އެވަކާޑޯއަކީ އޭގައި ގިނަ އަދަދެއްގެ ފެޓް ހިމެނޭ މޭވާއެކެވެ. ހުޅަނގުގެ ގައުމުތަކުގައި ހެނދުނުގެ ނާޝްތާއަށް އެވަކާޑޯ ޓޯސްޓަކީ އާއްމުގޮތެއްގައި އެވެރިންގެ ސުފުރާމަތި ފަޅުފިލުވައިދޭ އެއްޗެކެވެ. އެވަކާޑޯއަކީ ދިވެހިންގެ ތެރޭގައި އާއްމުކޮށް ގަނެ އުޅޭ މޭވާއެއް ނޫންކަމުގައިވިޔަސް، މިއީ އެތައް ފައިދާތަކެއް އެކުލެވޭ، ނިއުޓްރިޝަންތަކުން ފުރިފައިވާ މޭވާއެކެވެ. އެގޮތުން 80 ގްރާމްގެ އެވަކާޑޯގައި ގާތްގަނޑަކަށް 1.5 ގްރާމްގެ ޕްރޮޓީން ހުންނައިރު، 15.6 ގްރާމްގެ ފެޓް ހުރެއެވެ. އަދި 1.5 ގްރާމްގެ ކާބޯހައިޑްރޭޓްސްއާއި 3.6 ގްރާމްގެ ފައިބަރ ހުރެއެވެ. މީގެއިތުރުން، 360 މިލިގްރާމްގެ ޕޮޓާޝިއަމް އެކުލެވިގެންވާއިރު، 2.56 މިލިގްރާމްގެ ވިޓަމިން އީ އެވަކާޑޯގައި ހުރެއެވެ. ނިއުޓްރިޝަންތަކުން މުއްސަނދިވެފައިވާ މި މޭވާއިން ލިބޭ ބައެއް ފައިދާތަކަށް ނަޒަރު ހިންގާލާނަމެވެ.

ލޮލުގެ ދުޅަހެޔޮކަމަށް އެހީތެރިވުން: އެވަކާޑޯއަކީ ވިޓަމިން އީ އިން މުއްސަނދިވެފައިވާ މޭވާއެކެވެ. އަދި ކެރަތަނޮއިޑްޒްގެ ތެރޭގައި ހިމެނޭ ލޫޓިންއާއި ޒިއަޒަންތެން ވެސް ގިނަ އަދަދަކަށް އެވަކާޑޯގައި އެކުލެވެއެވެ. މި މާއްދާތަކަކީ ލޮލުގެ ދުޅަހެޔޮކަމަށް އެހީތެރިވެދޭ މާއްދާތަކެވެ. މީގެއިތުރުން، އެވަކާޑޯގައި ހިމެނޭ ކެރަތަނޮއިޑްޒްގެ 90 އިންސައްތައަކީ، ލެޔާއި ސިކުނޑިއާ ދެމެދުގައިވާ އިންފާރު ނުވަތަ ބެރިއަރ ހުރަސްކުރުމުގެ ޤާބިލްކަން ލިބިފައިވާ ތަކެއްޗެވެ. އެތަނުގައި ސިކުނޑި ރައްކާތެރިކޮށްދީ، އެތަކެތި ލޮލަށް ޖަމާވެއެވެ. މީގެ ސަބަބުން ލޮލުގެ ލެންސް ހިރަފުސްވުމާއި ލޮލުގެ ރެޓީނާގެ މެދަށް (ލޮލުގެ ފެނުން ސާފުކޮށްދޭ ތަން) ގެއްލުން ލިބުމުން ރައްކާތެރިކޮށްދެއެވެ. 

ހިތުގެ ދުޅަހެޔޮކަން އިތުރުކުރުން: އެވަކާޑޯގެ 60 އިންސަންތަ ފެޓަކީ ހަށިގަނޑަށް ފައިދާ ހުންނަ ފެޓެވެ. ދިރާސާތަކުން ދައްކާ ގޮތުގައި، އެއީ ހިތުގެ ބަލިތަކުން ސަލާމަތްކޮށްދީ ރައްކާތެރި ކޮށްދޭ އެއްޗެކެވެ. އަދި އޭގެ ސަބަބުން ލޭގެ ޕްރެޝަރވެސް ދައްކޮށްދެއެވެ. ހަމައެހެންމެ، އެވަކާޑޯގައި ޕޮޓާޝިއަމްއާއި ފައިބަރ އެކުލެވިގެންވެއެވެ. މި މާއްދާތަކަކީ ހިތަށާއި ލޭ ދައުރުކުރާ ނިޒާމަށް ފައިދާހުރި ތަކެއްޗެވެ.

ކޮލެސްޓްރޯލް ކޮންޓްރޯލްކުރުމަށް އެހީތެރިވެދިނުން: އެވަކާޑޯގައި ޕޮލިއަންސެޗުރޭޓެޑް ފެޓް އަދި ލައިނޯލެނިކް އެސިޑް ކިޔާ މާއްދާތަކެއް އެކުލެވިގެންވެއެވެ. މި މާއްދާތަކަކީ ބެލެންސްޑް ޑައިޓެއްގައިވެސް ހިމަނާ، ކޮލެސްޓްރޯލް ކޮންޓްރޯލް ކުރުމަށް މަގުފަހިކުރުވާ މާއްދާތަކެކެވެ. މީގެ އިތުރުން، އެވަކާޑޯއަކީ ފައިޓޮސްޓްރޯލްސް އެންމެ ގިނަ އަދަދަކަށް ލިބޭ މޭވާއެވެ. ގާތްގަނޑަކަށް މޭވާގެ އެއްބައިގައި އެ މާއްދާގެ 57 މިލިގްރާމް ހުރެއެވެ. މި މާއްދާއަކީ ނުބައި ކޮލެސްޓްރޯލް (އެލްޑީއެލް) ދަށްކޮށްދޭ މާއްދާއެކެވެ.

ކެއުމުގެ ރަހަ ކޮންޓްރޯލް ކުރުމަށް އެހީތެރިވުން: ދިރާސާއަކުން ހާމަވާ ގޮތުގައި، އެވަކާޑޯގައި ހިމެނޭ ފެޓް އަދި ފައިބަރގެ ސަބަބުން ބަނޑުފުރޭކަމުގެ އިޙްސާސް އަހަރުމެންނަށް ކުރެވެއެވެ. މީގެ ސަބަބުން ކާ ހިތްވުމާއި ނުވުމާ، ކެއުމުގެ ރަހަ ކޮންޓްރޯލް ކުރަން އެހީތެރިވެދެއެވެ. އަދި ދުވަހުގެ ފަހުކޮޅުގައި ސިއްޙަތަށް ފައިދާހުރި ކާނާ އިޙްތިޔާރުކުރުމަށް މަގުފަހި ކުރުވައެވެ.

މިނޫންވެސް ފައިދާތައް އެވަކާޑޯއިން ލިބެއެވެ. އެގޮތުން ހަމުގެ ދުޅަހެޔޮކަމާއި ގޮހޮރުގެ ދުޅަހެޔޮކަމުގެ އިތުރުން، ކަށިތަކާއި ހުޅުތަކަށްވެސް އެވަކާޑޯއަކީ ފައިދާހުރި މޭވާއެކެވެ. އެވަކާޑޯއިން ލިއްބައިދޭ ސިއްޙަތަށް ފައިދާހުރި މާއްދާތައް ދެނެގަނެ، އެވަކާޑޯ ބޭނުންކުރުމަކީ ދުޅަހެޔޮ ސިއްޙަތަކާއި ދިރިއުޅުމަކަށް އެޅިދާނެ ފިޔަވަޅެކެވެ. ނަމަވެސް އެވަކާޑޯ ބޭނުންކުރަންވާނީ އެ މޭވާއަށް އެލާޖިކް ނުވާނަމައެވެ.