ރަމަޟާން މަހަކީ ޤުރުޢާނުގެ މައްސަރެވެ. ކީރިތި ޤުރުޢާން ބާވައިލެއްވުނު މައްސަރެވެ. ހެޔޮ އަޅުކަންތަކާއި ތަޤުވާގެ މައްސަރެވެ. ރަމަޟާން މަހުގައި މަދުވެގެން އެއް ޚަތިމު ކުރުމަކީ ގާތްގަނޑަކަށް ކޮންމެ މީހެއްގެވެސް ލަނޑުދަނޑިއެކެވެ. ނުވަތަ ގޯލެކެވެ. އެއްފަހަރު ނަމަވެސް ޚަތިމް ނިންމަން ގިނަ ބަޔަކު ވަރަށް މަަސައްކަތް ކުރެއެވެ. އެހެންކަމުން ޚަތިމް ކުރަން ފަސޭހަ ބައެއް ގޮތްތަކަށް ނަޒަރު ހިންގާލަމާ ހިނގާށެވެ.

ކީރިތި ޤުރުޢާނުގައި ވަނީ 30 ފޮތް ނުވަތަ 30 ޗެޕްޓަރއެވެ. ގާތްގަނޑަކަށް 600 ސަފްޙާއެވެ. 30 ދުވަހުގެ މައްޗަށް ބަހާލާނަމަ އެއީ ދުވާލަކަށް 20 ސަފްޙާއެވެ. މިފަދައިން ވިސްނައިފި ނަމަ ކުޑަކޮށް އުނދަގޫހެން ހީވެދާނެއެވެ. ނަމަވެސް ނަމާދުތަކުގެ ފަހުގައި ކިޔާލަން ބަހާލީމާ އެއްފަހަރާ އެހާ ގިނަ ނުވެ ކިޔާލެވޭނެއެވެ. (ސަފްޙާ މި މާނަ ކުރަނީ ކަރުދާހުގެ 2 ފުށަށެވެ.)

1 ޚަތިމް ކުރުމަށް: ކޮންމެ ފަރުޟު 5 ނަމާދެއްގެ ފަހުގައި 4 ސަފްޙާ ކިޔާލައިން ދުވާލަކު ފޮތެއް ނިންމާލެވޭނެއެވެ. މުޅިއަކު 1 ޚަތިމް ކުރެވޭނެއެވެ.

2 ޚަތިމް ކުރުމަށް: ކޮންމެ ފަރުޟު 5 ނަމާދެއްގެ ފަހުގައި 8 ސަފްޙާ ކިޔާލައިން މުޅި ރަމަޟާން މަސް ނިމޭއިރު 2 ޚަތިމް ކުރެވޭނެއެވެ. 

3 ޚަތިމް ކުރުމަށް: ފަރުޟު 5 ނަމާދުގެ ފަހުގައި 12 ސަފްޙާ ކިޔާލުމުން ރަމަޟާން މަހުގައި 3 ޚަތިމް ކުރަން ވަރަށް ފަސޭހަ ވާނެއެވެ.

4 ޚަތިމް ކުރުމަށް: ފަރުޟު 5 ނަމާދުގެ ފަހުގައި 16 ސަފްޙާ ކިޔާނަމަ، 30 ދުވަހުގެ ތެރޭގައި 4 ޚަތިމް ކުރެވޭނެއެވެ.

މިއީ ކީރިތި ޤުރުޢާން ޚަތިމް ކުރެވިދާނެ ބައެއް ގޮތްތަކެވެ. ހަމައެކަނި މި ގޮތްތަކަށް ޢަމަލު ނުކުރި ކަމުގައިވިޔަސް، އެމީހަކަށް ކިޔެވޭ އެންމެ ރަނގަޅަށް، ގިނަގިނައިން ޤުރުޢާން ކިޔަވަން މަސައްކަތް ކުރަންވާނެއެވެ. މަސައްކަތްތައް ހުންނަ ގޮތްތައް ކުރިޔާލާ ރާވާ، ޤުރުޢާން ކިޔެވުމަކީވެސް ޝެޑިއުލް ތެރޭގައި ހިމެނޭ ކަމަކަށް ހަދަންވާނެއެވެ.