ހަރުކަށި ފިކުރު، މީހުންނަށް ފުރައްސާރަކުރުން، ނުފޫޒުން ކުރިއެރުން ހޯދުން، ހަށިވިއްކުން، މިއީ އޭނާއާއި ބެހޭގޮތުން ދެކެވޭ ވާހަކަތަކެވެ. މިއީ މަރްޔަމް ޝިއުނާ، ނުވަތަ އެންމެން ދަންނަ ނަމުންނަމަ، ނަންނައާއި ބެހޭގޮތުން މީސް މީޑިއާގައި އެއްބަޔަކު ފަތުރަމުންދާ ވާހަކަތަކެކެވެ. ސޯޝަލް މީޑިއާގައި ފެތުރޭ މި ވާހަކަތަކަށް ރައްދުގައި ޖަވާބުދީދީ، ނަންނަގެ ނަން މަޝްހޫރުވިޔަސް، އޭނާގެ ވާހަކަތަކަށް ދޭ ބީރުކަންފަތް މިއީ އިންސާފެއްބާއެވެ؟

ނަންނައަކީ ކާކު؟

ގިނަބަޔަކު އޭނާ ދަންނަން ފެށީ ނޫސްވެރިކަމުގެ ދާއިރާގައި ޙަރަކާތްތެރިވި ހީވާގި ޖެހިލުންކުޑަ ނޫސްވެރިއެއްގެ ގޮތުގައެވެ. އެއަށްފަހު ޕީޕީއެމް/ ޕީއެންސީ އެކްޓިވިސްޓެއްގެ ގޮތުގައެވެ. ޔޫތް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ ގޮތުގައެވެ. މާލެ ސިޓީ ކައުންސިލުގެ ކުރީގެ މީޑިއާ އޮފިސަރުގެ ގޮތުގައެވެ. ނަމަވެސް، މި ހުރިހާ މަގާމުތަކުގެ ބަދަލުގައި ނަންނައާއިއެކީ މަސައްކަތްކުރި ގިނަ ބަޔަކު އޭނާ ސިފަކުރަނީ މުޅިން ތަފާތު ގޮތަކަށެވެ. "ހިތްވަރު ގަދަ، މަސައްކަތަށް ކުޅަދާނަ، އަޑު އުފަލަން ކެރޭ، އަމިއްލަ ފައި މައްޗަށް ކޮޅަށް ތެދުވެހުރި އަންހެނެއް"، މިއީ ނަންނައާއިއެކީ މަސައްކަތްކުރި ގިނަ ނޫސްވެރިން "ތީރު" އަށް އޭނާ ސިފަކޮށްދީފައިވާ ލަފްޒުތަކެވެ. އެމީހުން ބުނާގޮތުންނަމަ ނަންނައަކީ އިޖުތިމާއީ ކަންކަމަށް އިންގިލާބު ގެނެސްދޭން މަސައްކަތްކުރި ނޫސްވެރިޔެކެވެ. އަދި ނޫސްވެރިކަމުގައި މިދިޔަ 5 އަހަރު ސަރުކާރު ޖަވާބުދާރީ ކުރުވުމާއި، މުއައްސަސާތަކުން ރައްޔިތުން ޖަވާބުބޭނުންވި ގިނަ ސުވާލުތަކަކަށް އޭނާވަނީ ޖަވާބު ހޯދައިދީފައެވެ. ނަންނަ ބުނިގޮތުގައި ކުރީގެ ސަރުކާރެއްގައި އޭނާގެ ޟަމީރު ގަބޫލުނުކުރާ ކަންތައްތައް ހިނގައިދިޔައެވެ.

ޖެހިލުންކުޑަ ކަމާއެކު ނޫސްވެރިންގެ ބައްދަލުވުންތަކުގައި އަދި މުއައްސަސާތަކުގެ މީޑިއާ ގްރޫޕްތަކުގައި ސުވާލުތައްކޮށް އޭގެ ޖަވާބު ލިބެންދެން ހިފަހައްޓާލި ނޫސްވެރިއެކެވެ. ނަންނަ ވަނީ ދިޓީވީ، ވީޓީވީ، ދިވެހި ޗެނެލްއާއި ސަންގުޓީވީ، ބޮންތި، އަދި ވޮއިސް ނޫހުގައިވެސް ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކޮށްފައެވެ. މި ކިޔާދިނީ ނަންނަގެ ޕްރޮފެޝަނަލް ހަޔާތުގެ ކުޑަ ތައާރަފެކެވެ. އޭވިއޭޝަން ދާއިރާއިން ތައުލީމު ހާސިލުކޮށްގެން ހުރިނަމަވެސް ކުރިއަށްދާން ބޭނުންވީ މީޑިއާ ދާއިރާއިންނެވެ. މިވަގުތު އެމްއޭސީއެލްގެ މީޑިއާ ލިއެއިޒަން އެކްޒެކްޓިވް ގެ މަޤާމުގައި މަސައްކަތްކުރާ ނަންނައަކީ އުމުރުން 10 އަހަރުގެ ފިރިހެންކުއްޖެއްގެ މަންމައެކެވެ. އެކަނިވެރި މަޔަކަށް ވުމުގެ ޒިންމާ އުފުލަމުންދާ މީހެއްގެ ހައިސިއްޔަތުން ނަންނަ ދަނީ އެންޖީއޯތަކަށްވެސް އެހީވަމުންނެވެ. އޭނާގެ މަސައްކަތްތައް އަހަރެމެންނާއި ހަމައަށް އައީ ނަންނަގެ ދުލުންނެއް ނޫނެވެ. ނަންނަ ވަނީ އަތޮޅުތެރެއިން ހާލުގައި ޖެހުނު އެކަނިވެރި މަންމައަކާއި އޭނާގެ ދަރިންނަށް ވަގުތީ ބޯހިޔާވަހިކަންވެސް ހޯދާދީފައެވެ. މީގެ އިތުރުން ކޮވިޑްގެ ދުވަސްވަރުގައި އެކަނިވެރި މައިންގެ ވައިބާ ގްރޫޕެއް ހަދާ އެލަވަންސް ލިބުމުގައި ދަތިވާ އެތައް މަންމައިންނަށް އޭނާ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

 ޝިއުނާ އޭނާގެ ދަރިފުޅާއި އަދި ގާތް ރަޙުމަތްތެރިއަކާއި އެކުގައި---ފޮޓޯ: ޝިއުނާ 

ފުރައްސާރައާއި އެތަކެއް ހިރާސްތަކުން ފުރިފައިވާ ހަޔާތުގެ ދަތުރުގައި ނަންނައަށްވެސް ބައެއްފަހަރު އެއްބަޔަކު ގަޔާނުވާ ބައެއް އެއްޗެހި ބުނެވިފައި ވެއެވެ. ހޫނު ފެނަށް ވެއްޓޭ ފަހަރު އާދެއެވެ. އެކަންތައްތަކަށް މައާފަށް އެދުނު ނަމަވެސް، އޭނާއަށް ފާޑުކިޔާ ފަރާތްތަކުގެ ދޫތަކުން ނަންނައަށް މިންޖުވާނެ ދުވަހެއް ނާންނާނެ ކަމަށް އޭނާ ގަބޫލުކުރެއެވެ. ހަވީރުގެ ސާދާ އަލިގަނޑުގެ ތެރެއިން ނަންނަގެ މޫނުމަތިން ރީތި ހިނިތުންވުމެއް ފެނުނަސް، އެ ހިނިތުންވުމުގެ ފަހަތުގައި އެތަކެއް ވާހަކަތަކެއް ހުރިހެން ހީވެގެން، އެ ވާހަކަތައް ދެނެގަތުމަށް އަހަރެމެން މަސައްކަތްކުރީމެވެ. 

މަޝްހޫރުކަމުގެ ފެށުން

ނަންނަ އާންމުންގެ ތެރޭގައި އެންމެ ފުރަތަމަ މަޝްހޫރުކަން ހޯދީ ލަވަކިޔުމާއި، މޮޑެލިންގެ ދާއިރާއިންނެވެ. ނަމަވެސް ފަހުން އެހުރިހާ ކަމެއް ދޫކޮށް، ދިރިއުޅުމަށް ބޮޑު ބަދަލެއް ގެނައި ކަމަށް ނަންނަ ބުނެފައި ވެއެވެ. އަދި އޭރު އެކަން ކުރެވުނީތީ މިއަދު ހިތާމަ ކުރާ ކަމަށާއި، އޭރުގެ ލަވަތަކާއި، ފޮޓޯތައް ސޯޝަލްމީޑިއާގައި ނުފެތުރުމަށް އެދިފައިވެއެވެ.

 އުމުރުން 16 އަހަރުން ފެށިގެން ސިޔާސީ ދާއިރާއަށް އައި ބަދަލުތައް ޝައުގާއިއެކު ނަންނަގެ ތައުލީމީ ހަޔާތުން ފެށިގެން ގާތުން ބަލާފައި ވެއެވެ. އޭރު ގެނައި ބަދަލުތައް ކަމުނުދާތީ، އެހާ ހިސާބުން އޭނާގެ ސިޔާސީ ކެރިއާގެ ބިންގާ، ނަންނަ އަޅަން ފެށިއެވެ. އޭރު މުޒާހަރާތަކުން ނުފެނުނަސް، ޑީއާރްޕީގެ ޖަލްސާތަކަށް މަންމައާއެކު މަދުމަދުން ދާންފެށިއެވެ. ހިޔާލު ފާޅުކުރުމުގެ ޝުއޫރުތައް ފަހުން އެކްޓިވިޒަމަށް ބަދަލުވެގެންދިޔައެވެ. އެހެނަސް، ޓްވިޓާގައި އޭނާއާއި ހިޔާލުތަފާތުވާ އިދިކޮޅު ފަރާތްތައްވެސް އޭނާއަށް އިހުތިރާމްކުރާ ކަމަށް ނަންނަ ގަބޫލުކުރެއެވެ. ނަންނަ ސިފަކުރިގޮތުގައި މުސްލިމަކަށްވުމުން ދިވެހިންނަކީ އެކަކު އަނެކަކާއި ހިޔާލުތަފާތުވިޔަސް އެއްބައިވަންތަ ބައެއްކަން އޭގެއިން ދޭހަ ވެއެވެ. 

"އެކަމަކު ނޫސްވެރިކަމުގައި ލިޔާ ލިޔުމަކު ސިޔާސީ އެއްވެސް ކަމެއް ނުފެންނާނެ. އިޖުތިމާއީ ދާއިރާއިންވެސް ނޫސްވެރިކަންކުރިން. އާންމު ރައްޔިތުންގެ ތަކުލީފާއި ދޭތެރޭ އޭރުވެސް މިހާރުވެސް ވިސްނަން. މިހާރުވެސް ހޮބީއަކީ މީޑިއާގެ ދާއިރާ. މީޑިއާގެ ދާއިރާއިން މިހާރުވެސް ކިޔަވަމުން މިދަނީ" މީޑިއާގެ ވާހަކަ ދެއްކުމުން ނަންނަ ޝައުގުވެރިކަމާއިއެކު ބުނެދީފައި ވެއެވެ. 

ދިމާވި ހާދިސާއަކަށްފަހު ބޮޑު ބަދަލެއް

2022 ވަނަ އަހަރުގެ ޖުލައި މަސް ތެރޭގައި ނަންނަގެ ދިރިއުޅުމަށް ބޮޑު ލޮޅުމެއް އައި ވާހަކަ ނަންނަ ކިޔާދިނީ ޖެހިލުންވުމެއްނެތިއެވެ. ކަރުނަތައް ހިފަހައްޓާލަމުން އޭނާ ކިޔާދިން ގޮތުގައި އެ އަހަރު އޭނާ ވަނީ ނުރައްކާތެރި އެކްސިޑެންޓެއްގެ ޝިކާރައަކަށް ވެފައެވެ. އެހާދިސާގައި ނަންނައަށް ބޮޑު ގެއްލުމެއް ލިބުނެވެ. އެތަކެއް ދުވަހެއް ވަންދެން އޭނާގެ އުނަގަނޑުންތިރި ޙަރަކާތްހުސްވެ އެނދުމަތިވިއެވެ. އެހާލަތުގެ ސަބަބުން އޭނާގެ ފައި އަލުން ހަރަކާތްތެރިވުމުގެ އުންމީދެއް ނެތް ކަމަށް ޑޮކްޓަރުން ބުންޏެވެ. ދިމާވި މި ހާދިސާއަށްފަހު ނަންނަ ބުނީ އޭނާއަށް ހެއްދެވި ފަރާތާއި އޮންނަ ގުޅުން ހަރުދަނާކުރެވުނު ކަމަށެވެ. އަދި ތައުބާވެ، ދިރިއުޅުން އަލުން އާރާސްތު ކުރުމަށް ދީނުން ހިތްވަރު ހޯދުނު ކަމަށް ނަންނަ ކިޔާދީފައި ވެއެވެ. އެތައް ޢިލްމުވެރިންގެ ހެޔޮ ނަޞޭޙަތާއި ހެޔޮ ދުޢާ ލިބުނުކަމަށް ބުންޏެވެ. ނަންނަ ބުނީ އެކަނިވެރި މައެއްގެ ގޮތުގައި މަސައްކަތްކުރަމުންދަނިކޮށް އެނދުމަތިވުމުން މީހާއަށް ބޮޑު ގޮންޖެހުމެއް ކުރިމަތިވި ކަމަށެވެ. އެކަމުން އަރައިގަތުމުގައި އޭނާގެ މަންމައާއި އާއިލާގެ އެހީތެރިކަން ނަންނަ ހަނދާންކޮށްފައި ވެއެވެ. 

"އެއީ ފިލާވަޅެއް ކަމަށް ވިސްނީ ދުނިޔޭގައި ހުރެގެން ހެޔޮ ކަންތައްތައް ކުރަން. ދެވަނަ ފަހަރަށް ދުނިޔޭގައި ގަދަވެ ސަލާމަތުން ހުރުމުގެ ނަސީބު މިންވަރުކުރެއްވުމުން ބޭނުންވީ ތައުބާވެ، އައުރަނިވާކޮށްގެން ހުންނަން. ކުއްލިއަކަށް މި ގެނައި ބަދަލު ވަރަށް ގިނަ ބަޔަކު ބަލައިގަތް. ނަމަވެސް ފާޑުކިޔާމީހުން ވަރަށް ގޯސްކޮށް ލޭބަލްކުރި ކަޅު ހެދުންލާތީ އެކްސްޓްރީމިސްޓެއްގެ ގޮތަށް. އެގޮތަށް ލޭބަލްކުރިޔަސް އަޅުގަނޑަކީ ހަރުކަށިފިކުރުގެ މީހެއް ނޫން. އެކަމަކު ޙިޖާބު ނުވާއިރުވެސް މިއަދުވެސް އިސްލާމްދީނަށް ފުރައްސާރަ ކުރާ މީހުންނަށް ރައްދުދީ އިސްލާމްދީނުގެ ދިފާޢުގައި ޢިލްމުވެރިންގެ ދިފާޢުގައި އަދި ފުރައްސާރަ ކުރުމާއި ދެކޮޅަށް އަބަދުވެސް ވަކާލާތުކުރަން.

 

ނަންނަ އޭނާގެ މަންމައާއެކު 

 

ގިނަ ބަޔަކަށް ނޭނގުނަސް، ނަންނަ އަދިވެސް ދަނީ އޭނާއަށް ލިބުނު އެކްސިޑެންޓްގެ އަނިޔާތައް ތަހައްމަލުކުރަމުންނެވެ. ނަންނަގެ ހަޔާތުގެ ބައިވެރިޔާއާއި ބެހޭގޮތުން ސުވާލުކުރުމުން އޭނާ ބުނީ  އޭނާ ކައިވެންޏެއް ނުކޮށް އުޅޭތާ މިހާރު 10 އަހަރު ވެދާނެ ކަމަށެވެ. 

"ކޮންމެ މީހަކުވެސް ވިސްނާނެ ޒަވާޖީ ހަޔާތެއް ފަށަން. އެކަމަކު އެމީހަކަށް އޮވެދާނެ ވަރަށް ބޮޑު މަޖުބޫރުކަމެއް ކައިވެންޏެއް ނުކުރެވުމުގެ. އިންޝާﷲ ރަނގަޅު ބައިވެރިއެއް ލިބުމުން ކައިވެނިކުރާނަން" 

 

ދޮގު އަނދަވަޅަކަށް ވެއްޓުން

ނަންނަ ބުނީ އޭނާގެ ސިޔާސީ ފިކުރިއްޔާތާއި ގުޅިގެން ފާޑުކިޔުންތައް އަމާޒުވާ ކަމަށެވެ. ނަމަވެސް މުޖުތަމައު ތެރޭގައި އޭނާއާއި ބެހޭގޮތުން ފެތުރި ވަރަށް ބޮޑު ދޮގެއްގެ ސަބަބުން އޭނާއާއި އާއިލާއަށް ވަރަށް ނޭދެވޭ އަސަރު ކުރިއެވެ. އެވާހަކަ ފެތުރި ދުވަސްވަރު ނަންނަ އިނީވެސް އޭނާގެ ހުރި ހަމައެކަނި ދަރިފުޅަށް ބަލިވެއެވެ. ނަންނަ ބުނީ މި ހާދިސާ ހިނގީ 2013 ވަނަ އަހަރު ކަމަށާއި އެ ހާދިސާގެ މަޢުލޫމާތު އޭނާއަށްވެސް އެނގޭ ކަމަށެވެ. މި ހާދިސާގައި އަންހެނަކު ދަންވަރު ގަޑީގައި ބަރަހަނާ ހާލުގައި ކާރެއްގެ މައްޗަށް ވެއްޓޭ މަންޒަރު ދައްކާ ވީޑިއޯއެއް ނަގާފައި ވެއެވެ. އެއީ ނަންނަ ކަމަށްބުނެ އަބުރުކަތިލަމުންދާތީ ދިފާއުގައި ނަންނަ ބުނީ މި ވާހަކައިގެ ހަގީގަތް ފުލުހުންގެ އިދާރާއާއި އައިޖީއެމްއެޗްގައި ރިކޯޑް ކުރެވިފައިވާނެ ކަމަށެވެ.  

"ކަމާއި ނުވެސް ގުޅޭ މީހެއްގެ މުޅި ދިރިއުޅުމާއި ކުޅެލި ވާހަކައެއް. މުޅި އާއިލާއާއި އަޅުގަނޑު ނަފްސާނީ އަސަރު ކުރި ބުހުތާނުދޮގެއް. އިމާރާތެއްގެ މަތިން އަންހެނަކު ވެއްޓޭ ވީޑިއޯއެއް ލައިގެން އެއީ އަޅުގަނޑު ކަމަށް ބުނެ ފެތުރި ފެތުރުން އަޅުގަނޑު ހަމަ މާތް ﷲ ގަންދީ ހުވާކޮށްފައި މިހާރުވެސް ބުނަން އެއީ އަޅުގަނޑެއް ނޫނޭ. އެބަޔަކު އެވާހަކަ ފަތުރާފަ ފަހުން މައާފަށްވެސް އެދުނު. އެކަމަކު އޭރު އެއޮތީ އަބުރު ކަތިލެވިފަތާ. މި ވާހަކަތައް އަދިވެސް ބަޔަކު ގަބޫލުކުރޭ. ސިޔާސީ ބައެއް މީހުން ޗެނަލް13 އިން ބްރޯޑްކާސްޓްކުރި ޕްރޮގްރާމެއްގައިވެސް މިވާހަކަ މި މޭރުމުން ދެއްކި. އަދިވެސް ބަޔަކު އެބަ އަހާ ކަލޭހޭ ބަރަހަނާ ހާލުގައި ވެއްޓުނީ" ނަންނަ ބުނީ އެތައް ފަހަރުމަތިން އަމާޒުވި އެ ސުވާލަށް ސާބިތުކަމާއިއެކީ ޖަވާބުދެމުންދާ ކަމަށެވެ. 

