އެއީ ހިތްގައިމު ފިނި ރެއެކެވެ. ރަށުގެ މަގުތަކުގައި ހިނގާ މީހުން މަދުވެ، ރޭގަނޑުގެ ހިމޭންކަން ވަނީ ރަށުގެ ކޮންމެ ކަންކޮޅަކަށް ފެތުރިފައެވެ. މުޅި ރަށުގައި އަޑުއިވެނީ ރުއްތަކުގެ ގަސްތަކުން އަންނަ ވައިގެ މިއުޒިކީ އަޑެވެ. ރަށުގެ ހުރަސް މަގުކޮޅުގައި ހުންނަ ބޮޑު ރުއްގަނޑު ތެރޭގައި އައްޔަ ހުރީ ވަރަށް ކެތްމަދުވެފައެވެ. އޭނާގެ ލޯބިވެރިޔާ ޢާއިޝާ އަންނާނެ ކަމަށް ބުނި ގަޑި ފާއިތުވެ ގޮސްފައި ވާތާ މިހާރު ވަނީ ދޮޅު ގަޑިއިރު ވެފައެވެ.
އައްޔަ އާއި ޢާއިޝާގެ ލޯބީގެ ގުޅުން ފެށުނީ މީގެ އަހަރެއް ކުރިންނެވެ. އެ ދެމީހުންނަކީ ސްކޫލުގައި އެއް ކްލާހެއްގައި ކިޔެވި ކުދިންނެވެ. ނަމަވެސް އެމީހުންގެ ލޯބީގެ ގުޅުން ފެށުނީ ސްކޫލް ނިމުމަށްފަހު އެއް އޮފީހެއްގައި މަސައްކަތް ކުރަން ފެށުމުންނެވެ. އެމީހުންގެ މި ލޯބީގެ ގުޅުމަށް ޢާއިޝާގެ މަންމަ ދެކޮޅު ހެދުމުން، އެމީހުން ބައްދަލުވާން ޖެހެނީ ވަރަށް ސިއްރުންނެވެ.
އައްޔަގެ އަތުގައި އޮތް ގަޑިއަށް ބަލާލިއެވެ. ގަޑިން ރޭގަނޑު 11:30 ވެއްޖެއެވެ. އޭނާގެ ހިތުގައި ކަންބޮޑުވުން އުފެދެން ފަށައިފިއެވެ. "ކީއްވެބާ ޢާއިޝާ ނާދެވުނީ؟ އަދިވެސް މަންމަގެ ހުއްދަ ނުލިބުނީބާ؟" މިފަދަ ޚިޔާލުތައް އޭނާގެ ސިކުނޑީގައި ބިންގާ އަޅަން ފަށައިފިއެވެ.
ކުއްލިއަކަށް އައްޔައަށް އިވުނީ ފިޔަވަޅެއްގެ އަޑެކެވެ. އޭނާ އަވަހަށް އެދިމާލަށް ބަލާލިއެވެ. އެހިނދު އޭނާއަށް ފެނުނީ ޢާއިޝާގެ ސިފައިގައި ހުރި މީހެކެވެ. އެ މަންޒަރު ފެނުމާއެކު އައްޔަގެ މޫނުމަތިން ހިނިތުންވުމެއް ފާޅުވިއެވެ. "ޢާއިޝާ! ކިހިނެއްވީ މިހާ ލަސްވީ؟" އައްޔަ އަހާލިއެވެ.
"މާފުކުރޭ އައްޔާ، މަންމަ ނިދަން ލަސްވީ. އެހެންވެ ނުކުމެވޭގޮތް ނުވީ،" އެ އަންހެން ކުއްޖާ ޖަވާބު ދިނެވެ. ނަމަވެސް އޭނާގެ އަޑު ތަންކޮޅެއް ތަފާތެވެ. އައްޔަ އެކަމަށް މާބޮޑު ސަމާލުކަމެއް ނުދެއެވެ. އޭނާ ހިތާ ހިތުން ބުންޏެވެ، "ބައެއްފަހަރު މީހުންގެ އަޑު ރޭގަނޑަށް ތަފާތުވެދާނެ ނޫންހެއްޔެވެ!."
އެ ދެމީހުން ވާހަކަ ދައްކަމުން ދިޔައެވެ. އައްޔައަށް ޝައްކު ކުރެވުނު ކަމަކީ އެ އަންހެން ކުއްޖާ ވާހަކަ ދައްކަނީ ވަރަށް މަޑުމައިތިރިކޮށް ކަމެވެ. އަދި އޭނާގެ ހަށިގަނޑު ހުރީ ވަރަށް ފިނިކޮށް ކަމެވެ. ނަމަވެސް އައްޔަ އެކަމާ މާބޮޑަށް ވިސްނާލުމެއް ނެތި، އެ ދެމީހުން ވާހަކަ ދައްކަމުން ދިޔައެވެ.
އިރުކޮޅަކުން އެ އަންހެން ކުއްޖާ ބުންޏެވެ، "އައްޔާ، މިރޭ އަހަރެން ދާންވެއްޖެ. މާދަމާ އަނެއްކާ ބައްދަލުވާނަން." އޭނާ މިހެން ބުނެ ހިނގައިގަތެވެ. އައްޔަ އޭނާއާ ވަކިވެލާފައި ގެއަށް ދިޔައެވެ.
ޖެހިގެން އައި ދުވަހު ހެނދުނު އައްޔަ ހޭލިއިރު، އޭނާގެ ހަށިގަނޑުގައި ވަރަށް ބޮޑު ވަރުބަލިކަމެއް އިހުސާސްވިއެވެ. އޭނާ އޮފީހަށް ދިޔުމަށް ތައްޔާރުވަމުން، ޢާއިޝާއަށް ގުޅާލިއެވެ. ނަމަވެސް ޢާއިޝާ ފޯނެއް ނުނެގިއެވެ. އޭނާ ހިތަށްއެރީ އޮފީހަށް ގޮސް ޢާއިޝާއާ ބައްދަލުވާނެ ކަމަށެވެ.
އޮފީހަށް ދިޔުމުން އައްޔައަށް ފެނުނީ އޭނާގެ އެކުވެރިން ވަރަށް ކަންބޮޑުވެފައި ތިބި މަންޒަރެވެ. "ކީއްވެ ތިހެން ތިތިބީ؟" އައްޔަ އަހާލިއެވެ.
"އައްޔަ، ކަލެއަށް ނޭނގޭތަ؟ ޢާއިޝާ އިއްޔެ ރޭ ނިޔާވެއްޖެ. އޭނާގެ ގެއަށް ވަޅި ހިފައިގެން ވަދެ، މަރާލައިފަ އޮތީ. އެއީ ޢާއިޝާ ކަމަށް ބެލެވެނީ،" އޭނާގެ އެކުވެރިޔާ ބުންޏެވެ.
މި ޚަބަރު އަޑުއިވުމާއެކު އައްޔަގެ ސިކުނޑި ހުއްޓުނެވެ. އޭނާއަށް ޤަބޫލެއް ނުކުރެވުނެވެ. "އެކަމަކު... އެކަމަކު... އަހަރެން ރޭ ޢާއިޝާއާ ބައްދަލުވިން. އަހަރެމެން ވާހަކަ ދެއްކިން!" އައްޔަ ބުންޏެވެ.
އެންމެން އައްޔައަށް ބަލާލީ ހައިރާންކަމާއެކުގައެވެ. "އައްޔާ، ކަލޭ ރަނގަޅަށްތަ ތިހުރީ؟ ޢާއިޝާ އިއްޔެ ރޭ 9 ޖަހާއިރު ނިޔާވީ. ކަލޭ ބައްދަލުވީ ކާކާ؟" އެހެން މުވައްޒަފަކު އަހާލިއެވެ.
އައްޔަގެ ހަށިގަނޑުން ހޮނުގުގުރިއެއް ޖެހި ފަދައެވެ. އޭނާއަށް ވަގުތުން އެނގުނެވެ! ރޭ އޭނާ ބައްދަލުވީ އައިޝާ އަކާ ނޫނެވެ. އެ ހިސާބުން ފެށިގެން އައްޔަގެ ދިރިއުޅުން ބަދަލުވެގެން ދިޔައެވެ. އޭނާއަށް ރޭގަނޑު ނިދޭކަށް ނޫޅެއެވެ. ކޮންމެ ރެއަކު އޭނާއަށް ފެންނަނީ އެ ޖިންނީގެ ސިފައިގައި ހުރި ޢާއިޝާއެވެ. އޭނާގެ ނިދި ގެއްލި، ކެއުމުގެ ރަހަ ގެއްލި، އަދި މުޅި ދިރިއުޅުން ބަދަލުވެގެން ދިޔައެވެ.
އައިޝާގެ ކުއްލި ވަކިވުމާއި، އައިޝާ މަރާލިގޮތަކާއި ބައެއްގެ ބިރުވެރިކަން އައްޔަގެ ހިތުގައި އޮވެއެވެ. އެރޭ ފެނުނު އައިޝާގެ ސޫރަކުރި ޖިންނީގެ ހަނދާންވެސް މެއެވެ. އައިޝާގެ ޤާތިލުންނަކީ ކޮންބައެއްކަން ފުލުހުންނަކަށްވެސް ނުހޯދުނެވެ. ބައެއްފަހަރު ފުލުހުން ބުނާގޮތުންނަމަ، އައިޝާއަށް ހަމަލާދީފައި އޮތީ ވަޅިއަކުންނެއް ނޫނެވެ. އެއީ ޝައިޠާނީ ވަކިތަކެކޭވެސް ހީވާ ކަހަލައެވެ. ނަމަވެސް ގިނަ ފުލުހުން އެފަދައަކުން ގަބޫލެއް ނުކުރެއެވެ. އައިޝާ ފަދަ ކުއްޖަކަށް ބަޔަކު ވަޅިން ހަމަލާއެއް ދޭންވީ ސަބަބެއްވެސް ނުވިސްނުނެވެ. ކޮންމެއަކަސް މިހުރިހާ ކަމަކުން އައްޔަގެ ސިކުނޑި ފުރި ބާރުވެ، އެ ސިކުނޑިއަށް ކެތްވާވަރެއް ނުވެއެވެ.
ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް އައްޔަގެ ހާލަތު ގޯސްވަމުން ދިޔައެވެ. އޭނާގެ އާއިލާއިންނާއި ރަހުމަތްތެރިން އޭނާ ޑޮކްޓަރަށް ދެއްކިއެވެ. ނަމަވެސް އެއްވެސް ފަރުވާއަކުން އޭނާއަށް ރަނގަޅެއް ނުވިއެވެ. އެއީ އޭނާގެ ސިކުނޑިން ދައްކާ މަންޒަރުތަކެއް ކަންވެސް އޭނާއަށް އެނގެއެވެ. ނަމަވެސް އެކަން ހުއްޓުވޭކަށް ނެތެވެ.
މިހާރަކަށް އައިސް ކޮންމެ ދުވަހަކު ވެސް އައްޔަ ހުންނާނީ އެ ހުރަސް މަގުކޮޅުގައި ހުންނަ ބޮޑު ރުއްގަނޑު ދަށުގައެވެ. އޭނާގެ ލޮލުން ކަރުނަ އޮހޮރެމުންދާއިރު، އަނގައިން ބުނަމުންދާނީ "ޢާއިޝާ، އަހަރެން މިހުރީ. އަހަރެން ކަލެއަށްޓަކައި މިހުރީ. އަހަރެންނަށް މާފުކުރޭ." މިފަދަ ބަސްތަކެވެ. ރަށުގެ މީހުންނަށް އައްޔަ މިގޮތަށް ފެނުމަކީ މިހާރު އައުކަމެއް ނޫނެވެ. ރަސުގެ ގިނަ މީހުން އޭނާއަށް ޓަކައި ހިތާމަކުރެއެވެ.
އައްޔަގެ މައިންބަފައިން ވަނީ ގޮތްހުސްވެފައެވެ. އެމީހުން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި މޮޅު ޑޮކްޓަރުންނާއި، ދުޢާވެރިންނާއި، އަދި ފަންޑިތަވެރިންގެ އެހީތެރިކަން ހޯދާފައެވެ. ނަމަވެސް އެއްވެސް ފައިދާއެއް ނުކުރިވެ. އައްޔަގެ ހާލަތު ދުވަހެއް ދުވަހަކަށް ގޯސްވަމުންދެއެވެ. އޭނާގެ ހަށިގަނޑު ދުވަހެއް ދުވަހަކަށް ނިކަމެތިވަމުންދެއެވެ.
އައްޔަގެ ހަޔާތް މިހެން ދެމިގެންދާނެތޯއެވެ؟ އޭނާއަށް އަނެއްކާވެސް އުފާވެރި ދުވަސްތަކެއް ލިބޭނެތޯއެވެ؟
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން