ބޮލީވުޑްގެ މަޝްހޫރު ޖޯޑު ކަމުގައިވާ ކިއާރާ އަދްވާނީއާއި އޭނާގެ ފިރިމީހާ ސިދާތު މަލޯތްރާއަށް ކުއްޖަކު ލިބެން އުޅޭ ކަމަށް އިއުލާންކޮށްފިއެވެ. 

ކިއާރާ މިކަން އިއުލާންކުރީ އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށެވެ. ކިއާރާ އިންސްޓަގްރާމްއަށް ދޫކުރި ފޮޓޯއެއްގައިވަނީ ތުއްތު ކުއްޖެއްގެ އިސްޓާކީނެއް ދެމީހުން ހިފަހައްޓައިގެން ހުރި މަންޒަރު ދައްކާފައެވެ. އަދި މިއީ ހަޔާތަށް ލިބެން އުޅޭ އެންމެ އުފާވެރި ހަދިޔާ ކަމަށް ކެޕްޝަންގައި ޖަހާފައި ވެއެވެ. 

މިއީ ކިއާރާއާއި ސިދާތު ލިބެން އުޅޭ ފުރަތަމަ ދަރިފުޅެވެ. ނަމަވެސް މި ހަބަރާއި ގުޅޭ އިތުރު މައުލޫމާތެއް މި ދެމަފިރިން ހާމަކޮށްފައި ނުވެއެވެ. އެއާއެކު، ހިންދީ ފިލްމު އިންޑަސްޓްރީގެ ވަރަށް ގިނަ ފަންނާނުން ވަނީ މިދެތަރިންނަށް މަރުހަބާ ކިޔާފައެވެ. 

ކިއާރާއާއި ސިދާތު އެންމެ ފުރަތަމަ ދިމާވީ އެދެމީހުން އެއްކޮށް ކުޅުނު ފިލްމް "ޝޭރްޝާހް"ގެ ސެޓުންނެވެ. ނަމަވެސް 2022 ވަނަ އަހަރު މަޝްހޫރު ފިލްމު ޑިރެކްޓަރ ކަރަން ޖޯހަރްގެ ޝޯވ "ކޮފީ ވިތް ކަރަން"ގައި ކަރަން އެދެމީހުން ރައްޓެހިވެގެން އުޅޭ ކަމަށް ބުނުމުގެ ކުރިން މި ދެތަރިން ވަނީ ލޯބީގެ ގުޅުން ސިއްރުކޮށްފައެވެ. އެއަށްފަހު، މި ދެމީހުން ކައިވެނިކުރީ މިދިޔަ އަހަރުުގެ ފެބްރުވަރީ މަހުގެ 7 ވަނަ ދުވަހުއެވެ.