ރޯދަ މަހުގެ ފުރަތަމަ ދުވަހު މާލޭ ސަރަހައްދުގައި ކަރަންޓު ބޭނުންކުރި މިންވަރު ދަށަށް ހިނގައްޖެއެވެ.
ސްޓެލްކޯ އިން ބުނީ މުލަ ރޯދަ ދުވަހު މާލެ އަދި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުން ކަރަންޓު ބޭނުންކުރި މިންވަރު ވަރަށް ބޮޑުތަނުން ދަށަށް ގޮސްފައިވާ ކަމަށެވެ. އަދި ރޯދަ މަހުގެ ފުރަތަމަ ދުވަހު މާލެ އާއި ހުޅުމާލޭގައި ކަރަންޓު ބޭނުންކުރެވިފައިވާ ގޮތަށް ބަލާއިރު، އެދުވަހު ވިއްސާރަވުމުންނާއި ސްކޫލްތަކާއި އޮފީސްތައް ބަންދުވުމާ އެކު، ކަރަންޓު ބޭނުން ކުރި މިންވަރު ވަރަށް ބޮޑުތަނުން ދަށަށްގޮސްފައިވާ ކަމަށެވެ.
ސްޓެލްކޯ އިން ބުނީ، ހޮނިހިރު ދުވަހު އެންމެ ޕީކްގައި 78 މެގަވޮޓް ބޭނުންކޮށްފައިވާ ކަމަށެވެ. އަދި ރޯދަ މަހުގެ ކުރިން ޕީކް ގަޑީގައި ކަރަންޓު ބޭނުންކުރާ މިންވަރު އެވްރެޖްކޮށް ހުރީ 100 މެގަވޮޓް އިން މަތީގައި ކަަމަށެވެ.
ރޯދަ މަހަކީ ކަރަންޓު ބޭނުންކުރާ ވަރު މަތިވާ މަހަކަށްވެފައި، މި ސީޒަނަށް ތައްޔާރުވުމުގެގޮތުން ސްޓެލްކޯއިން ދަނީ މަސައްކަތްތަކެއް ކުރަމުން ކަމަށް، އެކުންފުނިން މީގެ ކުރިން ބުންޏެވެ. މި މަސައްކަތުގެ ތެރެއިން އެ ކުންފުނިން ވަނީ އދ. ދަނގެތީގައި 400 ކިލޯވޮޓުގެ އިތުރު ޖަނަރޭޓަރެއް ބަހައްޓައިފަ އެވެ. މީގެ އިތުރުން މި މަސައްކަތުގެ މާލޭ ސަރަހައްދުގެ ޕަވަރ ސެކުއިރިޓީގެ ބެކަޕްގެގޮތުގައި ގްރިޑަށް އިތުރު ކުރާ 12 ޖަނަރޭޓަރު ސެޓު ބެހެއްޓުމުގެ މަސައްކަތް ސްޓެލްކޯއިން ފަށާފައިވާ ކަމަށް ވެސް، އެކުންފުނިން ބުނެއެވެ.
މިދުވަސްވަރު ރާއްޖެއަށް މޫސުން ގޯސްވެ، އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމާ ގުޅިގެން، އެކި ރަށްރަށަށް އެކި ވަރުގެ ގެއްލުންތައް ލިބިފައި ވެއެވެ. މި ސަބަބާ ހުރެ މިއަދަކީ ވެސް ބަންދު ދުވަހެއް ކަމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި އެވެ.