އަންހެނަކަށްވީތީ ނިމުމެއްނެތް ފުރައްސާރަ

ނަންނައާއި ބެހޭގޮތުން ދެކެވޭ ވާހަކަތަކުގެ ތެރެއިން އޭނާއަށް އެންމެ އުނދަގޫވާ އެއް ކަމަކީ އެކި މަގާމުގެ ސިޔާސީ މީހުންނާއި އަޅުވާކިޔުމާއި ބަދުއަހްލާގީ މީހެއްގެ ގޮތުގައި ސިފަކުރުމުގެ މައްސަލައެވެ. ނަންނަގެ އާއިލީ މީހަކާއި ގުޅުވައި، ކުރީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އޭނާގެ މައްޗަށް ޒިނޭގެ ތުހުމަތު އެޅުވި ކަމަށްވެސް ނަންނަ އަސަރާއިއެކު ކިޔާދީފައި ވެއެވެ. މިކަންކަމުން ލިބޭ ނަފްސާނީ އަނިޔާއިން އަރައިގަތުމަށް ނަމާދުން ހިތްވަރު ލިބިގަންނަ ކަމަށް ނަންނަ ބުނެފައި ވެއެވެ. ކެތްތެރިކަމުގެ ނަތީޖާއެއްގެ ގޮތުން ބަސްބުނާ ފަރާތްތައް ބަސްބުނިޔަސް އޭނާގެ އަޑު ކެނޑިގެންނުދާނެ ކަމަށް ނަންނަ ބުނެފައި ވެއެވެ.

"އަޅުގަނޑު ސިޔާސީ މައިދާނަށް އައިސްފައިވަނީ ވަރަށް ސިމްޕަލް، އާދައިގެ ދިރިއުޅުމެއް އުޅެގެން. ޒާތީ ދިރިއުޅުމާއި ބެހި ކްރިޓިސިޒަމް އަމާޒުވާއިރު އާއިލާ މެންބަރުންގެ އިތުރުން ގާތް ރައްޓެހިން އަދި އަދުގެ ރައީސް އާއި އަނބިކަނބަލުން މެޑަމް ސާޖިދާ އަޅުގަނޑަށް ވަރަށް ހިތްވަރުލައިދޭ"

ފެމިިނިސްޓުން ކޮބާ؟

އަންހެނުންނަށް ސިޔާސީ މަގާމުތައް ނުލިބޭތީ އެކަމާއި ކަންބޮޑުވުން ފާޅުކުރާ ފެމިނިސްޓުންނާއި ބެހޭގޮތުން ނަންނަ ވަނީ ސުވާލު އުފައްދާފައެވެ. ފިރިހެނަކު މަތީ މަގާމެއްގައި ހުރެގެން އެބޭފުޅުން ކުރާ ގޯސްކަންކަމަށް އަމާޒުވާ ފާޑުކިޔުންތަކަށްވުރެ ސިޔާސީ މަގާމު ފުރުއްވާ އަންހެނުންނަށް އަމާޒުވާ ފާޑުކިޔުން ބޮޑުކަމާއި ގުޅޭގޮތުން ފެމިނިސްޓުން ވާހަކަނުދައްކާކަން ނަންނަ ފާހަގަކުރިއެވެ. 

"އަންހެނުންނާއި ނުފޮށި ބާރުވެރިކުރުވާށޭ ބުނާ ޕާޓީތަކާއި މީހުން އަންހެނުންނަށް ކުރަނީ ފުރައްސާރަ. އަންހެނުންވެސް އަންހެނުންނަށް ކުރަނީ ފުރައްސާރަ! އެއީ މި މުޖުތަމައުގައި އަންހެނުން މަސައްކަތަށް ނިކުންނަން ޖެހިލުންވާ ސަބަބަކީ" ނަންނަ ފާހަގަކުރިއެވެ.

މިކަމާއި ގުޅޭގޮތުން އިތުރަށް ހިޔާލުފާޅުކުރަމުން ނަންނަ ބުނީ މިސާލަކަށް ބަރަހަނާ ވީޑިއޯއެއް ނުވަތަ ވައްކަމާ ފޭރުމުގެ ވީޑިއޯއެއް ލީކްވާ ފިރިހެނަކާއި ބެހޭގޮތުން ފެތުރޭ ވާހަކަ ދެ ދުވަހެއްގެ ތެރޭގައި ހުއްޓިގެންދާނެ ކަމަށެވެ. ނަމަވެސް އަންހެނަކާއި ބެހޭގޮތުން ފެތުރޭ ވާހަކައެއް އެމީހެއްގެ މަރު ދުވަހާއި ހަމައަށް ގަދައަށް ފެތުރޭ ކަން ނަންނަ ވަނީ ހިތާމައާއިއެކު ފާހަގަކޮށްފައެވެ. 

 

ނޫސްވެރިންނަށް ހާއްސަ މެސެޖް

ޝިއުނާގެ ވާހަކަތައް ނިންމާލާފައިވަނީ ސުވާލުތަކަކުންނެވެ. "މިސާލަކަށް ޝިއުނާއަށް މީހުން ތަކުރާރުކޮށް ފުރައްސާރަކުރަމުންދާއިރު ޝިއުނާގެ މެންޓަލް ހެލްތް ހުރީ ކޮންހިސާބެއްގައިތޯ، މި ސުވާލު ނުކުރޭ؟" ޝިއުނާ ބުނީ އޭނާގެ ވާހަކަތައް ނޫސްވެރިން ރިޕޯޓްކުރާއިރުވެސް އޭނާގެ ބަހެއް ހިމަނާލަން މަދު ނޫސްވެރިޔަކު ނޫނީ މަސައްކަތްކޮށްފައިނުވާ ކަމަށެވެ. ނޫސްވެރިންނާއި ގާތުން މަސައްކަތްކުރާއިރު އޭނާއަކީޥެސް އިންސާނެއްކަން ހަނދާންކޮށްގެން ރިޕޯޓްކުރާ ނޫސްވެރިން މަދުކަން ޝިއުނާ ވަނީ އަސަރާއިއެކު ފާހަގަކޮށްފައެވެ. އެއާއެކު، ޝިއުނާ ވަނީ ވޮއިސްގެ ޗީފް، ޝަފްރާޒް އަޙްމަދު ހުސެއިންއާއި ނޫސްވެރިޔާ ހަމީދު އަޙްމަދު އާދަމް، އިބްރާހިމް ސައީދު (ކޭޑް) އާއި ދިޔަރެސް ޓީމްގެ ފަރާތުން ލިބުނު ހިތްވަރަށް ޝުކުރު އަދާކޮށްފައެވެ. އަދި މިވަގުތު އެންމެ ގާތް އެކުވެރިން ކަމުގައިވާ މަލްޝާ، އާއި އަބާން، ހަމްދާން، މާޝް، ލުޖެއިންއާއި އަލީމްވެސް އޭނާއާއި ދޭތެރޭ ބަހައްޓާ އޯގާތެރިކަމާއި، ދޭ ހިތްވަރަށް ޝުކުރު އަދާކޮށްފައެވެ. ނަން ފާހަގަ ނުކުރެވުނުނަމަވެސް ރާއްޖޭގެ ނަން މަޝްހޫރު ވަރުގަދަ އެތައް ޝަހުސިއްޔަތެއް އޭނާއަށް ހިތްވަރުދޭކަމަށް ބުންޏެވެ.

"ބަޔަކު އަބަދު އަބަދު ފުރައްސާރަކުރާ މީހަކާއި ބެހޭގޮތުން ލިޔާއިރު ވިސްނާލަންޖެހޭނެ އޭނަވެސް ހުންނާނެކަން އުނދަގޫތައް. އެހެންވީމަ، އެހާލަތަށްވެސް ވިސްނަންޖެހޭނެ. މިތަނުގައި ކޮންމެ މީހަކުވެސް ސިޔާސީ ވަނީ، ނޫނީ ވަކި ދާއިރާއަކުން ކުރިއަށް ދަނީ ދިވެހި ރައްޔިތަކަށްވުމަށްފަހުގައިކަން ދަނެ، ރައްޔިތުމީހާއަށް ދިވެހި ޤައުމާއި އިސްލާމްދީނަށް އެ އޮންނަންވާ ލޯބި އޮންނަންވާނެ. ބައެއްފަހަރު ނޫސްވެރިން އެބަ ނުކުމޭ ދިވެހި މީހާގެ ބަދަލުގައި ބޭރު މީހުންގެ ދިފާއުގައި. އެއީ ވަރަށް ދެރަވާ ކަމެއް. މިއީ ކިތަންމެ ކުޑަ ގައުމެއް ނަމަވެސް ގައުމުގެ ދީނާއި، މިނިވަންކަމާއި އިސްތިޤުލާލު މުހިންމުވާންޖެހޭނެ"