އެކި އެކި ސަބަބުތަކާއި ހުރެ، އަހަރެމެންގެ ތެރޭގައި ދަރިމައިވުމަށް އުނދަގޫވެފައިވާ ކިތައްމެ ދެމަފިރިއަކު އުޅެމުން ދެއެވެ. ޑަކްޓަރީ ފަރުވާ ކުރުމުގައި އެތައް އަހަރެއް ވެފައިވާ ދެމަފިރިންވެސް މަދެއް ނޫނެވެ. ދަރިއެއްގެ ނިޢުމަތަށް އެދި އެދި އެތައް އާއިލާއެއް ދަނީ ކެނޑި ނޭޅި ދުޢާ ކުރަމުންނެވެ. މި ލިޔުމުގައި މި ހިއްސާކޮށްލަނީ ތަޖުރިބާ ކުރެވިފައިވާ ދުޢާ އެއް ނުވަތަ ރުޤްޔާ އެކެވެ. އެހެނެއްކަމަކު މިއީ މުޖައްރިބު ފަރުވާއެކޭ ނުދައްނަވާނަމެވެ. މިކަމުގައި އޮތީ ކެތްތެރިކަމާއި އިހުލާސްތެރިކަމާއި އިހުސާންތެރިކަމާއި ސާބިތު އީމާންކަމަކާއި އަޤީދާ އަކާއި އަދި ﷲ އަށް ފުރިހަމައަށް އިތުބާރު ކުރުމެވެ.
މި ބަރަކާތްތެރި ރަމަޟާންމަހު، މި މަގުން ކަންކޮށްލަމާ ހިނގާށެވެ! އަނބިމީހާގެ މައްސަރު ކަންކަން ނިމޭދުވަހު، އެކަމަނާ ހިނައިގަންނަހިނދު، ކޮންމެ ރެއަކު ކޮންމެވެސް އެއް ނަމާދެއްގެ ފަހުގައި 500 އެމް.އެލް ފެންފުޅިއަކަށް ފެން ކިޔަވާށެވެ. އަދި އެ ރެއެއްގެ މަތިން (ރަމަޟާންމަހުގައި ނަމަ) ނުވަތަ 24 ގަޑި އިރު ތެރޭ (އެހެން މަހެއްނަމަ) އެ ފެންފުޅި ބޮއެ ހުސްކޮށްލާށެވެ. ބޯ ކޮންމެ ފަހަރަކު، ބިސްމި ކިޔަން ހަނދާންކުރާށެވެ! އަދި ކަނާއަތުން ބޯން ހަނދާންކުރާށެވެ! އަނބިމީހާ އަދި ފިރިމީހާވެސް މި ފުޅިން ފެން ބޮވިދާނެއެވެ. ފެން ކިޔެވުމަކީ ސާބިތު ރުޤްޔާއެއް ކަމަށް ޖުމްހޫރު ޢިލްމުވެރިން ވިދާޅުވެއެވެ. އަދި ފެން ކިޔެވުމަކީ ފެނަށް ބޮޑެތި ބަދަލުތަކެއް އަންނަ ކަމެއްވެސް މެއެވެ. ޤުރުއާނަކީ ޝިފާއެކެވެ. ފެނަކީ ﷲ ގެ މަޚްލޫޤެކެވެ. ( https://theeru.com/post/6157/6325 )
ނަމާދުކޮށް އަވަދިވެ، އެކަހެރިވެ، ހަމަޖެހިލުމަށްފަހު، ދުނިޔެވީ ވިސްނުންތަކުން ދުރުވެ، ފެންފުޅީގެ މަތިނަގާ ކިޔަވަން ފަށާށެވެ! ކިޔަވަން ފަށާނީ ސޫރަތުލް ފާތިޙާ އިންނެވެ. އެއަށްފަހު އާޔަތުލް ކުރުސި އެވެ. ދެން އެއަށްފަހު ތިރީ ތިން ސޫރަތެވެ. އެއަށްފަހު މި އާޔަތްތައް ކިޔާށެވެ!
﴿100﴾ رَبِّ هَبْ لِي مِنَ الصَّالِحِينَ
މާނާއީ: "އަޅުގެ ވެރިރަސްކަލާކޮ! މިއަޅާއަށް صالح ންގެ ތެރެއިންވާ ދަރިޔަކު ދެއްވާނދޭވެ!" (އަލް ޞޯއްފަ 100 ވަނަ އާޔަތް).
﴿38﴾ رَبِّ هَبْ لِي مِن لَّدُنكَ ذُرِّيَّةً طَيِّبَةً ۖ إِنَّكَ سَمِيعُ الدُّعَاءِ
މާނައީ: "އަޅުގެ ވެރިރަސްކަލާކޯއެވެ! އިބަރަސްކަލާނގެ حضرة ން، ހެޔޮލަފާ ރަނގަޅު ދަރިފަސްކޮޅެއް މިއަޅާއަށް ދެއްވާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ގިނަގިނައިން دعاء އައްސަވާވޮޑިގެންވާ ރަސްކަލާނގެއެވެ." (އަލް އިމްރާން 38 ވަނަ އާޔަތް).
﴿89﴾ رَبِّ لَا تَذَرْنِي فَرْدًا وَأَنتَ خَيْرُ الْوَارِثِينَ
މާނައީ: "އަޅުގެ ވެރިރަސްކަލާކޯއެވެ! މި އަޅާޔަކީ (ދަރިޔަކުނެތް) އެކަނިވެރި މީހެއްކަމުގައި ނުލައްވާނދޭވެ! އަދި އިބަރަސްކަލާނގެއީ، ދިރިދެމިވޮޑިގެންވާ، އެންމެ ހެޔޮ ރަސްކަލާނގެއެވެ." (އަލް އަންބިޔާ 89 ވަނަ އާޔަތް).
﴿6﴾ هُوَ الَّذِي يُصَوِّرُكُمْ فِي الْأَرْحَامِ كَيْفَ يَشَاءُ ۚ لَا إِلَٰهَ إِلَّا هُوَ الْعَزِيزُ الْحَكِيمُ
މާނައީ: "އެކަލާނގެ އިރާދަކުރައްވާފަދަޔަކުން رحِم ތަކުގައި ތިޔަބައިމީހުން صورة ކުރައްވަނީ އެކަލާނގެއެވެ. އެކަލާނގެ ފިޔަވައި (حق ވެގެން އަޅުކަމެއްވެވޭ) إله އަކު ނުވެތެވެ. (އެކަލާނގެއީ) ގަދަފަދަވަންތަ حكيم ވަންތަ ރަސްކަލާނގެއެވެ." (އަލް އިމްރާން 6 ވަނަ އާޔަތް).
﴿189﴾ ۞ هُوَ الَّذِي خَلَقَكُم مِّن نَّفْسٍ وَاحِدَةٍ وَجَعَلَ مِنْهَا زَوْجَهَا لِيَسْكُنَ إِلَيْهَا ۖ فَلَمَّا تَغَشَّاهَا حَمَلَتْ حَمْلًا خَفِيفًا فَمَرَّتْ بِهِ ۖ فَلَمَّا أَثْقَلَت دَّعَوَا اللَّهَ رَبَّهُمَا لَئِنْ آتَيْتَنَا صَالِحًا لَّنَكُونَنَّ مِنَ الشَّاكِرِينَ
މާނައީ: "އެކަލާނގެއީ، އެންމެ نفس އަކުން ތިޔަބައިމީހުން ހެއްދެވި ކަލާނގެއެވެ. އަދި އެ نفس ން، އެ نفس ގެ އަނބި ހެއްދެވިއެވެ. (އެއީ) އެކަނބުލޭގެ ގާތަށްގޮސް، ހިތްހަމަޖެހުމާއި ހަމަހިމޭންކަން ލިބިގަތުމަށެވެ. ފަހެ، އޭނާ އެކަނބުލޭގެއާ އެއްދާންކުރި ހިނދު، ލުއިގޮތެއްގައި ހައްޔަރުގައި އިނދެ އެކަމުގައި ދުވަސްތަކެއް ވޭތުވިއެވެ. ދެންފަހެ، (އެކަމުން) ބުރަވިހިނދު، އެ ދެމީހުންގެ ވެރި اللَّه އަށް އެ ދެމީހުން دعاء ކުރިއެވެ. އިބަރަސްކަލާނގެ އަޅަމެންނަށް صالح ދަރިއަކު ދެއްވައިފިނަމަ، شكر ކުރާ މީހުންގެ ތެރެއިން ހަމަކަށަވަރުން، އަޅަމެން ވާހުށީމެވެ." (އަލް ޢަޢްރާފް 189 ވަނަ އާޔަތް).
﴿8﴾ اللَّهُ يَعْلَمُ مَا تَحْمِلُ كُلُّ أُنثَىٰ وَمَا تَغِيضُ الْأَرْحَامُ وَمَا تَزْدَادُ ۖ وَكُلُّ شَيْءٍ عِندَهُ بِمِقْدَارٍ
މާނައީ: "ކޮންމެ އަންހެނަކުގެ މައިބަނޑުގައި ގަރުބަގަންނަ އެއްޗަކާއި، رحم ތައް އުނިކުރާ އެއްޗަކާއި، އިތުރުކުރާ އެއްޗެއް، اللَّه ދެނެވޮޑިގެންވެތެވެ. އަދި ކޮންމެ އެއްޗެއް އެކަލާނގެ حضرة ގައި ވަނީ މިންވަރު ކުރައްވާފައެވެ." (އައް ރަޢްދް 8 ވަނަ އާޔަތް).
﴿5﴾ يَا أَيُّهَا النَّاسُ إِن كُنتُمْ فِي رَيْبٍ مِّنَ الْبَعْثِ فَإِنَّا خَلَقْنَاكُم مِّن تُرَابٍ ثُمَّ مِن نُّطْفَةٍ ثُمَّ مِنْ عَلَقَةٍ ثُمَّ مِن مُّضْغَةٍ مُّخَلَّقَةٍ وَغَيْرِ مُخَلَّقَةٍ لِّنُبَيِّنَ لَكُمْ ۚ وَنُقِرُّ فِي الْأَرْحَامِ مَا نَشَاءُ إِلَىٰ أَجَلٍ مُّسَمًّى ثُمَّ نُخْرِجُكُمْ طِفْلًا ثُمَّ لِتَبْلُغُوا أَشُدَّكُمْ ۖ وَمِنكُم مَّن يُتَوَفَّىٰ وَمِنكُم مَّن يُرَدُّ إِلَىٰ أَرْذَلِ الْعُمُرِ لِكَيْلَا يَعْلَمَ مِن بَعْدِ عِلْمٍ شَيْئًا ۚ وَتَرَى الْأَرْضَ هَامِدَةً فَإِذَا أَنزَلْنَا عَلَيْهَا الْمَاءَ اهْتَزَّتْ وَرَبَتْ وَأَنبَتَتْ مِن كُلِّ زَوْجٍ بَهِيجٍ .
މާނައީ: "އޭ މީސްތަކުންނޭވެ! (މަރުވުމަށްފަހު) އަލުން ދިރުއްވައި ފޮނުއްވާނޭ ކަމާމެދު، ތިޔަބައިމީހުން شك އެއްގައިވާނަމަ، ފަހެ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުން (ގެ أصل) އުފެއްދެވީ، ވެލިންނެވެ. ދެން މަނިތިއްކަކުންނެވެ. ދެން ގަނޑުލޭކޮޅަކުންނެވެ. ދެން (آدم ގެދަރިޔެއްގެ) ސިފަ ފާޅުވެގެންވާ، ނުވަތަ ފާޅުވެގެންނުވާ މަސްކޮޅަކުންނެވެ. އެއީ (ކޮންމެކަމަކަށް ތިމަންރަސްކަލާނގެ ކުޅަދުންވަންތަކަން) ތިޔަބައިމީހުންނަށް ބަޔާންކޮށްދެއްވުމަށްޓަކައެވެ. އަދި ތިމަންރަސްކަލާނގެ އިރާދަކުރައްވާ އެއްޗެއް ކަނޑައަޅުއްވާފައިވާ مدة އަކަށް رحم ތަކުގައި ލަހައްޓަވަމެވެ. ދެން ޅަކުދިންގެ ގޮތުގައި ތިޔަބައިމީހުން (ދުނިޔެމައްޗަށް) ނެރުއްވަމެވެ. ދެން ތިޔަބައިމީހުން ބޮޑުވެ، ފުރާފުރިހަމަވުމާހަމަޔަށް ފޯރައެވެ. އަދި (ޒުވާންކަމުގެ ދުވަސްވަރު) މަރުވާމީހުން، ތިޔަބައިމީހުންގެ ތެރެއިންވެއެވެ. އަދި أرذل العمر އަށް ރައްދުކުރައްވާ މީހުން ތިޔަބައިމީހުންގެ ތެރެއިންވެއެވެ. އެއީ އޭނާޔަށް އެއްޗެއް އެނގުމަށްފަހުގައި، ނޭނގުމަށްޓަކައެވެ. އަދި ބިންގަނޑު މަރުވެފައިވަނިކޮށް ތިބާ ދެކޭނޫއެވެ. ފަހެ، އެ ބިމުގެ މައްޗަށް ތިމަންރަސްކަލާނގެ ވާރޭ ވެއްސަވައިފިހިނދު، އެ ބިމުގެ ގަސްތަކުގެ حركات ފެށި، ގަސްތައް އިތުރުވެއެވެ. އަދި ހުރިހާ ބާވަތަކުން، ބަލާމީހާޔަށް އުފާލިބެނިވި ގަސްތައް ފަޅުވަތެވެ." (އަލް ޙައްޖު 5 ވަނަ އާޔަތް).
﴿13﴾ ثُمَّ جَعَلْنَاهُ نُطْفَةً فِي قَرَارٍ مَّكِينٍ
މާނައީ: "ދެން ތިމަންރަސްކަލާނގެ އެ އިންސާނާ، ރައްކާތެރިތަނެއްގައި، މަނިތިއްކެއްގެ ގޮތުގައި ލެއްވީމެވެ." (އަލް މޫމިނޫން 13 ވަނަ އާޔަތް).
﴿14﴾ ثُمَّ خَلَقْنَا النُّطْفَةَ عَلَقَةً فَخَلَقْنَا الْعَلَقَةَ مُضْغَةً فَخَلَقْنَا الْمُضْغَةَ عِظَامًا فَكَسَوْنَا الْعِظَامَ لَحْمًا ثُمَّ أَنشَأْنَاهُ خَلْقًا آخَرَ ۚ فَتَبَارَكَ اللَّهُ أَحْسَنُ الْخَالِقِينَ
މާނައީ: "ދެން ތިމަންރަސްކަލާނގެ އެ މަނިތިކި، ގަނޑުލޭކޮޅަކަށް ހެއްދެވީމެވެ. ދެން އެ ގަނޑުލޭކޮޅު، މަސްކޮޅަކަށް ހެއްދެވީމެވެ. ދެން އެ މަސްކޮޅު، ކަށްޓަށް ހެއްދެވީމެވެ. ދެން އެ ކަށީގައި މަސްލެއްވީމެވެ. ދެން އެހެންއުފެއްދެވުމަކުން އެ އިންސާނާ އުފެއްދެވީމެވެ. ފަހެ، އެންމެފުރިހަމައަށް ތަކެތި ހައްދަވާ اللَّه، މަތިވެރިވެވޮޑިގެންވެއެވެ." (އަލް މޫމިނޫން 14 ވަނަ އާޔަތް).
﴿11﴾ وَاللَّهُ خَلَقَكُم مِّن تُرَابٍ ثُمَّ مِن نُّطْفَةٍ ثُمَّ جَعَلَكُمْ أَزْوَاجًا ۚ وَمَا تَحْمِلُ مِنْ أُنثَىٰ وَلَا تَضَعُ إِلَّا بِعِلْمِهِ ۚ وَمَا يُعَمَّرُ مِن مُّعَمَّرٍ وَلَا يُنقَصُ مِنْ عُمُرِهِ إِلَّا فِي كِتَابٍ ۚ إِنَّ ذَٰلِكَ عَلَى اللَّهِ يَسِيرٌ .
މާނައީ: "ވެލިން، ދެން މަނިތިއްކަކުން، ތިޔަބައިމީހުން ހެއްދެވީ اللَّه އެވެ. ދެން ދެ ޖިންސުގެ މީހުން ކަމުގައި އެކަލާނގެ ތިޔަބައިމީހުން ލެއްވިއެވެ. އަދި އެކަލާނގެ ދެނެވޮޑިގަތުމާއެކުގައި މެނުވީ، އަންހެނަކު މާބަނޑެއް ނުވެތެވެ. އަދި ނުވެސް ވިހާމެއެވެ. އަދި ފޮތެއްގައި ކަނޑައަޅުއްވާފައިވާ ގޮތުން މެނުވީ، عمر ދިގު މީހެއްގެ عمر ދިގުވެގެން ނުދެތެވެ. އަދި އޭނާގެ عمر ކުރުވެގެންވެސް ނުމެދޭމެއެވެ. ހަމަކަށަވަރުން، އެކަންތަކަކީ، اللَّه އަށް ދާދިފަސޭހަ ކަމެކެވެ." (ފާތިރް 11 ވަނަ އާޔަތް).
﴿6﴾ خَلَقَكُم مِّن نَّفْسٍ وَاحِدَةٍ ثُمَّ جَعَلَ مِنْهَا زَوْجَهَا وَأَنزَلَ لَكُم مِّنَ الْأَنْعَامِ ثَمَانِيَةَ أَزْوَاجٍ ۚ يَخْلُقُكُمْ فِي بُطُونِ أُمَّهَاتِكُمْ خَلْقًا مِّن بَعْدِ خَلْقٍ فِي ظُلُمَاتٍ ثَلَاثٍ ۚ ذَٰلِكُمُ اللَّهُ رَبُّكُمْ لَهُ الْمُلْكُ ۖ لَا إِلَٰهَ إِلَّا هُوَ ۖ فَأَنَّىٰ تُصْرَفُونَ
މާނައީ: "އެކަލާނގެ ތިޔަބައިމީހުން ހެއްދެވީ، އެއް نفس އަކުންނެވެ. (އެއީ آدم ގެފާނެވެ.) ދެން އެ نفس ން އެކަލޭގެފާނުގެ އަނބިކަނބަލުން (حوّاء ގެފާނު) ހެއްދެވިއެވެ. އަދި ތިޔަބައިމީހުންނަށްޓަކައި، نعم ސޫފީގެ އަންހެން ފިރިހެން އަށެތި އުފެއްދެވިއެވެ. ތިޔަބައިމީހުންގެ މައިންގެ ބަނޑުގައި ތިން އަނދިރިކަމެއްގެ ތެރޭގައި، އެއްއުފެއްދެވުމަކަށްފަހު، އަނެއްއުފެއްދެވުމަކުން، އެކަލާނގެ ތިޔަބައިމީހުން ހައްދަވަތެވެ. އެއީ ތިޔަބައިމީހުންގެ ވެރި اللَّه އެވެ. ވެރިކަންވަނީ އެކަލާނގެއަށެވެ. އެކަލާނގެ ފިޔަވައި إله އަކުނުވެއެވެ. ފަހެ، ތިޔަބައިމީހުން (އެކަލާނގެއަށް އަޅުކަންކުރުން ފިޔަވައިި) އެނބުރިދަނީ ކޮންފަދައަކުން ހެއްޔެވެ؟" (އައްޒުމަރް 6 ވަނަ އާޔަތް).
﴿128﴾ رَبَّنَا وَاجْعَلْنَا مُسْلِمَيْنِ لَكَ وَمِن ذُرِّيَّتِنَا أُمَّةً مُّسْلِمَةً لَّكَ وَأَرِنَا مَنَاسِكَنَا وَتُبْ عَلَيْنَا ۖ إِنَّكَ أَنتَ التَّوَّابُ الرَّحِيمُ
މާނައީ: "އަޅަމެންގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެއަށް ފުރިހަމަޔަށް ކިޔަމަންވާ ދެމީހުން ކަމުގައި އަޅަމެން ލައްވައިފާނދޭވެ! އަދި އިބަރަސްކަލާނގެއަށް ފުރިހަމަޔަށް ކިޔަމަންވާ أمّة އެއް، އަޅަމެންގެ ދަރިފަސްކޮޅުން ލައްވައިފާނދޭވެ! އަދި އަޅަމެން އަޅުކަންކުރާނޭ ގޮތްތައް އަޅަމެންނަށް ދައްކަވައިފާނދޭވެ! އަދި އަޅަމެންގެ މައްޗަށް توبة ލައްވައިފާނދޭވެ! ހަމަކަށަވަރުން އިބަރަސްކަލާނގެއީ ގިނަގިނައިން توبة ލައްވާ، رحيم ވަންތަ ރަސްކަލާނގެއެވެ." (އަލް ބަޤަރާ 128 ވަނަ އާޔަތް).
މިގޮތަށް 3 ފަހަރު، ނުވަތަ 7 ފަހަރު ތަކުރާރުކުރާރުކޮށް ކިޔާށެވެ. އަދި ކިޔަވާ ނިމުމުން ފެންފުޅިއަށް ތިންފަހަރު ފުމެލާށެވެ! އެހިސާބުން ކިޔަވާ ނިމުނީއެވެ! ދަންނައެވެ! މިފަދައިން ކިޔަވާއިރު، އާޔަތްތަކުގެ މާނައާއިމެދު ފުންކޮށް ވިސްނަން ވާނެއެވެ. މުޅި މީހާގެ ވިސްނުމާއި ހިޔާލުކުރުމާއި ސިކުނޑި އެއްކޮށްހެން މިކަމުގެ ތެރެއަށް ވައްދަންވާނެއެވެ. ﷲ އަށް ދަންނަވާ ދުޢާ އެއް ފަދައިން މި އާޔަތްތައް ކިޔަވާނީ، ނުހަނު އަސަރާއި އެކުގައެވެ. ﷲ އަށް ދަންނަވާ އާދޭހެއް ގޮތަށެވެ! އެކަލާންގެ ހަޟްރަތުން ރަޙްމަތަށް އެދި، އެކަލާންގެއަށް ފުރިހަމަ އިތުބާރުކޮށް ވަކީލު ކުރާ ހާލުގައެވެ! ދުނިޔެވީ އެހެނިހެން ވިސްނުންތަކާއި ވަސްވާސްތަކުން ދުރުވެ، އެކަލާންގެ ހަޟްރަތަށް ފުރިހަމައަށް ކުއްތަންވެ ހުރެ ކުރާ ދުޢާއެއް ފަދައިންނެވެ!
މިގޮތަށް މަހެއްހާ ދުވަހު، ހަމަ ކޮންމެ ދުވަހަކުމެ ތަކުރާރު ކުރާށެވެ! އަދި ކޮންމެ ފަރުޟު ނަމާދެއްފަހުގައި ދުޢާ ކުރާށެވެ! ގިނަގިނައިން ދުޢާ ކުރާށެވެ! ފަރުޟު ނަމާދުތަކުގެ ސަޖިދާގައިވެސް، އިސްވެ ބުނެވުނު އާޔަތްތަކުން ފަރިތަ، ކުރު އާޔަތްތައް ކިޔާ ދުޢާ ކުރާށެވެ! ސުންނަތް ނަމާދުތަކުގައި ދިވެހިބަހުންވެސް ދުޢާ ކުރާށެވެ! ހުރިހާކަމެއް މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ. އަދި ހުރިހާކަމެއް ހިންމަވައިދެއްވާ ފަރާތަކީވެސް ﷲ އެވެ!
އިސްވެ ދެންނެވުނު އާޔަތްތަކުގެ އިތުރުންވެސް އާޔަތްތައް ކިޔެވިދާނެއެވެ. އުނިކުރާން ބޭނުންނަމަ އެކަންވެސް ކުރެވިދާނެއެވެ. އެހެނީ މިއީ އެއްވެސް ގޮތަކަށް ޝަރުޢު ކުރެވިފައިވާ ދުޢާއެއް ނޫނެވެ. އެމީހަކު ބޭނުންގޮތަކަށް މިފަދައިން ދުޢާ ކޮށް، ރުޤްޔާ ކުރެވިދާނެއެވެ! މާތް ﷲ ގެ ވާގިފުޅާއި އެކު ދަރިއެއްގެ އުފާވެެރި ހަބަރު ލިބިގެން ހިނގައިދާނެއެވެ! ބޭނުމީ ހިތްވަރަކާއި ކެތްތެރިކަމެކެވެ! އިން ޝާ ﷲ، ކުރިއަށް އޮތީ އުފާވެރި ދުވަސްތަކެކެވެ!
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން