެކަނި ކަރަންޓުބިލަށް ހޭދަނުކޮށް މަޑުކޮށްލެވޭނެއެވެ.

އިސްރާފް ކުޑަކުރުން

ރަމަޟާން މަހުގައި ގިނަ މިންވަރަށް ކާނާ ތައްޔާރުކުރުމުގެ ބަދަލުގައި، ބޭނުންވާވަރަށް ކެއްކުމާއި، ގިނައިން ކައްކާނަމަ އެކީ އެއްފަހަރާ ކެއްކުމާއި، ކަރަންޓް ސަލާމަތްކުރެވޭނެ ގޮތްތަކަށް ސަމާލުވުން މުހިންމެވެ. ބޮކިތައް ބޭނުންނުކުރާ ވަގުތު ނިއްވާލުމާއި، ކަރަންޓު ހަކަތަ ސަލާމަތްކުރާ ވަސީލަތްތައް ބޭނުންކުރުން ފަދަ ކަންކަމަށް އަހުލުވެރިވުން މުހިންމެވެ. ހަމައެހެންމެ، މަދުން ކަރަންޓު ބޭނުންކުރާ ކަހަލަ ބޮކިތައް ބޭނުންކޮށް، ވީވަރަކުން އެއަރކޯންގެ ބަދަލުގައި ފަންކާ ބޭނުންކުރުމުގެ އިތުރުން އިލެކްޓްރޯނިކް ވަސީލަތްތައް އޯވަރ ޗާރޖުކޮށް އިސްރާފުކުރުމުން ދުރުހެލިވުމަކީ ކުރެވިދާނެ ކަންކަމެވެ.

ގްރޫޕް އިފްތާރުތައް ރޭވުން

ރަމަޟާން މަހުގައި ރައްޓެހިންނާއި ޢާއިލާގެ މެދުގައި އިފްތާރުތައް ތައްޔާރުކޮށް، ކެއްކުމުގެ ޚަރަދާއި ކަރަންޓުގެ ޚަރަދު ހިއްސާކުރެވިދާނެއެވެ. މިގޮތުން ހަފްތާގެ ވަކި ދުވަހެއް ނުވަތަ ދެދުވަހެއް ގޭގައި އިފްތާރު ތައްޔާރުކުރުމަށް ކަނޑައަޅައި، އެހެން ދުވަސްތަކުގައި އެހެން ގެއަކަށް ނުވަތަ ރެސްޓޯރަންޓަކަށް ދިއުމަށް ރޭވިދާނެއެވެ.

ހަކަތަ ސަލާމަތްކުރާ ވަސީލަތްތަކަށް އިންވެސްޓްކުރުން

ރަމަޟާން މަހުގެ ކުރިން ނުވަތަ ރަމަޟާން މަހުން ފެށިގެން އެލްއީޑީ ބޮކިތަކާއި ޓައިމަރުތައް އަދި ކަރަންޓް ސަލާމަތްކުރާ އެހެނިހެން ސާމާނު ގަތުމަށް އިންވެސްޓްކުރުން މުހިންމެވެ. ފުރަތަމަ ގަތުމަށް ޚަރަދު ބޮޑުވިނަމަވެސް، ދިގު މުއްދަތެއްގައި ލިބޭ ފައިދާ ބޮޑުވާނެއެވެ. އެއީ އެފަދަ ވަސީލަތްތަކުން ކަރަންޓު ބޭނުންކުރާ މިންވަރު މަދުވުމުން، ކަރަންޓު ބިލު ބޮޑުވިޔަކަ ނުދީ ހިފެހެއްޓުމަށް މަގުފަހު ކުރުވާތީއެވެ. އެހެންކަމުން ކޮންމެ މަހަކު އަތުން ހޭދަކުރަންޖެހޭ ފައިސާ މަދުކުރެވޭނެއެވެ.

ރަމަޟާން މަހަކީ އުފާވެރިކަމާއެކު ފާހަގަކުރާ މައްސަރަކަށް ވާންވާނެއެވެ. ނަމަވެސް ކަރަންޓު ބިލުގެ ސަބަބުން ދިމާވާ މާލީ ދަތިތަކަކީ ގިނަ ގޭބިސީތަކަށް ކުރިމަތިވާ ހިތްދަތިކަމެކެވެ. ހިތް ނުތަނަވަސްކަމަކާއި ގޮންޖެހުމެކެވެ. ރަނގަޅަށް ޕްލޭންކޮށް ކަންކަން ރާވާ، އިސްރާފުކުރުން ކުޑަކުރުމުގެ އިތުރުން ހަކަތަ ސަލާމަތްކުރުމުގެ ވިސްނުން ބަހައްޓައިގެން ރަމަޟާން މަހުގެ ރޫޙާނީ ފައިދާތަކާއެކު މާލީ ބުރަ ކުޑަކުރެވިދާނެއެވެ. މާލީ ޚަރަދުތަކާމެދު ވިސްނަންޖެހޭ މިންވަރު މަދުވެފައި، ރަމަޟާން މަހުގެ މާތްކަމާއި މަތިވެރިކަން ޙާސިލްކުރުމަށް އަޅުކަމުގައި އަވަދިނެތި އުޅުމަށް މަގުފަހިވާނީ އޭރުންނެވެ. މިފަދަ ފިޔަވަޅުތަކުން މުޅި އާއިލާއާއި މުޖުތަމަޢުއަށް ރަމަޟާން މަހުގެ އުފާވެރިކަން ފުރިހަމައަށް އިޙްސާސްކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.