ބޮލީވުޑްގެ މަޝްހޫރު ފަންނާނުންގެ ޒާތީ ދިރިއުޅުމުގެ ވާހަކަތަކަކީ ބޮޑު ސަމާލުކަމެއް ލިބޭ ވާހަކަތަކެކެވެ. އެމީހުންގެ ދިރިއުޅުމުގެ އެންމެ އެތެރޭގެ ކަންތައްތަކަށް ދާންދެން އެނގެން ބޭނުންވެއެވެ. އެމީހުންގެ ދަރިންނަކީވެސް މީޑިއާގެ ބޮޑު ސަމާލުކަމެއް ލިބޭ ބައެކެވެ. ބައެއް ދަރިން އެމީހުންގެ މައިންބަފައިންގެ ފިޔަވަޅު މަތިން ހިނގަން ފަށާފައިވާއިރު އޭގެ ތެރެއިން މީޑިއާގެވެސް ބޮޑު ސަމާލުކަމެއް ލިބުނު ބައެއް ކުދިން ވަނީ މުޅިން އެހެން ދާއިރާތަކެއް ޚިޔާރުކޮށްފައެވެ.

މި ލިސްޓުގައި މި ހިމަނާލަނީ ބޮލީވުޑް ސްޓާރުންގެ ދަރިންގެ ތެރެއިން މައިންފައިންގެ ފިޔަވަޅު މަތިން ނުހިނގައި އެހެން ދާއިރާތަކުން ކުރިއަށް ދާން ނިންމި ބައެއް ކުދިންނަށެވެ.

* އާރްޔަން ޚާން

  ބޮލީވުޑް ކިންގްގެ ގޮތުގައި މަޝްހޫރު، ޝާހް ރުކް ޚާންގެ ދޮށީ ފިރިހެން ދަރިފުޅު އާރްޔަން ޚާން ބޮލީވުޑަށް ވަންނަން ބޭނުންވާކަން ޝާހް ވަނީ ހާމަކޮށްފައެވެ. ނަމަވެސް ޝާހް ބުނެފައިވާ ގޮތުގައި އާރްޔަންގެ ޝައުޤުވެރިކަން ހުރީ އެކްޓިންގއަކަށް ނޫނެވެ. އޭނާގެ ޝައުޤުވެރިކަން ހުރީ ފިލްމު އުފެއްދުމަށެވެ.

* ނަވްޔާ ނަވޭލީ ނަންދާ

  އަމީތާބް ބައްޗަންގެ ކާފަ ދަރިފުޅު ނަވްޔާ ނަވޭލީ ނަންދާއަކީވެސް މީޑިއާގެ ސަމާލުކަން ވަރަށް ބޮޑަށް ލިބުނު ކުއްޖެކެވެ. އޭނާ ބޮޑުވެގެން ފިލްމީ ދާއިރާއިން ފެންނާނެކަމަށް ވަރަށް ގިނަ މީހުން އުންމީދުވެސް ކުރިއެވެ. ނަމަވެސް ނަވްޔާ ފިލްމީ ދާއިރާއާއި ގުޅޭކަށް އެއްވެސް ވަރަކަށް ޝައުޤުވެރިކަމެއް ނުހުރެއެވެ. އޭނާގެ ޝައުޤުވެރިކަން ހުރީ އޭނާގެ ބައްޕަ، ނިކިލް ނަންދާއާއެކު އާއިލީ ވިޔަފާރިއާއިގެން ކުރިއަށް ދާށެވެ.

* ރިއާ ކަޕޫރް

  ސޯނަމް ކަޕޫރާއި ހަރްޝްވަރްދަން ކަޕޫރް ފަދައިން އެކްޓަރެއްގެ ގޮތުގައި ފެންނަން ބޭނުންވި އެއް ކުއްޖަކީ އަނީލް ކަޕޫރްގެ ރިއާ ކަޕޫރެވެ. ނަމަވެސް ރިއާވެސް ބޭނުންވީ ފިލްމު އުފައްދާށެވެ. ބައްޕައާއި ދައްތައާއި ކޮއްކޮ ފަދައިން އެކްޓް ކުރާކަށް އޭނާ ބޭނުމެއް ނުވިއެވެ.

* ރިއްދިމާ ކަޕޫރް ސަހާނީ

  ރިޝީ ކަޕޫރާއި ނީތޫ ކަޕޫރްގެ އަންހެން ދަރިފުޅު ރިއްދިމާ ކަޕޫރް ސަހާނީވެސް އެކްޓިންގއަކަށް ޝައުޤުވެރިކަމެއް ނުހުރެއެވެ. ރަންބީރް ކަޕޫރްގެ ދައްތަ، ރިއްދިމާއަކީ މަޝްހޫރު ފެޝަން ޑިޒައިނަރެކެވެ.

* ޝާހީން ބަޓް

  ބޮލީވުޑް އެކްޓްރެސް އާލިއާ ބަޓްގެ ދައްތަ، ޝާހީން ބަޓްއަކީ 2012 ވަނަ އަހަރު ގެނެސްދިން "ރާޒް 3"ގެ އެސިސްޓެންޓް ޑައިރެކްޓަރެކެވެ. އޭނާގެ ޝައުޤުވެރިކަންވެސް އެކްޓިންގއަކަށް ނުހުއްޓުނެވެ. އޭނާ ވަނީ "އައި ހޭވް ނެވަ ބީން އަންހެޕިއަރ"ގެ ނަމުގައި ފޮތެއްވެސް ނެރެފައެވެ.

މައިންބަފައިންގެ ފިޔަވަޅު މަތިން ބޮލީވުޑަށް ނުކުމެ ބޮޑު ކާމިޔާބެއް ހޯދި ޒުވާން ފަންނާނުންތަކެއް މިއަދުވެސް އެބަތިއްބެވެ. އާލިއާ ބަޓް، ސާރާ އަލީ ޚާން، ޖާންވީ ކަޕޫރް އަދި ވަރުން ދަވަންއަކީ އެކަމުގެ ދިރިހުރި މިސާލުތަކެވެ. އެމީހުންގެ ފިލްމުތަކާއި ލަވަތަކުގައި ދައްކަމުންދާ ހުނަރުވެރި އެކްޓިންގގެ ސަބަބުން އެމީހުންނަކީ މިހާރުގެ ޒުވާން ޖީލުގެ މެދުގައި އެންމެ މަޤުބޫލު ފަންނާނުންނެވެ.