ޤުރުޢާނާއި ތަޤުވާގެ މި މާތް މައްސަރުގައި އަހަރުމެންގެ އީމާންތެރިކަން ދިރުވާ އާލާކޮށް، އިސްލާމްދީނާ ގާތްވުމަށް މަސައްކަތް ކުރަންވާނެއެވެ. ﷲ ތަޢާލާއާއި އެކަލާނގެ އަޅުތަކުންގެ މެދުގައި އޮންނަ ގުޅުން ވަރުގަދަކޮށް އެކަލާނގެ ހަޟްރަތުން ރުއްސެވުމާއި ފުއްސެވުމަށް އެދި ދަންނަވަން ވާނެއެވެ. ކީރިތި ޤުރުޢާން ކިޔެވުމަށް ވަގުތު ހޭދަކުރާ ފަދައިން، ކޮންމެވެސް މިންވަރަކަށް ޤުރުޢާނުގެ ތަރުޖަމާ ކިޔާލުމަށް ވަގުތު ހުސްކޮށްލުންވެސް މުހިންމެވެ. އެކަމުގެ ސަބަބުން ލިބޭނެ ފައިދާތައްވެސް އެބަހުއްޓެވެ.
ބޮޑަށް ޤުރުޢާނާއި ގާތްވެ، ޤުރުޢާނަށް ހިތްޖެހުން: އަހަރުމެންނަށް ޤުރުޢާނުގައި މި ކިޔެނީ ކޮން އެއްޗެއްކަން އެނގުމުން، ބޮޑަށް ޤުރުޢާނާ ގާތްވެވޭނެއެވެ. ޤުރުޢާނުގައި ބަޔާން ކުރެވޭ ވާހަކަތައް އަމިއްލަ ބަހުން އެނގުމުން، އިތުރަށް ކިޔާ ހިތްވެ، ޤުރުޢާނަށް ހިތް ޖެހޭނެއެވެ. ބަޔާންވެފައިވާ އާޔަތުގެ މާނަ ކިޔާލުމުން، ދެން އޮންނަ އާޔަތުގައި ވާނެ ގޮތެއް ބަލައިލަން ބޭނުންވާނެއެވެ. ޚާއްސަކޮށް ވާހަކައެއް ނަމަ، އިތުރަށް ތަރުޖަމާ ކިޔާލަން ޝައުގުވެރިކަން އުފެދޭނެއެވެ.
ޢަމަލީގޮތުން ހެޔޮ ބަދަލުތައް ގެނެވުން: ޤުރުޢާނުގައި ބަޔާންވެގެންވާ ކަންތައްތައް އެނގުމުން، އެކަންތައްތަކާ އެއްގޮތަށް ޢަމަލުކުރަން ފެސޭހަވާނެއެވެ. ވަކިކަމެއް ކުރަން އަންގަވާފައިވާ ގޮތްތައް އެނގި ފަހުމުވުމުން، އެ ބަދަލު ޢަމަލީގޮތުން ދިރިއުޅުމަށް ގެންނަން އުނދަގުލެއް ނުވާނެއެވެ.
ޤުރުޢާނަށް ޢަމަލުކުރަން ފަސޭހަވުން: ޤުރުޢާނަކީ ހަމައެކަނި ކިޔެވުމަށް އޮންނަ މުސްޙަފެއް ނޫނެވެ. ޤުރުޢާން ކިޔެވުމާއެކު، އެއާ އެއްގޮތަށް ޢަމަލު ކުރުމަކީ މައިގަނޑު މަޤުސަދެވެ. އަހަރުމެން އުޅެންވީ ނޫޅެންވީ ގޮތް، އެ މާތް ފޮތުގައި އަންގަވާފައިވެއެވެ. އެހެންކަމުން، ޤުރުޢާނުގެ ތަރުޖަމާ ކިޔާލުމުން، އޭގައި ބުނާ އެއްޗެއް ރަނގަޅަށް ސާފުވާނެއެވެ. އެ އަންގަވާފައިވާ ގޮތަށް ޢަމަލުކުރަން ފަސޭހަވާނެއެވެ.
މާތް ﷲއާއި ދެމެދު އޮންނަ ގުޅުން ވަރުގަދަވުން: ޤުރުޢާނުގެ ތަރުޖަމާ ކިޔާލުމުން ތަފާތު އިޙުސާސެއް ކުރެވޭނެއެވެ. ތަފާތު ހިތްހަމަޖެހުމެކެވެ. ހިތަށް ފިނިކަމެކެވެ. ﷲ ތަޢާލާއާ ދެމެދު ކުރެވޭ މުޚާތަބެއް ކަމުގައި ސިފަވާ ކަހަލަ އިޙުސާސެއްވާނެއެވެ. އަހަރުމެންގެ ވެރި ރައްބާއި އަހަރުމެންނާ ދެމެދު ކުރިޔަށްދާ 'ކޮންވަޒޭޝަން' އެއް ކަހަލަ އިޙްސާސެކެވެ. މިކަންކަމުން، އެކަލާނގެއާ ދެމެދު އޮންނަ ގުޅުން އިތުރަށް ވަރުގަދަވުމަށް މަގުފަހިވެއެވެ.
މި މާތް މައްސަރުގައި، ޤުރުޢާނާއި އަހަރުމެންނާ ދެމެދު އޮންނަ ގުޅުން ބަދަހިކޮށް، ޤުރުޢާނުގައި އަންގަވާފައިވާ ވާހަކަތަކުގެ މާނަ، އަމިއްލަ ބަހުން ދެނެގަތުމަށް ވަގުތުކޮޅެއް ހުސްކޮށްލުން މުހިންމެވެ. ޤުރުޢާނަށް ޢަމަލުކުރަން ފަސޭހަވުމާއި، ދިރިއުޅުމަށް ޢަމަލީ ގޮތުން ޙެޔޮ ބަދަލުތައް ގެނައުމުގެ އިތުރުން، ﷲ ސުބުޙާނަހޫ ވަތަޢާލާއާ ދެމެދުގައި އޮންނަ ގުޅުން ވަރުގަދަ ކުރުމަށެވެ. ހިތްހަމަޖެހުމާއި އުފާވެރިކަން ހާސިލް ކުރުމަށެވެ. ޤުރުޢާނަކީ އަހަރުމެންގެ އެންމެ ގާތް ރަޙުމަތްތެރިޔާއަށް ހެދުމަށެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން