ތަފާތު އެކި އެކި ކަންކަމަށް ތަފާތު އެކި އެކި ބުއިންތައް ތައްޔާރުކުރެވި ބޭނުންކުރެވެމުން ދެއެވެ. އެގޮތުން މި ލިޔުމުގައި މި ބަލާލަނީ، ލޭހޮޅިތަކުގެ ސިއްހަތާއި ލޭގެ ޕްރެޝަރު ރަނގަޅު މިންގަނޑެއްގައި ބެހެއްޓުމަށް އެހީވެދޭ ގުދުރަތީ ބުއިމެއް ތައްޔާރުކުރާނެ ގޮތެވެ. މި ބުއިމުގައި ހިމެނޭ މައިގަނޑު ބާވަތްތަކަކީ ލޮނުމެދު، ލުނބޯ އަދި އެޕަލް ސައިޑަރ ވިނެގަރއެވެ.
ލޮނުމެދުގައި އެކުލެވޭ އެލިސިންގެ ސަބަބުން ކޮލެސްޓްރޯލް ދަށްކޮށް، ލޭގެ ޕްރެޝަރު ކޮންޓްރޯލްކޮށް، އަދި ހަށިގަނޑުގެ ރިހުންތައް ކުޑަކުރެއެވެ. ލުނބޯގައި ހިމެނޭ ވިޓަމިން ސީ އާއި އެންޓިއޮކްސިޑެންޓްސްގެ ސަބަބުން ލޭހޮޅިތައް ސާފުކޮށް ރައްކާތެރިކުރެއެވެ. އެޕަލް ސައިޑަރ ވިނެގަރއިން ކޮލެސްޓްރޯލް ހަމަމިންގަނޑެއްގައި ބަހައްޓައި، ކާތަކެތި ހަޖަމުކުރުމަށް އެހީވެދީ، ހަށިގަނޑުގައި ހުންނަ ވިހަ މާއްދާތައް ބޭރުކުރުމަށް މަގުފަހިކޮށްދެއެވެ.
މި ބުއިން ތައްޔާރުކުރުމަށް ބޭނުންވަނީ އެއް ތަށި ފެނާއި، އެއް ލޮނުމެދު ފަޅި (ޗަސްކޮށްލާފައި ނުވަތަ ކުދިކޮށް ކޮށައިލާފައި)، އެއް ލުނބޮލުގެ ހުތް، އެއް މޭޒުމަތީ ސަމުސާ އެޕަލް ސައިޑަރ ވިނެގަރ އަދި އިޚްތިޔާރީ ރަހައެއްގެ ގޮތުން، އެއް ސަމުސާ މާމުއިއެވެ. ތައްޔާރުކުރުމަށްޓަކައި މި ހުރިހާ އެއްޗެއް ތަށްޓަކަށް އަޅައި، ރަހަތައް އެއްވުމަށް 5 މިނެޓު ބަހައްޓަންވާނެއެވެ. އެންމެ ރަނގަޅު ނަތީޖާ ހޯދުމަށް މި ބުއިން ކޮންމެ ދުވަހަކު ހުސްބަނޑައި ބޯން އެދެވިގެންވެއެވެ.
މި ބުއިމުގެ މައިގަނޑު ފައިދާތަކުގެ ތެރޭގައި ލޭހޮޅިތަކުގައި ޖަމާވެފައިވާ ސަރުބީފަދަ ތަކެތި ނައްތާލައި ލޭ ދައުރުވުން ރަނގަޅުކުރުމާއި، ލޭގެ ޕްރެޝަރު އެކަށީގެންވާ މިންވަރެއްގައި ބެހެއްޓުމާއި، ނުބައި ކޮލެސްޓްރޯލް ދަށްކުރުން ހިމެނެއެވެ. މީގެއިތުރުން، ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކޮށް، އިންފްލަމޭޝަން އަދި އިންފެކްޝަންތަކާ ދެކޮޅަށް މަސައްކަތްކުރުމާއެކު، ހަށިގަނޑުން ވިހަތަކެތި ބޭރުކޮށް ސާފުކުރުމަށްވެސް އެހީތެރިވެދެއެވެ. އެކިކަހަލަ ކެމިކަލްތައް ބޭނުންކޮށްގެން ތައްޔާރުކޮށްފައި ހުންނަ ބޭސްބޭހަށްވުރެ، މިފަދަ ޤުދުރަތީ ފަރުވާތަކަކީ މޮޅު އަދި އިތުބާރުކުރަން ފަސޭހަ ފަރުވާތަކެކެވެ. ނަމަވެސް މި ދަންނަވަނީ ޑަކްޓަރީ ބޭސް ބޭނުން ނުކުރާ ވާހަކައެއް ނޫނެވެ. ޑަކްޓަރަކު ބޭހެއް ދީފައިވާނަމަ ބޭނުންކުރަން ވާނެއެވެ. ބޭހެއް ބޭނުން ނުކުރާނަމަ، މި ބުއިމަކީ ކޮލެސްޓްރޯލާއި، ލޭމައްޗަށް ދިއުމާއި، އަދިވެސް ލޭހޮޅިތަކަށް ޖެހޭ އެކިކަހަލަ ބަލިތަކުން އިންސާނާ ދުރުކޮށްދޭނެ ބުއިމެކެވެ. އިންޝާ ﷲ!
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން